އެޕްރީލް | ޓޫރިސްޓުންގެ 44 ޕަސެންޓް ތިބީ މާލެ އަތޮޅުގަ

ކ. އަތޮޅުގައި ހިންގާ 58 ރިސޯޓުގައި ޖުމްލަ 15,242 އަށްވުރެ ގިނަ ޓޫރިސްޓު އެނދު އެބަހުއްޓެވެ. އަދި އެކި ރަށްރަށުގައި ޖުމްލަ 295 ގެސްޓްހައުސްއެއްގައި 6,950 އެނދު އެބަހުއްޓެވެ. މީގެ އިތުރުން ނުވަ ހޮޓަލުގައި 1,316 އެނދު އެބަހުއްޓެވެ.
ރާއްޖެ އަންނަ ޓޫރިސްޓުން މުޅިރާއްޖެ އަށް ބެހިގެން ދަނީ ކިހާ ވަރަކަށް ހެއްޔެވެ؟ މާލެއާ ދުރު އަތޮޅުތަކަށް ޓޫރިޒަމް "ކޭކު ފޮތިން" ކިހާ ވަރެއްގެ މަންފާއެއް ކުރޭ ހެއްޔެވެ ؟ 
ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން އެނގޭ ގޮތުގައި ދަތުރުފަތުގެ ފަސޭހައާއި އެ ނޫން ވެސް އިނާޔަތްތައް އޮތުމުން ޓޫރިޒަމް ފުޅާވުމުގައި ހަލުވިކޮށް އޮތީ ކ، އަތޮޅެވެ. މައުލޫމާތުތައް ދައްކާ ގޮތުން މާލެ އަތޮޅުގައި ހިންގާ 58 ރިސޯޓެއްގައި ޖުމްލަ 15,242 އަށްވުރެ ގިނަ ޓޫރިސްޓު އެނދު އެބަހުއްޓެވެ. އަދި މި އަތޮޅުގެ ރަށްރަށުގައި ޖުމްލަ 295 ގެސްޓްހައުސްއެއްގައި 6,950 އެނދު އެބަހުއްޓެވެ. މީގެ އިތުރުން ނުވަ ހޮޓަލެއްގައި ޖުމްލަ 1,316 އެނދު އެބަހުއްޓެވެ.
ޓޫރިޒަމުން ބުނި ގޮތުގައި މިދިޔަ އެޕްރީލް މަހު ރާއްޖެ އައި ޓޫރިސްޓުންގެ 44 ޕަސެންޓް މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ކ. އަތޮޅު ނުވަތަ މާލެ އަތޮޅު ގެ ޓޫރިސްޓުން ހިދުމަތްދޭ ތަންތަނުގަ އެވެ. އެ މަހު ރާއްޖެ އަށް ޖުމްލަ 193,493 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު މީގެތެރޭން 87,487 ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވަނީ މާލެ އަތޮޅުގަ އެވެ. އެޕްރީލް މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި 809,545 ޓޫރިސްޓުންގެ ތެރޭން 358,673 ޓޫރިސްޓުން މަޑުކޮށްފައިވަނީ މާލެ އަތޮޅުގަ އެވެ. 
މާލެ އަތޮޅު ފިޔަވައި އެންމެ ގިނަ ޓޫރިސްޓުން މިދިޔަ މަހު ޗުއްޓީ ހޭދަކޮށްފައިވަނީ އދ. އަތޮޅުގަ އެވެ. މި އަތޮޅުގެ 16 ރިސޯޓެއްގައި 3,366 ޓޫރިސްޓު އެނދާއި 101 ގެސްޓްހައުސްއެއްގައި ޖުމްލަ 1,469 އެނދު ހުރިއިރު މި ތަންތަނުގައި މިދިޔަ މަހު 18,474 ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވެ އެވެ. ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ ރ. އަތޮޅުގަ އެވެ. އެ އަތޮޅުގެ 17 ރިސޯޓެއްގައި ޖުމްލަ 4,548 އެނދު ހުރިއިރު އެއް ހޮޓަލުގައި 300 އެނދު އެބަހުއްޓެވެ. އަދި މި ތަންތަނުގައި ޖުމްލަ 15,815 ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވެ އެވެ. އަދި ބ. އަތޮޅުގެ 17 ރިސޯޓެއްގައި 3,172 އެނދު ހުރިއިރު 70 ގެސްޓްހައުސްގައި ޖުމްލަ 1,014 އެނދު ހުރިކަމަށް ދައްކަ އެވެ. މި އަތޮޅުގައި މިދިޔަ މަހު 11,230 ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވެ އެވެ. 
މާލެއާ ދުރު އަތޮޅުތަކުން އެންމެ ގިނައިން ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައި ވަނީ ގއ. އަތޮޅުގަ އެވެ. އެ އަތޮޅުގައި ހަ ރިސޯޓެއްގައި 1,301 އެނދު އެބަހުއްޓެވެ. އަދި 12 ގެސްޓްހައުސްއެއްގައި 108 އެނދު އަދި އެ ހޮޓަލުގައި 144 އެނދު އެބަހުއްޓެވެ. މިތަންތަނުގައި އެޕްރީލްމަހު 2,980 ޓޫރިސްޓުން އަދި އެޕްރީލްމަހާ ހަމައަށް މި އަހަރު 11,681 ޓޫރިސްޓުން ވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވައި ޝެޑިއުލް ދަތުރުތައް ކުރާ އައްޑޫ ސިޓީގައި އެޕްރީލްމަހު ޗުއްޓީ ހޭދަކުރީ 1,566 ޓޫރިސްޓުންނެވެ. އަދި މި އަހަރުގެ އެޕްރީލްގެ ނިޔަލަށް 8,429 ޓޫރިސްޓުން ޗުއްޓީ ހޭދަކުރި ކަމަށް ދައްކަ އެވެ. އަދި ޝާކް ޕޮއިންޓާއެކު އިސްތިހާރު ކުރަމުން ގެންދާ ފުވައްމުލަކުގައި އެޕްރީލް މަހު 742 ޓޫރިސްޓުން އަދި މި އަހަރުގެ މިހާތަނަށް 3,136 ޓޫރިސްޓުން ވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ. ޓޫރިޒަމްގައި ވާދަވެރި މި އަތޮޅުގެ ތެރޭން ފުވައްމުލަކުގައި ރިސޯޓެއް ނުހުރެ އެވެ. ނަމަވެސް އައްޑޫގައި މިވަގުތު ވެސް އެއް ރިސޯޓުގައި ޖުމްލަ 260 އެނދު އޮޕަރޭޝަނުގައި އެބަހުއްޓެވެ. އަދި 19 ގެސްޓްހައުސްއެއްގައި ޖުމްލަ 290 އެނދު އެބަހުއްޓެވެ. ފުވައްމުލަކުގައި ހުރީ 25 ގެސްޓްހައުސްއެއްގައި ޖުމްލަ 370 އެނދެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ