އަހަރުގެ މިހާތަނަށް ދައުލަތުން އެންމެބޮޑު ހޭދައެއްކޮށްފައިވަނީ، ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ދަރަނިތައް އަނބުރާ ދެއްކުމަށްކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން ނެރެފައިވާ ދައުލަތުގެ ހަރަދުތައް ހިނގިގޮތުގެ ހިސާބުތަކަށް ބަލާއިރު، މިހިނގާ މާޗްމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ލޯނުތައް އަނބުރާ ދެއްކުމަށް ވަނީ، 2.9 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލޯނުތައް އަނބުރާ ދެއްކުމަށް ކުރި ހަރަދު އުޅެނީ، 792.1 މިލިއަން ރުފިޔާގައެވެ.
މިއަހަރުގެ އިތުރުން އަންނަ އަހަރަކީ ބޭރުގެ ދަރަނިތައް ދެއްކުމަށް ބޮޑެތި އަދަދުތަކެއް ހޭދަކުރަންޖެހޭނެ ދެ އަހަރުކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.
Advertisement
އެގޮތުން ރާއްޖެއިން ވަނީ މިދިޔަ ހަފްތާގައި 100 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި އަނބުރާ ދައްކާފައެވެ. އެމްޑީޕީގެ ވެރިކަމުގައި މި ލޯނު ނަގާފައިވަނީ، 2022 ވަނަ އަހަރު އެމެރިކާގެ ކާގިލް ފައިނޭންޝަލް ސަރވިސް އިންޓަނޭޝަނަލްއިންނެވެ. ލޯނު ނަގާފައިވަނީ ބަޖެޓް ސަޕޯޓުގެ ގޮތުގައެވެ. އެ ލޯނު ނަގާފައިވަނީ، 7.15 އިންޓަރަސްޓް ރޭޓްގައި 3 އަހަރުދުވަހުގެ ތެރޭގައި އަގު އަދާކުރާގޮތަށް ކަމަށެވެ. މި ސަރުކާރުން އެ ލޯނު ދައްކާ ނިންމާފައިވަނީ އިންޓަރެސްޓާއެކުގައެވެ.
މާލީ ވުޒާރާއިން ބުނާގޮތުގައި ކުރިއަށްއޮތް 2026 ވަނަ އަހަރު ވެގެންދާނީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ބޮޑު އަދަދަކުން ދަރަނިތައް ދައްކަންޖެހޭނެ އަހަރަށެވެ. އެގޮތުން ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓާއެކު 1 ބިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހޭަނޭކަމަށް މާލީ ވުޒާރާއިން ބުނެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 15 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.
އަންނަ އަހަރު ދައްކަންޖެހޭ 1 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ 2021 ވަނަ އަހަރު ވިއްކާފައިވާ ސަވަރިން ސުކޫކަށް ދައްކަންޖެހޭ 500 މިލިއަން ޑޮލަރެވެ.
ބޭރުގެ އިދާރާތަކަށް ދައްކަންޖެހޭ ލޯނުތައް އަދާކުރަންޖެހޭ މުހުލަތު ކައިރިވަމުން އަންނައިރު، އެންމެބޮޑު ކަންބޮޑުވުމަކީ ކުރީ ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު އިންޓަރެސްޓަކާއެކު ލޯނުތައް ނަގާފައިވުންކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.
ލޯނުތައް އަނބުރާ ދެއްކުމަށް ދައުލަތުގެ ބައިތުލްމާލުން ބޮޑު ހޭދައެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ