ޙަޔާތުގެ ބައިވެރިއަކަށް އިޚްތިޔާރުކުރަން އެންމެ ނުބައި މީހުންނަކީ ކޮބައިކަން އެނގޭތަ؟

މީސްމީހުންގެ ނުބައިކަން އެކި މީހުން މިންއަޅަނީ އެކި ގޮތަށެވެ. އެހެންވެ ގިނަ ބައަކު އެންމެ ނުބައި މީހުން ކަމަށް ބަލަނީ ރުޅިގަދަ، ނުބައިބަސްތައް ބުނާ، ހަރުކަށި ޢަމަލުރާ މީހުންނެވެ. އެއްވެސް ޝައްކެއް ނެތެވެ. އެއީވެސް ހަމަ ނުބައި މީހުންނެވެ. 
ނަމަވެސް އެމީހުންނަށްވުރެވެސް ނުބައިކަން ބޮޑުބައެއްގެ ވާހަކަ ބުނެލާނަމެވެ. އެއީ ކުށެއް ކުރެވުމުން އެކަން ޤަބޫލުކޮށް މާފަށް ނުއެދޭ މީހުންނެވެ. ކުށުގައި އެމީހުން ބެދި ސަލާމަތް ނުވެވުމުންވެސް ކުށެއް ކުރެވުނު ކަމަކަށް އެމީހުން ޤަބޫލެއް ނުކުރާނެއެވެ. އެކަން އަޅުވާނީ އެހެން މީހެއްގެ ބޮލުގައެވެ. ބުނާނީ އެއީ މިވެނި މީހެއްގެ ސަބަބުން ކުރެވުނު ކުށެއް ކަމަށެވެ. 
މިބުނި ބާވަތުގެ މީހުންނާއިއެކު ދިރިއުޅުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ދިރިއުޅެން މަސައްކަތް ކުރިނަމަވެސް ނިމޭނީ ފޭލްވެގެންނެވެ. ވީމާ ޙަޔާތުގެ ބައިވެރިޔާއަކީ ކުށެއްކުރެވުމުން އެކަން ޤަބޫލުކޮށް މާފަށް އެދެން ދެކޮޅުހަދާ މީހަކުނަމަ އެމީހަކާއިއެކުގައި ދިރިއުޅެން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. 
އެހެންވެ ގިނަ ޢިލްމްވެރިން އެބާވަތުގެ މީހުން ސިފަކުރައްވަނީ ބޮޑާ ކިބުރުވެރި ބޮޑެތި ޖައްބާރުންގެ ގޮތުގައެވެ. އެފަދަ ގިނަ މީހުން އެމީހުން ކުރަން ބޭނުންވާ ކަމެއް ކުރުމުން ފަހުން ލިބިދާނެ ދެރައަކަށް ނުވިސްނާނެއެވެ. އަދި އެކަމުގެ ސަބަބުން ޙަޔާތުގެ ބައިވެރިޔާއަށް ކުރާނެ އަސަރަކާއިމެދުވެސް ނުވިސްނާނެއެވެ. 
ވީމާ އެބާވަތުގެ މީހަކާއިއެކުގައި ދިރިއުޅޭ މީހެއްގެ ލޮލުން ކަރުނަ ހިކޭނެ ވަޤުތެއް ނުލިބޭނެއެވެ. އަބަދުވެސް އުޅެންޖެހޭނީ ހިތްދަތިކަމުގައެވެ.
 
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ