ނައިބު ރައީސް ހދ. އަތޮޅު ކައުންސިލާއެކު މަޝްވަރާކުރައްވައިފި

ނައިބު ރައީސް އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް، ހދ. އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ، މުޅި އަތޮޅުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާއި އަތޮޅުގެ ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، އަތޮޅުގައި ރައްޔިތުންނަށް ފަސޭހަވާނޭ ގޮތަށް ފަތުރުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާކަމާއި، އަތޮޅުގައި ވީހާވެސް އަވަހަކަށް ހައުސިން ޔުނިޓް ގާއިމުކުރުމަށް ބޭނުންވާކަމާއި، ކުޅުދުއްފުށީ އެއާޕޯޓަށް ބާއްވާ އުދުހުންތައް މަދުވުމުން ދިމާވާ ދަތިތައް މެންބަރުން ފާހަގަކުރެއްވި އެވެ. އަދި ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެން، އަތޮޅުގެ ރަށްތަކުގެ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ނެތުމުން ދިމާވާ ދަތިތައްވެސް އެބޭފުޅުން ހިއްސާކުރެއްވި އެވެ. މީގެއިތުރުން އިޤުތިޞާދީގޮތުން މަންފާ ހޯދުމަށް ބޭނުންކުރުމަށް ހދ. ފަރިދޫ ދޫކޮށްދެއްވައި، އަތޮޅުގައި ފަށާފައިހުރި މަޝްރޫއުތައް އަވަހަށް ނިންމަވައިދެއްވުމަށްވެސް އަތޮޅު ކައުންސިލުން އެދިވަޑައިގެންނެވި އެވެ. އަދި ހދ އަތޮޅު ކައުންސިލުން މި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލުން ދެއްވިއެވެ.މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ، ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިއަށްގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ