ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހުން ގާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީނުކުރައްވަން، ރައީސް މުއިއްޒަށް ބަންޑަރަ ނައިބު ލަފާ ދެއްވީ، ފަނޑިޔާރުން ވަކިކުރުމަށް އޮންނަ އޫސޫލާ ހިލާފުވާތީ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީނުކުރައްވަން، ރައީސް ޑރ މުހައްމަދު މުއިއްޒަށް ބަންޑަރަ ނައިބު އަހުމަދު އުޝާމް ލަފާ ދެއްވީ، ފަނޑިޔާރުން ވަކިކުރުމަށް އޮންނަ އޫސޫލާ ފުށުއަރާތީކަމަށް ބުނެފި އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ ބެންޗު، ފަސް ފަނޑިޔާރުންނަށް މަދުކުރަން ހުށަހަޅުއްވާފައިވަނީ، ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑައިގެންނެވިޔަސް، އޭނާ އެ ބިލު ހުށަހަޅުއްވާފައިވަނީ އަމިއްލަ ގޮތުންނެވެ.ނަމަވެސް، އެ ބިލު ޕީއެންސީގެ މެމްބަރުންގެ ތާއީދާ އެކު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ. އެ ބިލު ފާސްކުރިތާ ގާތްގަނޑަކަށް ދެ ހަފްތާ ފާއިތުވެފައިވާއިރު، ރައީސް އޮފީހުން ރޭ ބުނީ، އެ ބިލު ތަސްދީގު ނުކުރައްވައި، އެ ބިލާ މެދު އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ މަޖިލީހަށް ރައީސް މުއިއްޒު އިއްޔެ ފޮނުއްވާފައިވާ ކަމަށެވެ.
އެ ބިލު ތަސްދީގު ކުރަން ނުފެންނަ ކަމަށް ވިދާޅުވެ، ބަންޑާރަ ނައިބު ރައީސަށް އެރުވި ލަފާގައި ވިދާޅުވީ، މި ބިލު ތަސްދީގުކުރައްވައި، އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކިކުރާ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލިހަށް ހުށަހަޅަން ވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ގާނޫނުއަސާސީގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރު ނުވެ މަސައްކަތް ކުރައްވާހާ ހިނދަކު އެ ފަނޑިޔާރުން ވަކިކުރަން އެ ކޮމިޝަނުން ހުށަހެޅިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އަދި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ޖޭއެސްސީން މިހާރު ބަލަމުން ދާއިރު، އެ މައްސަލަތަކާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން މި ބިލުގެ ދަށުން، މަގާމަށް ގާބިލް ނޫން ފަނޑިޔާރުން ކަނޑައެޅުމަކީ އުސޫލުން ބޭރު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭޖީގެ ލަފާގައިވެ އެވެ.
ބިލްގައި މިހާރު ކަނޑައަޅާފައިވާ ގޮތަށް އަމަލު ކޮށްފި ނަމަ އެ އުސޫލާ ފުށުއަރާނެތީ، އެ ބިލު ތަސްދީގުކުރަން ފެނިވަޑައިނުގަންނަވާ ކަމަށް އުޝާމް ވިދާޅުވެފައިވެ އެވެ.
މި ބިލު މަޖިލީހަށް ހުށަހެޅީ، މަޖިލީހަށް އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ރާއްޖޭގެ އެންމެ މަތީ ކޯޓުން ނިންމާފައިވަނިކޮށެވެ.ސުޕްރީމް ކޯޓުން މި ގޮތަށް ނިންމީ، ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކާ މެދު ހުށަހަޅާ މައްސަލައެއް ބެލުމުގެ އިހުތިސާސެއް އެއްވެސް ކޯޓަކަށް ނޯންނާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފައިވަނިކޮށެވެ.އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް، ފަށަން ތައްޔާރުވެފައިވަނިކޮށް، އެ ބިލު ފާސްކުރުމުގެ ކުރިން އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ޖޭއެސްސީން ވަނީ ފަނޑިޔާރު އަލްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން ސަސްޕެންޑުކޮށްފަ އެވެ. އޭގެފަހުން ސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭސީސީން ބަލަމުންދާ މައްސަލަ އާ ގުޅިގެން، ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒް ވަނީ ޖޭއެސްސީއަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ބިލު ތަސްދީގުނުކުރަން ލަފާދިނީ ފަނޑިޔާރުން ވަކިކުރުމުގެ އުސޫލާ ފުށުއަރާތީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ