ކަރަންޓުގެ އާ ޓެރިފްތައް: ބިލުން ފެންނާނީ ކިހާވަރެއްގެ ލުޔެއް؟

އާންމު ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓު ކުޑަކުރިކަން ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭގަ އެވެ.
ހުރިހާ ބޭންޑުތަކުން ޓެރިފް ނަގާ ރޭޓު ކުޑަކޮށްފައިވާއިރު، އެކަން ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތަކަށް މެނޭޖުކުރަން ކަމާ ބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވާފަ އެވެ.
އާ ޓެރިފް ރޭޓުތަކާ އެކު ކަރަންޓު ބިލުން ފެންނާނެ ލުއި ކޮންމެވެސް ވަރަކަށް ހިސާބުކޮށްލެވިދާނެ އެވެ.
ތިރީގައި މި ހިމަނާލަނީ މިހާރުގެ ބޭންޑު ރޭޓުން 500ރ.އަށް ވުރެ ކުޑަ ބިލަކާއި އެއަށް ވުރެ ބޮޑު ބިލަކާއި 3،000ރ.އަށް ވުރެ ބޮޑުކޮށް އަރާ ބިލުތަކެއް، އާ ރޭޓުތަކުން ހިސާބުކުރުމުން އަރާވަރުގެ އަންދާޒާއެކެވެ.
ކުރިން:
0 - 100 ޔުނިޓުގެ ބޭންޑަށް (1.50ރ.ގެ ރޭޓުން) 140ރ.
101 - 200 ޔުނިޓުގެ ބޭންޑަށް (1.70ރ.ގެ ރޭޓުން) 72.54ރ.
ފިއުލް ޑިސްކައުންޓަށް 16-ރ.
އޭޕްރީލްގެ ޑިސްކައުންޓަށް (ހޫނުވާތީ ދިން ޑިސްކައުންޓަށް) 19.62-ރ.
ވެމްކޯ ޗާޖަށް 150ރ.
ޖުމްލަ 326.60ރ.
އާ ރޭޓުން ހިސާބުކުރުމުން މި ބިލަށް އަރާނީ ގާތްގަނޑަކަށް 294ރ. އެވެ. އެއީ ކުރީގެ ބިލަށް ވުރެ 32ރ. ކުޑަ އަދަދެކެވެ.
ކުރިން:
0 - 100 ޔުނިޓުގެ ބޭންޑަށް 130.01.
101 - 200 ޔުނިޓުގެ ބޭންޑަށް 147.34ރ.
201 - 300 ޔުނިޓުގެ ބޭންޑަށް 186.34ރ.
301 - 400 ޔުނިޓުގެ ބޭންޑަށް 114.98ރ.
ފިއުލް ޑިސްކައުންޓަށް 36.72-ރ.
އޭޕްރީލްގެ ޑިސްކައުންޓަށް (ހޫނުވާތީ ދިން ޑިސްކައުންޓަށް) 54.20-ރ.
ވެމްކޯ ޗާޖަށް 150ރ.
ޖުމުލަ 637.75ރ.
އާ ރޭޓުން ހިސާބުކުރުމުން މި ބިލަށް އަރާނީ ގާތްގަނޑަކަށް 496.43ރ. އެވެ. އެއީ ކުރީގެ ބިލަށް ވުރެ 141.32ރ. ކުޑަ އަދަދެކެވެ.
ކުރިން:
0 - 100 ޔުނިޓުގެ ބޭންޑަށް 160.01ރ.
101 - 200 ޔުނިޓުގެ ބޭންޑަށް 181.34ރ.
201 - 300 ޔުނިޓުގެ ބޭންޑަށް 229.34ރ.
301 - 400 ޔުނިޓުގެ ބޭންޑަށް 266.68ރ.
401 - 500 ޔުނިޓުގެ ބޭންޑަށް 314.88ރ.
501 -600 ޔުނިޓުގެ ބޭންޑަށް 378.68ރ.
600 ޔުނިޓުން މަތީގެ ބޭންޑަށް 2،252.42ރ.
ފިއުލް ޑިސްކައުންޓަށް 140.40-ރ.
ވެމްކޯ ޗާޖަށް 150ރ.
ޖުމުލަ 3،792.75ރ.
އާ ރޭޓުން ހިސާބުކުރުމުން މި ބިލަށް އަރާނީ ގާތްގަނޑަކަށް 3،277.88ރ. އެވެ. އެއީ ކުރީގެ ބިލަށް ވުރެ 514.87ރ. ކުޑަ އަދަދެކެވެ.
އާ ރޭޓުތަކަށް ބަލާއިރު އެންމެ ބޮޑު ލުޔެއް ދީފައިވަނީ މެދު ރޭންޖުގައި ހުރި ބޭންޑުތަކަށެވެ. އެގޮތުން:
201 - 300ގެ ބޭންޑުން 65 ލާރި ވަނީ ކުޑަކޮށްފައި؛ އެއީ %30.23ގެ ދަށްވުމެއް
301 - 400ގެ ބޭންޑުން 1ރ. ވަނީ ކުޑަކޮށްފައި؛ އެއީ %40ގެ ދަށްވުމެއް
އެހެންކަމުން މި ދެ ބޭންޑަށް ފެތޭ ޔޫސޭޖު ނުވަތަ ބޭނުންކުރާ ކަރަންޓަށް ނަގާ ޗާޖުން ބޮޑު ލުޔެއް ބިލުތަކުން ފެންނާނެ އެވެ.
ފައިސާގެ އަދަދުން ބަލާ ނަމަ އެންމެ ކުޑަ ލުޔެއް ދީފައިިވަނީ އެންމެ ދަށް ދެ ބޭންޑަށެވެ. އެގޮތުން 0 - 100ގެ ބޭންޑުން 25 ލާރި ކުޑަކޮށްފައިވާއިރު، ޖެހިގެން އޮތް 101 - 200ގެ ބޭންޑުން ކުޑަކޮށްފައިވަނީ 20 ލާރި އެވެ. އެއީ %16.67 އާއި %11.76ގެ ދަށްވުމެކެވެ. މާނައަކީ ކުޑަ ނުވަތަ އަގުހެޔޮ ކަރަންޓު ބިލުތަކުން ފެންނަ ލުއި ވެސް ކުޑަވާނެ އެވެ.
އާ ރޭޓުތަކާ އެކު ފައިސާގެ އަދަދުން ބަލާ ނަމަ ބޮޑެތި ކަރަންޓު ބިލުތަކުން ބޮޑު އަދަދެއް ސަލާމަތް ކުރެވޭނެ އެވެ. ނަމަވެސް ނިސްބަތުން ބަލާއިރު އެންމެ ކުޑަކޮށް ސަލާމަތްވާނީ ބޮޑެތި ބިލުތަކުންނެވެ. އެގޮތުން އެންމެ މަތީ ތިން ބޭންޑުން ކުޑަވަނީ، ކޮންމެ ބޭންޑަކުން ވެސް ގާތްގަނޑަކަށް %9.8 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ