މި ހާލަތަށް ދިޔައީ މަޖިލީހުގަ ތަޅުއަޅުވަން އަޒާނު ވޯޓު ދިނުމުން: ޔާމީން މި ހާލަތަށް ދިޔައީ މަޖިލީހުގަ ތަޅުއަޅުވަން އަޒާނު ވޯޓު ދިނުމުން: ޔާމީން

ވެރިކަންކުރާ ޕީއެންސީ އިން ވަކިކޮށް މަޖިލީހުގެ ގޮނޑި ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ ހިތަދޫ މެދެ ދާއިރާގެ މެންބަރު އަހުމަދު އަޒާން މިހާރު ހުންނެވި ހާލަތަށް ދިޔައީ ގާނޫނުއަސާސީއަށް ބަދަލު ގެނެސް މަޖިލީހުގައި ތަޅުއެޅުވުމަށް އޭނާވެސް ވޯޓު ދިނުމުގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.
ޕީއެންސީން އަޒާން ވަކިކުރަން އުޅޭ އަޑުތައް ގަދަވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން މަޖިލީހުން ފާސްކުރި ބިލާ އޭނާ ދެކޮޅު ހެދުމުންނެވެ. އަޒާން ވަނީ ދެ ފަހަރެއްގެ މަތިން ޕީއެންސީގެ ތްރީ ލައިން ވިޕާ ހިލާފުވެފަ އެވެ.
ރޭ ބޭއްވި ޖަލްސާއެއްގައި މިކަމާ ގުޅިގެން ވާހަކަދައްކަވަމުން ޔާމީނު ވިދާޅުވީ ދުވަސްތަކަކަށްފަހު އަޒާން އެވަނީ ހިތްވަރާއެކު ރަނގަޅު ނިންމުމެއް ނިންމާފައި ކަމަށެވެ. އެކަމަށް މަރުހަބާ ވެސް ވިދާޅުވި އެވެ. ވޭތުވެދިޔަ ވެރިކަމުގައި އިދިކޮޅު ލީޑަރުގެ ގޮތުގައި ޔާމީނު ހުންނެވިއިރު، އޭރު ނޫސްވެރިޔަކަށް ހުރި އަޒާން އާ ގާތް ގުޅުމެއް ބޭއްވެވި އެވެ.
"އަމިއްލަށް ތި ބާރުތައް މުއިއްޒުއަށް ދިނާމަ ނޫންހޭ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހައްގެއް ނެތް ކަމަށް އަޒާނު ވޯޓު ދީގެންނޭ މިކަން ކުރީ. އެ ކުރީމައޭ މިގޮތަށް އަޅުވެތިކަަމަށް ދިޔައީ. އެ ތަޅު އަޅުވަން އަޒާނު ފުރުސަތު ދިނީމަ،" ޔާމީނު ވިދާޅުވި އެވެ.
ޕާޓީ އަކުން ވަކިކޮށްފިނަމަ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެހެން ނޮވެމްބަރު މަހު ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުން ހުށަހެޅިއިރު އެކަމާ އަޒާން އަދި އޭނާއާ ވާގިވެރިވާ ބަޔަކު ތިބި ނަމަ އެ މީހުން މަސައްކަތް ކުރިނަމަ ގައުމު މި ހާލަތަށް ނުދާނެ ކަމަށްވެސް ޔާމީނު ވިދާޅުވި އެވެ.
މިހާރު އޮތް ހާލަތު ގެނައުމުގެ އަޒާނުގެ ކުށެއް އޮތް ނަމަވެސް ޔާމީނު ރޭ ވަނީ އެމަނިކުފާނުގެ ތާއީދު އަޒާނަށް އޮތްކަން ހާމަކުރައްވާފަ އެވެ. އަދި ގޮނޑި ގެއްލިގެން ވާދަކުރާ އިންތިހާބެއް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޒާން ހަނދާން ހުންނާނެ ކުރީގަވެސް އަޅުގަނޑު އޭނައަށް މަސައްކަތް ކޮށްދިނިން އިންތިހާބުގަ. މިފަހަރު އެޔަށްވުރެ ވަރުގަދައަށް މަސައްކަތް ކޮށްދޭނަން،" އަލަށް އުފައްދަވައިގެން އުޅޭ ޕީއެންއެފް ގެ ރޭގެ ޖަލްސާގައި ޔާމީނު ވިދާޅުވި އެވެ.
އަޒާނުގެ ގޮނޑިއާމެދު ސުވާލު އުފެދިފައިވަނިކޮށް އެ ދާއިރާގެ ބައި-އިލެކްޝަނެއްގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ޕާޓީގެ ލީޑަޝިޕުގައި އެދިވަޑައިގެންފަ އެވެ.
ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިނުވުމާ ގުޅިގެން އަޒާނަށް ރައީސް މުއިއްޒު ވަނީ ނުރުހުން ފާޅުކުރައްވާ ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕަށް އަންގާރަ ދުވަހު މެސެޖެއްވެސް ފޮނުއްވާފަ އެވެ. އޭގެ ފަހުން އަޒާން އެ ގްރޫޕުން ބޭރުކޮށްލި އެވެ.
ނަމަވެސް، މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒާނު ވަކިކުރުމާ މެދު ޕީއެންސީގެ އިސްވެރިންގެ ތެރެއިން ބައެއް އޮފިޝަލުން ދެކޮޅެވެ. އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުން ދެކިލައްވާ ގޮތުގައި އަޒާނު ވަކިކުރުން ވެގެންދާނީ ރައީސް މުއިއްޒު "އަޅާނެ އެންމެ ޅަ އެއްޗަށް" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ