ރަވީގެ އާ އުފެއްދުމެއް، މިފަހަރު "ގަނާ"

މި އަހަރުގެ ތެރޭގައި ހިޓު ވެބް ޝޯއެއް ރިލީޒްކުރުމަށްފަހު ފީޗާ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގު އަނެއްކާވެސް އާ އުފެއްދުމެއްގެ މަސައްކަތް ފަށައި އިއުލާނު ކޮށްފިއެވެ. މި އަހަރު ފެށުމާއެކު ރަވީ ވަނީ މީޑިއާނެޓްގެ އެމްއެސް ކްލަބަށް ތުރިލާ ޑްރާމާ ޝޯއެއް ކަމަށްވާ "ހިންތާ" ދޫކޮށްލާފައެވެ. ހިޓު ޝޯއަކަށް ފަހު ރަވީގެ އާ ފިލްމެއްގެ މަސައްކަތް ފަށާފައިވާ ކަމަށް އިއުލާނު ކޮށްފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. "ފަސާދަ"ގެ ނަމުގައި ތައްޔާރު ކުރާ ފިލްމަކީ ތުރިލާ ފިލްމެކެވެ. މި ފިލްމުގެ މަސައްކަތް ކުރިއަށްދާއިރު ރަވީގެ އިތުރު މަސައްކަތެއް ވަނީ ދާދިފަހުން އިއުލާނުކޮށްފައެވެ. އަލަށް އިއުލާނު ކޮށްފައިވަނީ "ގަނާ" ނަމަކަށް ކިޔާ ޝޯއެކެވެ. ގަނާ އަކީ ރަވީ މިއަހަރުގެ ކުރީކޮޅު ނެރުނު ޝޯ ކަމަށްވާ ހިންތާގެ ޓީމާއެކު ތައްޔާރު ކުރާ ޝޯއެކެވެ. އެގޮތުން ހިންތާ އާ އެއްގޮތަށް ގަނާ އަކީ ވެސް އެއްކާފު ޕްރޮޑަކްޝަންގެ ދަށުން މީޑިއާނެޓަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ޝޯއެކެވެ. ރަވީ ލިޔެ ޑައިރެކްޓުކުރާ ގަނާގެ ޕޯސްޓަރެއް ވަނީ ދާދިފަހުން އާންމުކޮށްފައެވެ. ނަމަވެސް މި ޝޯ އާ ގުޅޭގޮތުން މާ ގިނަ މައުލޫމާތުތަކެއް އާންމުކޮށްފައެއް ނުވެއެވެ. ޕޯސްޓަރަށް ބަލާ ނަމަ މި ޝޯ ވެސް ވެގެންދާނީ ތުރިލާ ޝޯއަކަށް ކަމަށް ވެދާނެއެވެ. ދެން އެންމެ އަވަހަށް ފެނިގެން ދާނީ ރަވީގެ ފަސާދައެވެ. މި ފިލްމު މިއަހަރުގެ ތެރޭގައި އޮލިމްޕަހަށް ނެރުމަށް ތައްޔާރުވަމުންދާއިރު މި ފިލްމުގެ މައުލޫމާތުތައް ވެސް މަދެވެ. ނަމަވެސް ރިލީޒް ކުރާނެ އަހަރެއް ހާމަކޮށްފައިވަނީ ފަސާދަ ފިލްމުގައި އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ