ރައުދުގެ ބަންދަށް މި ފަހަރު އިތުރު 20 ދުވަސް ދީފި

އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ ބަންދަށް މި ފަަހަރު 20 ދުވަސް އިތުރުކުރަން ކޯޓުން އަމުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލައިގައި ފުލުހުން ރައުދު، 21، ގ. އެރިޔަދޫ، ހައްޔަރުކުރީ 25 އޭޕްރީލްގަ އެވެ. ހައްޔަރުކުރުމަށް ފަހު މިއަދަށް 20 ދުވަސް ވީއިރު، ބަންދުގެ މުއްދަތު ޖެހި މިއީ ހަތަރުވަނަ ފަހަރެވެ.
ތަފްސީލް - ކްރިމިނަލް ކޯޓުންނާއި ފުލުހުން ވެސް 'ދައުރު'އަށް ޔަގީންކޮށްދިން ގޮތުގައި މިއަދު ކޯޓަށް ހާޒިރުކޮށް އޭނާގެ ބަންދަށް އިތުރު 20 ދުވަސް ވަނީ ހިމަނައިފަ އެވެ.
ކުރިން ކޯޓުން ބަންދުގެ މުއްދަތު ދީފައިވާ ގޮތަކީ:
ފުރަތަމަ 25 އޭޕްރީލްގައި ދިނީ ފަސް ދުވަސް
30 އޭޕްރީލްގައި ދިނީ 10 ދުވަސް
10 މެއިގައި ދިނީ ފަސް ދުވަސް
ތަފްސީލު - ރައުދަކީ ޔުމްނު ރަޝީދު، 21، ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުނީ އޭނާއާ އެކު އެ ގޭގެ ތެރޭގައި އުޅުމުގެ ތެރޭގަ އެވެ.
ރައުދު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ.
ނަމަވެސް ޔުމްނުގެ އާއިލާއިން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައުދުގެ އިތުރުން ހަތަރު މީހުން އެ ގޭގައި ތިބި ކަމަށް ޔުމްނުއާ ހަވާލާދީ ބުނެފައިވެ އެވެ.
ހާދިސާ ހިނގި ރޭ ޔުމްނު އެ ގެއަށް ދިޔައީ، މި މައްސަލައިގައި ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތަކަށް ކަމަށް ވެސް އޭނާއާ ހަވާލާދީ އާއިލާއިން ބުނެފައިވެ އެވެ.
ނަމަވެސް މި މައްސަލައިގައި މިހާތަނަށް އަދި އިތުރު މީހަކު ހައްޔަރުކޮށްފައިނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ