ލިވަޕޫލުން ރާއްޖޭގައި އެކެޑަމީއެއް ހުޅުވަން ހުށަހަޅާފައިވާ ކަމަށް ސަރުކާރުން ބުނެފި ލިވަޕޫލުން ރާއްޖޭގައި އެކެޑަމީއެއް ހުޅުވަން ހުށަހަޅާފައިވާ ކަމަށް ސަރުކާރުން ބުނެފި

ދިވެހިރާއްޖެ އަކީ އެ ޓީމުގެ ރަސްމީ ޓޫރިސްޓު މަންޒިލުގެ ގޮތުގައި މި ފަހުން ހަމަޖެއްސި އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކްލަބު، ލިވަޕޫލް އެފްސީން ރާއްޖޭގައި ޓްރެއިނިން އެކެޑަމީއެއް ހުޅުވަން ހުށަހަޅާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ދިވެހި ސަރުކާރުން މިކަން ފުރަތަމަ އިއުލާނު ކުރީ ރާއްޖެ އިޝްތިހާރު ކުރުމަށް ލިވަޕޫލް އާއެކު ވީ އެއްބަސްވުމާ ގުޅިގެން ޓޫރިޒަމް އިސްތިހާރުކުރާ ސަރުކާރުގެ ކުންފުނި އެމްއެމްޕީއާރުސީން ނެރުނު ބަޔާނުގަ އެވެ. ނަމަވެސް އެކަން އިއުލާނުކޮށް ލިވަޕޫލުން ނެރުނު ބަޔާނުގައި އެކެޑަމީގެ ވާހަކައެއް ނެތެވެ.
ލިވަޕޫލުން އެކެޑަމީ ހުޅުވަން ހުށަހެޅިކަން ދިވެހި ސަރުކާރުން އިއްޔެ އިއުލާނު ކުރީ އެ ކްލަބުން ރާއްޖެ އިޝްތިހާރު ކުރަން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު ޔޫކޭއަށް ކުރެއްވި ދަތުރަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
ރައީސް މުއިއްޒުގެ ދަތުރުގައި ސަރުކާރުގެ ވެރިންނާއި ލިވަޕޫލުގެ އިންޓަނޭޝަނަލް އެކެޑަމީގެ އިސް އޮފިޝަލުން ބައްދަލުކޮށް ޕްރެޒެންޓޭޝަނެއް ހުށަހެޅި ކަމަށާއި އެކެޑަމީ ހުޅުވުމާ ގުޅޭ ތަފުސީލު ހުށަހެޅީ މި ބައްދަލުވުމުގައި ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.
"އެބޭފުޅުންގެ އެކަޑަމީގެ ވައިސް ޕްރެޒިޑެންޓް އެންމެ ސީނިއާ ޑިވަލޮޕްމެންޓް ކޯޗު، ސީނިއާ ބިޒިނަސް މެނޭޖަރު ވެސް ހިމެނޭ ގޮތަށް، ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ބައްދަލުވުމެއް އެއީ،" އޭނާ ވިދާޅުވި އެވެ.
ކުޅުންތެރިން ތަމްރީނުކުރުމުގެ އިތުރުން ރާއްޖޭގައި ލިވަޕޫލްގެ ކޯޗުން އުފެއްދުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަ ދެކެވުނު ކަމަށްވެސް ރާފިއު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވެސް އެއްބަސްވެވުނީ އެބޭފުޅުންގެ މިނިމަމް ރިކުއާމެންޓަކީ ކޮބާތޯ؟ މި ކަންފަށަށް ކޮންކަހަލަ ކަންތައްތަކެއް ކޮންކަހަލަ ފެސިލިޓީއެއްތޯ ބޭނުންވާނީ އަދި އިންޓްރެސްޓެޑް ކޯޗުންނަކީ ކޮންބައެއްކަން ދެނެގަތުން" އެކެޑަމީއާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.
ޕީއެސްއެމް އަށް ދެއްވި އިންޓަވިއުގައި މިކަންކަމަށް އިތުރު އެއްބަސްވުމެއް ހަދާނެ ކަމުގެ އިޝާރާތެއް ވަޒީރު ދެއްވި ނަމަވެސް އެމްއެމްޕީއާރުސީން މީގެ ކުރިން ބުނެފައިވަނީ އެކެޑަމީ އަޅަނީ މި ފަހުން ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށެވެ.
ލިވަޕޫލުން ވަނީ މީގެ ކުރިން މޮރިޝަސްގައި ވެސް އެކެޑަމީއެއް ހުޅުވާފަ އެވެ. މިހާރުވެސް ހިދުމަތް ދެމުންދާ އެ އެކަޑެމީ އަންނަ މަހު ބަންދުކުރާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެފައިވެ އެވެ.
ރާއްޖެ ޕްރޮމޯޓުކުރުމުގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ލިވަޕޫލުން އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށްވެސް އެ ކްލަބުން ބުނެފައިވެ އެވެ.
ލިވަޕޫލް ނިސްބަތްވާ އިނގިރޭސިވިލާތަކީ މި އަހަރު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. އެ ކްލަބުގެ އެތައް މިލިއަން ސަޕޯޓަރުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭއިރު ރާއްޖޭގެ އާބާދީގައިވެސް ލިވަޕޫލް ސަޕޯޓަރުންގެ އަދަދު ގިނަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ