ސިޔާސީ ބޭނުމެއްގައި ކުށެއްނެތް މައުސޫމް ކުއްޖެއްގެ އަބުރު ކަތިލާ ކަރާމާތް ގެއްލުވާލިކަމުގެ ކުށުގެ ދައުވާ އިން މަންދި ޒުބައިރުގެ މައްޗަށް ދައުވާ އުފުލާ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީން ގޮވާލައިފި އެވެ.
އެ ސޮސައިޓީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ކުޑަކުދީންނަކީ ޚާއްސަ އޯގާތެރިކަމެއް ދޭން ޖެހޭ ބައެއް ކަމަށް ކަނޑައަޅާފައިވާއިރު އަދި ހަނގުރާމަތަކުގައި ވެސް ކުޑަކުދީން މަރާ ހެދުމަކީ ކުށެއްކަން ކަނޑައަޅާފައިވުމުން ހާމަކޮށްދެނީ ކުދީންގެ ކަރާމާތަށް ދީނުގައި ބާރުއަޅާފައިވާ މިންވަރު ކަމަށެވެ.
ނަމަވެސް މިހުރިހާ ކަމަކަށް ގޮންޖަހައި، ދާދިފަހުން އެމްޑީޕީން ބޭއްވި މުޒާހަރާގައި ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަނެ އެކުއްޖާއާ ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ޢާންމު ތަނެއްގައި ފެތުރި ފެތުރުން އެ ޖަމިއްޔާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެފައިވެއެވެ.
Advertisement
އަދި މިފަދަ ކަންކަމަކީ ސީރިއަސް ކުށެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށާ އެފަދަ ކަންކަމަކީ އަޅާނުލާ ދޫކޮށްލައިފިނަމަ މިހާރަށްވުރެ ބޮޑަށް މިފަދަ ކުށްތައް އާންމު ވެގެންދާނެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުންޏެވެ.
މިއާއެކު އެ ބަޔާނުގައި ބުނީ، ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑަށް އޮތް ނަމަވެސް އަދި ސިޔާސީ ގޮތުން އެއްބަޔަކު އަނެއްބަޔަކަށް ކިތަންމެ ފާޑުކީ ނަމަވެސް އެއްވެސް ފަރާތަކުން ކުޑަކުދީންނާ ގުޅޭގޮތުން އެފަދަ ވާހަކައެއް ދައްކާ، ކުދީންގެ ހައްގާއި ކަރާމާތް ގެއްލުވާލުމަކީ އެއްވެސް މިންވަރަކަށް ތަހަންމަލު ކުރެވޭނެ އަދި ބަލަން ތިބެވޭނެ ކަމެއް ނޫން ކަމަށެވެ.
"މި މައްސަލާގައި މި ޖަމިއްޔާއިން ބަޔާން ނެރުނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް އަމާޒުކޮށް ދެއްކި ވާހަކައަކަށް ވީތީއެއް ނޫން. އެހެން ނަމަވެސް އެބޭފުޅާއަކީ ވެސް ކުޑަކުއްޖެއް ކަމުގައިވެފައި އެބޭފުޅާގެ ވެސް ހައްޤަކާއި އަބުރަކާއި އިއްޒަތަކާއި އަދި ކަރާމާތެއް ވާނެތީ" ބަޔާނުގައި ބުނެފައިވެއެވެ.
އެފަދަ ހަޤީޤަތެއް ނެތް ވާހަކަ ދެއްކުުމުގެ ސަބަބުން ނަފްސާނީ ގޮތުން މި ހާދިސާ ރައްދުވާ ކުއްޖާއާ އެކުއްޖާގެ އާއިލާއަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
”ސިޔާސީ ބޭނުމެއްގައި ކުށެއްނެތް މައުސޫމް ކުއްޖެއްގެ އަބުރު ކަތިލާ ކަރާމާތް ގެއްލުވާލިކަމުގެ ކުށުގެ ދައުވާ މަންދި ޒުބައިރުގެ މައްޗަށް އުފުލުމަށް ގޮވާލަމެވެ. މި މައްސަލަ ސީރިއަސް ކްރައިމްއެއްގެ ގޮތުގައި ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގޮވާލަމެވެ. އަދި ދައުވާ ކުރަންޖެހޭ ފަރާތްތަކަށް ދައުވާ ކުރެއްވުމަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުއްވައި ދެއްވުން އަވަސްކޮށްދެއްވުމަށް ކޮމިޝަނަރ އަރިހުން އެދެމެވެ“ ބަޔާނުގައި ވެއެވެ
އެ ޖަމިއްޔާ އިން ބުނީ އެ މައްސަލައަށް ތަދައްޚުލުވާނެ ކަމަށާ އެކަމަށް މިހާރު ތައްޔާރު ވަމުންއަންނަ ކަމަށެވެ.
ސިޔާސީ ބޭނުމެއްގައި ކުޑަކުއްޖެއްގެ އަބުރު ކަތިލިކަމުގެ ދައުވާ، މަންދީގެ މައްޗަށް ކުރުމަށް ގޮވާލައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ