ހިޓްލަރުގެ ގާނޫނުތަކުން؛ 'ހުރިހާ ބާރުތަކެއް ސަރުކާރަށް ދޫކޮށްލުމުގެ ގާނޫނު' ހިޓްލަރުގެ ގާނޫނުތަކުން؛ 'ހުރިހާ ބާރުތަކެއް ސަރުކާރަށް ދޫކޮށްލުމުގެ ގާނޫނު'

ހިޓްލަރުގެ ވާހަކަ އަޑުނާހައި އޮވެދާނީ ކާކު ހެއްޔެވެ؟ އެ މީހަކާ އެންމެ ގިނަ ބަޔަކު ނުގަބޫލުވާ ޝަހުސިއްޔަތަކަށް އޭނާ ވާނެ އެވެ. އޭނާގެ ހަޔާތުގެ ސަފުހާތައް ކިޔަމުން ގެންދިޔަ ވަރަކަށް، އިންސާފުގެ އަހުލުވެރިއެއްގެ ހިތުގައި އޭނާއާމެދު ނަފުރަތުކަން އިތުރުވުން ނޫން ކަމެއް ނުވާނެ އެވެ. އެހެންނަމަވެސް އެ ޒަމާނުގެ ޖަރުމަނު ރައްޔިތުންގެ މެދުގައި އޭނާ މަގުބޫލެވެ.
ނަވާރަސަތޭކަ ތެއްތިރީސްވަނަ އަހަރަށް ފެށުނުއިރު، ހިޓުލަރަކީ ޖަރުމަނުގެ ނާޒީ ޕާޓީގެ ލީޑަރެވެ. ޖަރުމަނުގެ ރައީސް ވޮން ހިންޑެންބަރގްގެ ނިންމުމަކަށްވީ ޖަރުމަނުގެ ސަރުކާރުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ޗާންސެލަރު ކަމުގެ މަގާމަށް ހިޓުލަރު އައްޔަނުކުރުމެވެ. މިއީ އޭގެ ކުރިއަށް އެތައް ކަމެއް ތަރުތީބުވެގެން ހިނގައިދިޔަ ކަމެކެވެ. މި ލިޔުމުގައި ބަލާލަން މިއުޅެނީ ޗާންސެރަކަށް ވުމުގެ ފަހުގެ ކަންކަން ކަމަށްވާތީ އެބައި ދޫކޮށްލީ އެވެ. ބާރުވެރިކަން ހޯދުމަށް ހިޓްލަރު ކުރި ދަތުރަކީ ޝައުގުވެރި ދަތުރެކެވެ. ގާތްވާން ޖެހުނު ކޮންމެ މީހަކާ ގާތްވި އެވެ. އެކަހެރިކޮށްލަން ޖެހުނު ކޮންމެ މީހަކު އެކަހެރިކޮށްލި އެވެ. ހީލަތްތެރި ރޭވުންތަކުން އެންމެ ގާތް މީހުންނަށްވެސް ލަނޑު ދިނެވެ.
ޗާންސެލަރުގެ މަގާމާ ހަވާލުވުމަށްފަހު ރައީސް ވޮން ހިންޑެންބަރގްއަށް ދަންނަވައިގެން އޭނާގެ އަމުރަށް ރައިޗްސްޓޭގް ނުވަތަ ޖަރުމަނުގެ ޕާލަމަންޓް އުވާލި އެވެ. އެއީ ޗާންސެލަރު ކަމުގެ މަގާމާ ހަވާލުވިތާ އެންމެ މަހެއްހައި ދުވަހުގެ ތެރޭގައި ކޮށްލި ކަމެކެވެ. ރައިޗްސްޓޭގް އުވުމާ ގުޅިގެން އައު އިންތިހާބު ބޭއްވުމަށް ކަނޑައެޅުނީ މާޗް 5، 1933 ދުވަހަށެވެ. އެހެންނަމަވެސް އޭގެ ކުރިން އެ އަހަރުގެ ފެބުރުއަރީ 27 ވަނަ ދުވަހު ރައިޗްސްޓޭގް އިމާރާތުގައި އަލިފާން ރޯވެ، މުޅި އިމާރާތް އަނދައި ހުލިވި އެވެ. ހިޓްލަރުގެ ސަރުކާރުން މި ތުހުމަތު އެޅުވީ ކޮމިއުނިސްޓުންގެ ބޮލުގަ އެވެ. މިއީ ސަރުކާރު ވައްޓާލުމަށް ހިންގަން އުޅުނު ބަގާވާތެއްގެ ބައެއް ކަމަށް ތުހުމަތުކޮށް، ރައީސް ވޮން ހިންޑެންބަރގް ލައްވައި ފަޔަރ ޑިކްރީ ތަންފީޒުކުރި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާންމު ރައްޔިތުންނަށް ގާނޫނުތަކުން ހިމާޔަތް ހަނިވެ، 'ގާނޫނުގެ އިމުގެ ތެރެއިން' އިދިކޮޅު ޕާޓީތައް ނައްތާލުމަށް ފުރުސަތު ފަހުވެގެން ދިޔަ އެވެ.
ޖައްބާރުކަމުން ހޯދި މި ބާރުވެރިކަމުން ހިޓުލަރުގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެ އަހަރު ބޭއްވި އާންމު އިންތިހާބުގައި ހިޓުލަރުގެ ޕާޓީއަށް މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތެއް ނުލިބުނެވެ. އެހެންނަމަވެސް، ޖަރުމަނު ނެޝަނަލް ޕީޕަލްސް ޕާޓީއާއެކު ކޯލިޝަން ހަދައި، އެ ޕާޓީން ހޯދި އަށެއް އިންސައްތައިގެ ތާއީދާއެކު މަޖިލީހުގެ 52 އިންސައްތައިގެ އަގުލަބިއްޔަތު ހިޓުލަރުގެ ސަރުކާރުން ހޯދި އެވެ. ހިޓުލަރުގެ ހަގީގީ ޖައްބާރުކަން ދައްކާލަން ފެށުނީ ދެނެވެ.
އިންތިހާބަށް ފަހު ބޭއްވުނު ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައި މާޗް 15 ވަނަ ދުވަހު، ހިޓްލަރު އިއުލާންކުރީ އެނޭބްލިންގ އެކްޓެއް ނުވަތަ، ހުރިހައި ކަމެއް ކުރުމަށް ސަރުކާރު ބާރުވެރިކުރުވާނޭ ފަދަ ގާނޫނެއް ފާސްކުރުމަށް ގަސްދުކުރާ ކަމަށެވެ. އެ ގާނޫނުގެ ސަބަބުން މަޖިލީހުގެ ރުހުމެއް ނެތި، ގާނޫނު ހެދުމުގެ ބާރު ސަރުކާރަށް ލިބިދޭނެ އެވެ. މީގެ ތެރޭގައި ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބާރުވެސް ހިމެނެ އެވެ. ބިލުގައިވާ ގޮތުން އެ ބާރުތައް ސަރުކާރަށް ލިބިދެވޭނީ ހަތަރު އަހަރު ދުވަހުގެ މުއްދަތަށެވެ. މިއީ ގާނޫނުއަސާސީ ބަދަލުކުރުން ފަދަ ކަމަކަށްވާތީ، މި ބިލު ފާސްކުރުމަށް މަޖިލީހުގެ މަދުވެގެން ތިންބައިކުޅަ ދެބައި މެންބަރުންގެ ކޯރަމްއަކުން ތިންބައިކުޅަ ދެބައިގެ ތާއީދެއް ބޭނުންވެ އެވެ.
އެ ބިލު ފޮނުވުނުއިރު ސަރުކާރުން ވަނީ ރައިޝްޓޭގް އަލިފާނުގެ ޑިކްރީގެ ދަށުން ހުރިހާ ކޮމިއުނިސްޓް މެންބަރުންނާއި ބައެއް ސޯޝަލް ޑިމޮކްރެޓް މެންބަރުން ހައްޔަރުކޮށްފަ އެވެ. ހިޓުލަރު ބެލީ، އާންމު މެންބަރުންނާއި ވިޔަފާރި މަސްލަހަތުތައް ތަމްސީލުކުރާ ކޮންޒަވޭޓިވް ޕާޓީތަކުން މި ގާނޫނަށް ތާއީދުކުރާނެކަމަށެވެ. އޭރު އިދިކޮޅުގައި އޮތް ކެތޮލިކް ސެންޓަރ ޕާޓީގެ ވޯޓުތައް ހިޓުލަރު ކަށަވަރުކުރީ ސެންޓަރ ޕާޓީގެ ޗެއަރމަން، ލުޑްވިގް ކާސްއާއެކު ހެދި ޑީލެއްގެ ދަށުންނެވެ. އެއީ، ކެތޮލިކް މަޒުހަބުގެ އުސޫލުތަކާ އެއްގޮތަށް އެމީހުންނަށް މަދަނީ މިނިވަންކަން ލިބިދިނުމާއި، އެޕާޓީ ދެމިއޮތުމާއި، ކެތޮލިކް ސުކޫލްތައް ރައްކާތެރިކޮށްދިނުމާއި، އެޕާޓީއަށް ނިސްބަތްވާ ސަރުކާރު މުވައްޒަފުންގެ ވަޒީފާތައް ދެމެހެއްޓުން ފަދަ ކަންކަމެވެ. އެ ބިލަށް ތާއީދު ނުކުރުމުގެ ނަތީޖާއަކީ ކެތޮލިކް ސެންޓަރ ޕާޓީގެ ވަސް ފުހެލުން ކަމުގެ އިންޒާރުދީ އަތްއަނބުރާލައިގެން އެޕާޓީގެ ތާއީދު ހޯދީ އެވެ.
މި ހުރިހައި ކަމަކަށްފަހު ބިލު ފާސްކުރަން ފޮނުވަން އޮތީ "މިފަދަ ބިލެއް ފޮނުއްވި ކަމަށްޓަކައި ސަރުކާރަށް ޝުކުރު ދަންނަވަން" ކަމަށް ބުނެ ވާހަކަ ދައްކަން ފަށާނޭ މެންބަރުން ތިބި މަޖިލީހަކަށެވެ. އެހެންކަމުން އެއީ މާ ބޮޑު ބަހުސަކަށް ޖާގަ ނެތި ފާސްވާނޭ ބިލެއްކަން ހިޓްލަރު ދެނަހުއްޓެވެ. ކަން ވީވެސް އެހެންނެވެ. މާ ބޮޑު ހިލާފެއް ނެތި އެ ބިލު ފާސްވެ ގާނޫނަކަށްވި އެވެ.
އެނޭބްލިންގ އެކްޓުގައި އޮތީ ޖުމުލަ ފަސް މާއްދާ އެވެ. ފުރަތަމަ މާއްދާގައި އޮތީ ގާނޫނު ފާސްކުރެވިއްޖެ ވާހަކަ އެވެ. އެއާ ވިދިގެން އޮތީ ހިޓުލަރުގެ ސަރުކާރަށް ލިބޭ އާދަޔާ ހިލާފު ބާރުތަކުގެ ވާހަކަ އެވެ. ގާނޫނުގެ ދެވަނަ މާއްދާއިން ސަރުކާރަށް ބާރު ދެނީ ގާނޫނު ހެދުމަށެވެ. މިއީ ގާނޫނުއަސާސީގައިވާ އިޖުރާއަތުތަކުން އިސްތިސްނާ ލިބޭގޮތަށް އެކަށައެޅޭ އިޖުރާއަތެއްކަމަށް އެ މާއްދާގައި ބުނެ އެވެ. ތިން ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހަމައަކާ ހިލާފުވާ ގޮތަށްވެސް ސަރުކާރަށް ގާނޫނެއް އެކަށައެޅިދާނެ އެވެ. ޝަރުތަކީ، އެފަދަ ގާނޫނެއްގެ ސަބަބުން މަޖިލީހުގެ ހައްގަކަށް ނުވަތަ ރައީސްގެ ހައްގަކަށް އަސަރު ނުކުރުމެވެ.
އެނޭބްލިންގ އެކްޓުން ސަރުކާރަށް ބާރު ދިނީ އިމެއް ނެތި ހުރިހައި ކަމަކަށް ގާނޫނު ހެދުމަށެވެ. އޭގެ ނަތީޖާ ފެނުނީ ވަރަށްވެސް ހިތިކޮށެވެ. ޖަރުމަނުގައި ޒަމާނުއްސުރެ އޮތް ޑިމޮކްރެޓިކް ހަމަތައް އެކީއެކަށް ނެތިގޮސް، ޖަރުމަނަކީ ދުނިޔޭގެ ތާރީހުގައި މިސާލުދެވޭވަރުގެ ޑިކްޓޭޓަރޝިޕަކަށް ބަދަލުކޮށްލީ މި ގާނޫނުންނެވެ. ހިޓްލަރު ހިޓްލަރަކަށް ހެދުމުގެ އެންމެ ބޮޑު ވާގިވެރިޔަކީ އަދި ސަބަބަކީވެސް މި ގާނޫނެވެ.
މި ވާހަކަތައް މި ދެއްކީ ވަރަށްވެސް ހުލާސާކޮށެވެ. ތަފުސީލުކޮށް މީގެ ތާރީހު ވިދާޅުވާން ބޭނުންފުޅުވާ ބޭފުޅުންނަށް އެ މައުލޫމާތު ފެންނަން އެހުރީ އެވެ. ފާހަގަކޮށްލަން ބޭނުންވާ ހަމައެކަނި ނުކުތާއަކީ، އެއްވެސް ޑިކްޓޭޓަރޝިޕެއް އުފެދިގެން ދަނީ ގައުމެއްގައި ތިބޭ ޒިންމާދާރު މީހުން، އެނގިގެންނާއި ނޭނގި ތިބެ އެކަމަށް ޖާގަ ދިނުމުން ކަމެވެ. ޖަރުމަނުގެ އެނޭބްލިންގ އެކްޓް ފާސްވީ އޭރު އިދިކޮޅުގައި އޮތް ކެތޮލިކް ސެންޓަރ ޕާޓީގެ ރުހުން ލިބުމުންނެވެ. ކޮންމެ ފަދަ ސަބަބަކާހެދި ނަމަވެސް އޭރުގެ އިދިކޮޅު ޕާޓީން ހިޓްލަރަށް ދޫ ދިނުމުގެ ނަތީޖާއަކަށްވީ ޑިމޮކްރެޓިކް ހުރިހާ ހަމައެއް މުގުރިގެން ދިއުމެވެ. އެއީ ޖަރުމަނުން ކުރަންޖެހުނު ހިތި ތަޖުރިބާއެކެވެ. ތާރީހުގައި ހިނގައި ދިޔަ މިފަދަ ކަންކަމުގެ ވާހަކަ ލިޔެވިފައި ހުރީ އެކަންކަމުން އަޅުގަނޑުމެން އިބުރަތް ހާސިލުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ