ގައުމީ ޔުނިވާސިޓީގެ 2 ސެންޓަރަކަށް ޑީނުން އައްޔަންކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އަދި ސެންޓާ ފޯ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސްއަށް މިއަދު ޑީނުން އައްޔަންކޮށްފިއެވެ. އެ ޔުނިވާސިޓީން ވަނީ މުހިންމު އިސްވެރިންގެ މަގާމުތަކަށް ދެ ބޭފުޅަކު އައްޔަނުކޮށްފައެވެ. އެގޮތުން، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީނަކަށް އައްޔަންކުރީ ޑރ. އަބުދުލް ސައްތާރު އަބްދުލް ރަޙްމާނެވެ. އަދި، ސެންޓަ ފޯ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސްގެ ޑީނަކަށް އައްޔަންކޮށްފައިވަނީ ރޯޒާ އިބްރާހިމެވެ. ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންއަކަށް އައްޔަންކުރި ޑރ. އަބުދުލް ސައްތާރު އަބްދުލް ރަޙްމާންއަކީ ޤައުމީ ޔުނިވާސިޓީއާ 2004 ވަނަ އަހަރު ގުޅިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. https://x.com/MNUedu/status/1891406510909018158 އޭނާއަކީ ޔުނިވާސިޓީ އަދި ފެކަލްޓީއަށް ގިނަގުނަ ޙިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ތައުލީމީ ދާއިރާގައި ކުރައްވާފައިވާ ޙިދުމަތްތަކުގެ އިތުރުން މުޖުތަމައުގައި ދިނީ ހޭލުންތެރިކަން އިތުރުކުރުމަށް، ދީނީ ފޮތްތައް ދިވެހިބަހުން ދަރިވަރުންނާއި މުޖުތަމައާއި ހިސާބަށް ގެނައުމުގެ ގޮތުން ޑރ. އަބުދުލް ސައްތާރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެމްއެންޔޫއިން ވަނީ ފާހަގަކޮށްފައެވެ. ސެންޓާ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް ޑީންގެ މަގާމަށް އައްޔަންކުރި ރޯޒާ އިބްރާހިމް ޤައުމީ ޔުނިވާސިޓީއާ ފުރަތަމަ ގުޅިވަޑައިގަތީ 2005 ވަނަ އަހަރު ސެންޓާ ފޯ އޯޕަން ލާނިން، މިހާރުގެ ނަމުން ނަމަ ސެންޓާ ފޯ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސްއަށް ކަމަށެވެ. ރޯޒާ އިބްރާހިމް ސެންޓަރު ކުރިއެރުވުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި 2023 އިން ފެށިގެން މިއަދާ ހަމަޔަށް އެކްޓިން ވެރިޔާ ކަމުގައި ސެންޓަރު ތަމުސީލުކޮށް، ޔުނިވާސިޓީގެ ކޯސްތަކުގެ އިންސްޓުރަކްޝަން މަސައްކަތް ކުރިއަރުވާ އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ. އެމްއެންޔޫއިން ވަނީ އަލަށް އައްޔަންކުރި ޑީނުން މަސައްކަތް ކުރައްވާނީ އެމްއެންޔޫގެ ސްޓްރެޓީޖިކް ވިޝަންކުރިއަށް ގެންދިއުމަށް ކަމަށް ބުނެފައެވެ. އަދި، ދަރިވަރުންނަށް އެ މީހުންގެ ދާއިރާތަކުގައި ކުރިމަތިވާ އާ ގޮންޖެހުންތަކަށް ތައްޔާރުވެ ތިބުމަށް ބޭނުންވާ ހުނަރުތައް ލިބިދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ