ސަރުކާރު ހަމަ މަގަށް އެޅުވުމުގެ މަސައްކަތަށް، އެމްޑީޕީއާއި ޑީމޮކްރެޓްސް ގުޅުމުގެ ހިޔާލަށް ފައްޔާޒުގެ ތާއީދު

މިހާރުގެ ސަރުކާރު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކުރުމަށް ޓަކައި، އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމުގެ ހިޔާލަށް ތާއީދު ކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ހިޔާލުތަފާތުވުންތަކުގެ ސަބަބުން މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި ނަޝީދު، ދެ ޕާޓީއަށާއި ރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތަކީ ދެ ޕާޓީ ގުޅުން ކަމަށް ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން،" އެމްޑީޕީގެ ލީޑަރެއްގެ ގޮތުގައި އެތައް އަހަރަކު ހުންނެވި ނަޝީދު އެކްސްގައި ލިޔުއްވި އެވެ.
ބުނީ ކީކޭ؟ - އެކަމާ ގުޅޭ ގޮތުން ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތަކާއި އެމްޑީޕީގެ ބަހެއް ހޯދުމަށް ސުވާލު ކުރުމުން އޭނާ 'ދައުރު'އަށް ވިދާޅުވީ ޑިމޮކްރެސީ އާއި ގާނޫނުއަސާސީގެ ދިފާއުގައި އެމްޑީޕީން ކުރާ މަސައްކަތުގައި ބައިވެރިވުމަށް ފުރުސަތު އޮންނާނެ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރު ވެސް އޮންނާނީ އެ ގޮތަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމީ މަޖިލީހުން ގަރާރެއް ވެސް ފާސްކޮށްފައި އޮންނާނެ. ގާނޫނުއަސާސީ ނެގެހެއްޓުމަށް ޓަކައި އަޅުގަނޑުމެންނާ އެކީ މަސައްކަތް ކުރަން ތިބި ޕާޓީތަކާއި އަދި ޖަމިއްޔާޖަމާއަތްތަކަށް ވެސް ގުޅެން ގޮވާލާފައި އޮންނާނީ އެ ގަރާރުގައި،" އޭނާ ވިދާޅުވި އެވެ.
ދެ ޕާޓީ ގުޅެން ނަޝީދުގެ ވިސްނުންފުޅު ހުންނެވި ސީދާ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ކޮންމެ ސިފައެއްގައި ނަމަވެސް ދެ ޕާޓީ ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށް އެމްޑީޕީން މަރުހަބާ ކިޔާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެހެން ކޯލިޝަން ހަދައިގެން އަދި މަސައްކަތް ކުރާ ވާހަކައެއް ވެސް ނޫން. ރިޔާސީ އިންތިހާބު ވެސް އަދި އޮތީ މާ ދުރުގައި. މި ވަގުތު މި ސަރުކާރުން ގައުމަށް ހަދަމުންދާ ގޮތުން ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް މާ މުހިންމު،" ފައްޔާޒު ވިދާޅުވި އެވެ.
ނަޝީދު ހިމެނޭހެން ޑިމޮކްރެޓްސްއިން އެމްޑީޕީއާ ގުޅެން ތިބި މެންބަރުންނަށް އެމްޑީޕީން މަރުހަބާ ކިޔާނެ ކަން ވެސް ފައްޔާޒު ފާހަގަކުރެއްވި އެވެ.
ފަސްމަންޒަރު - ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދަކީ ގާތްގަނޑަކަށް 15 އަހަރު އެމްޑީޕީގެ ލީޑަރެވެ. އަދި 2008، 2013 އަދި 2018ގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ނަޝީދެވެ.
އެކަމަކު 2018ގައި ނަޝީދަށް އިއްވި ޖަލު ހުކުމެއްގެ ސަބަބުން އިންތިހާބުގައި ވާދަނުކުރެވޭނެތީ އެ ޕާޓީގެ ކޮންގްރެސް މެދުވެރިކޮށް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ދިނީ އެވެ. ސޯލިހަށް ޕާޓީގެ ބާރު ލިބުނު ފަހުން ނަޝީދާ ހިޔާލު ތަފާތުވުން ދިޔައީ ބޮޑުވަމުންނެވެ.
ޕާޓީގެ އެތެރޭގައި ނަޝީދުގެ ނުފޫޒު ދެން ދިޔައީ ކުޑަވަމުންނެވެ. ސަރުކާރާ ދެކޮޅަށް ޕާޓީގެ ތެރޭގައި މަަސައްކަތް ކުރަން ފެށުމުން ފުރަތަމަ ކަނޑައިލީ އޭރުގެ މަޖިލިސް މެންބަރު އަލީ އާޒިމެވެ. އޭގެ ފަހުގައި ނަޝީދުގެ ވަފާތެރިން ނިންމެވީ އާ ޕާޓީއެއް އުފެއްދެވުމަށެވެ.
އެނގުން މުހިންމު - އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުމަށް ނަޝީދު ތާއީދުކުރައްވައި ވާހަކަ މި ދެއްކެވީ، ކުރީގެ ރައީސް ސޯލިހު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އަޑުތަް ގަދަވެފައި ވަނިކޮށެވެ.
ސޯލިހުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ ރިޔާސީ އިންތިހާބުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ރިޔާސީ އިންތިހާބަށް މަސައްކަތް ކުރައްވާ ކަމުގެ މައުލޫމާތު ލިބެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޑިމޮކްރެޓްސްއަށް އެއްވެސް އިންތިހާބަކުން މާ ބޮޑު ތާއީދެއް ނުލިބުނެވެ. އަދި އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް އެއްވެސް ގޮނޑިއެއް ނުލިބެ އެވެ.
ޑިމޮކްރެޓްސް އުފެއްދުވުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވެސް މިހާރު އަނބުރާ އެމްޑީޕީއަށް ވަނީ ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްގެ ފުރަތަމަ ރައީސް ހަސަން ލަތީފާއި ފުރަތަމަ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ