ގައިދީންގެ މެދުގައި އެކުވެރިންކަން އާލާކުރުމަށް، މާފުށީ ޖަލުގައި ފުޓުބޯޅަ މުބާރާތެއް ފަށައިފި
ކ. މާފުށި ޖަލުގައި ތިބޭ ގައިދީންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުޓުބޯޅަ މުބާރާތެއް ފަށައިފިއެވެ. 'އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް'ގެ ނަމުގައި ފެށި މި މުބާރާތް އިފްތިތާޙު ކޮށްދެއްވީ ޕްރޮސެކިއުޓާ ޖެނެރަލް ޢައްބާސް ޝަރީފެވެ. މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީއާއި މާފުށީ ޖަލުގެ ޑައިރެކްޓަރު ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުﷲ އަމީންގެ އިތުރުން ކޮމިޝަންޑް އޮފިސަރުންނާއި ސީނިއާ ރޭންކްތަކުގެ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ. މާފުށި ޖަލުގައި ގައިދީންނަށް ޚާއްސަކޮށް، ފެށި ފުޓުބޯޅާ މުބާރާތުގެ ތެރެއިން --- ފޮޓޯ/ ކަރެކްޝަން ކަރެކްޝަންސް އިން ބުނީ، މި މުބާރާތް ހިންގުމުގެ މައިގަނޑު ބޭނުމަކީ ގައިދީންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރުއެޅުމާއި ހުސް ވަގުތުތައް އުފާވެރި ގޮތެއްގެ ހޭދަކުރުމަށް ބާރު އެޅުމަށް ކަމަށެވެ. މިފަދަ ހަރަކާތްތަކުގައި ގިނައިން ބައިވެރިވުމަކީ ޤައިދީންގެ އުޅުމާއި އަޚުލާގަށް ހެޔޮ ބަދަލު އައިސް، އިސްލާޙުވުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް ކަރެކްޝަންސްއިން ބުންޏެވެ. އެގޮތުން، މި ސަރުކާރުގެ ޕޮލިސީތަކާއި އެއްގޮތަށް ޤައިދީން ރިހެބިލިޓޭޓްކޮށް، މުޖުތަމަޢުއަށް އަނބުރާ ގެނައުމަށް މިހާރު ހިންގާ ޕްރޮގްރާމްތަކުގެ އިތުރުން ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ. މިމުބަރާތާ ގުޅިގެން ގައިދީން ބުނީ، މިފަދަ ކުޅިވަރު ކުޅުމުގެ ފުރުޞަތު ލިބުމީ ވަރަށް އުފާކުރާ ކަމެއް ކަމަށާއި ދުޅަ ހެޔޮ ސިއްޙަތެއްގައި ތިބުމަށް މިފަދަ ފިޒިކަލް ކުޅިވަރު ކުޅުމުގެ ފުރުޞަތު ލިބުން މުހިންމު ކަމަށެވެ. މި މުބާރާތް ކުރިއަށްދަނީ ލީގު އުޞޫލުން، އެންމެ ޕޮއިންޓް ގިނަ ދެ ޓީމު ފައިނަލްގައި ވާދަ ކުރާ ގޮތަށެވެ. މުބާރާތުގައި ހަ ޓީމަކުން ބައިވެރިވެފައިވާއިރު، ކޮންމެ ޓީމެއްގައި 14 ކުޅުންތެރިންނާއި ފަސް އޮފިޝަލުން ހިމެނެއެވެ. އެއާއެކު، ގައުމުތަކުގެ ބައެއް ޤައިދީންނާއެކު ޖުމްލަ 114 ޤައިދީން ބައިވެރިވެފައިވެއެވެ. އެ ރަސްމިއްޔާތުގައި ގައިދީންގެ ފަރާތުން ވަނީ، މިނިސްޓަރު އިހުސާނަށާއި އަށާއި ޢައްބާސްއަށް އަތްތެރިމަސައްކަތުން ހަދާފައިވާ ދެ ޓުކުރި ހަދިޔާއަކަށް އަރުއްވާފައެވެ. އެރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ޖަލުން ނިކުމެގެން ދާއިރު ޒިންމާދާރު ޢާއިލާތައްވެސް ފަޚުރުވެރިވާ ބަޔަކަށް ހެދުމަށްޓަކައި މިފަދަ އެކިއެކި ޕްރޮގްރާމްތައް ހިންގާ ކަމަށެވެ. ބައިވެރިންގެ ކިބައިން މިނިސްޓަރު ވަނީ، ގޮޅިތަކުގައި ތިބޭ އެހެން ގައިދީންވެސް މިކަންކަމުގައި ބައިވެރިވުމަށް ބާރުއަޅާ، ޖަލުތެރޭގައި ހޭދަކުރާ މުއްދަތަކީ ދެފަރާތަށްވެސް ފަސޭހަކޮށް، އެންމެން މަސައްކަތްކުރެވޭނެ ގޮތަށް މަސައްކަތްކޮށްދޭން ވިސްނައިދިނުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ