ހޮވާ މީހުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭންޖެހޭ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ގޮތަށް ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުތަކުން ދުރުކުރުމުގެ ބާރުވެސް، ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ރައީސް މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ ހަވަނަ އެޕިސޯޑްގައި ރައީސް މިއަދު މައިގަނޑު ގޮތެއްގައި ވާހަކަދެއްކެވީ ގާނޫނު އަސާސީއަށް ސަރުކާރުން ހުށަހަޅަން ގަސްދުކުރައްވާ ބައެއް އިސްލާހުތަކާ ގުޅޭގޮތުންނެވެ.ރައީސް ވިދާޅުވީ ކަންކަން އިސްލާހު ކުރުމަށް ވަކި ގައުމެއްގައި ކަންކުރާ އުސޫލުން ރާއްޖޭގައި ކަންކަން ކުރަން ނުޖެހޭ ކަމަށެވެ. ސީދާ ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކުރެވި، ޔަގީންކަމާއި ކަށަވަރުކަން އިތުރުވާ ގޮތަށް ރާއްޖޭގެ ކަންކަން ބައްޓަން ކުރެވޭނެ ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކޮށް، ޔަގީންކަމާއި ކަށަވަރުކަން އިތުރުވާ ގޮތަށް ރާއްޖޭގެ ކަންކަން ބައްޓަން ކުރެވޭނެ ކަމަށެވެ.މިސާލެއްގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއް ނުވަތަ ކައުންސިލް މެމްބަރެއް އެ މަގާމުގައި ބަހައްޓަން ބޭނުން ނުވާ ނަމަ ރައްޔިތުންގެ ވޯޓަކުން ވަކި ކުރެވޭ ގޮތަށް ހަދައި އިސްލާހު ކުރުން ކަމަށެވެ."ރައްރިތުންގެ ވޯޓުން ހޮވާ މެމްބަރެއް އެ ރައްޔިތުންނަށް ވަކި ކުރެވޭނެ ގޮތެއް ނެތް ދީފައެއް. އަޅުގަނޑު މި ހުށަހަޅަނީ ރިކޯލް ވޯޓު ނުވަތަ ރައްޔިތުން ގާތަށް އަނބުރާ ދާން، ސުވާލު ކުރުމުގެ ފުރުސަތު، ރައްޔިތުން އޭނަ ވަކި ކުރަން ބޭނުން ވަންޏާ ވަކި ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.އެގޮތަށް ބަދަލު ކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ބަދަލު ގެނެސްގެން ނޫނީ ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރި ނުކުރެވޭނެ ކަމަށެވެ."ޗެކް އެންޑް ބެލެންސެއް ނެތް. އެ މީހަކު ހަމަ ބޭނުން ގޮތަކަށް އުޅެމުން ދާންވީ، އެ މަގާމުގައި ހުންނާނެ ފަސް އަހަރު ވަންދެން. އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. ރައްޔިތުންނަށް އެންމެ އިންސާފުވެރި ގޮތަކީ ރައްޔިތުންގެ އަތަށް އެ ބާރު އަބަދު ވެސް ލިބޭ ގޮތަށް އޮތުން،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ