ވާނުވާ ބަންދުގައި ތިބި ދެ މީހަކު ޓެގު އެޅުވުމަށްފަހު އިއްޔެ ދޫކޮށްލައިފި
ޝަރީއަތް ނިމެންދެން ބަންދު (ވާނުވާ ބަންދު)ގައި ތިބި ބައެއް މީހުންގެ ފައިގައި ޓެގް އެޅުވުމަށް ފަހު ދޫކުރަން ފަށައިފި އެވެ.ޝަރީއަތް ނިމެންދެން ބަންދުކުރުން ނޫނީ ވާނުވާ ބަންދުގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ޝަކުވާއަށް ހައްލު ހޯދުމުގެ ގޮތުން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ލުއިދޭން އިއްޔެ ވަނީ ފަށައިފަ އެވެ.އޭގެ ތަފުސީލާ އެކު، ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އިލެކްޓްރޯނިކް ޓެގް އެޅުމުގެ ނިޒާމުގެ ތެރެއިން ބަންދަށް ލުއިދޭ މީހުން ކަނޑައަޅަމުން ގެންދަނީ އެ މީހުން މޮނިޓާ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުން ތައްޔާރުކުރާ އެސެސްމަންޓަށް ރިއާޔަތްކޮށް ކަމަށެވެ.އެސެސްމަންޓުތައް ޕީޖީ އޮފީހަށް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.އެގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ދެ މީހެއްގެ ބަންދަށް، މޮނިޓަރިން ނިޒާމުގެ ތެރެއިން އިއްޔެ ލުއިދީފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އިތުރު ފަސް މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ކޯޓުތަކުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖައާކުރުމަށް ކޮންމެ 100 ދުވަހަކުން ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އަދި ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ މިއިން މީހަކު ހިލާފު ވެއްޖެ ހާލަތެއްގައި، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.އައު ނިޒާމުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުގައި ތިބި މީހުންނަށް ލުއި ނުދޭނެ ކަމަށް މިއަދުގެ ބަޔާނުގައި ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.މީގެ އިތުރުން، މި މަސައްކަތުގެ ސަބަބުން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ދެކޭ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ