ސުޕްރީމް ކޯޓު ކުޑަކުރަނީ ނުފޫޒު ފޯރުވަން: ޑިމޮކްރެޓްސް

ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ކުޑަކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން ކަމަށް ދަ ޑިމޮކްރެޓްސްއިން މިއަދު ތުހުމަތުކޮށްފިއެވެ. ސަރުކާރުން ވަނީ ސުޕްރީމް ކޯޓު ބެންޗު ފަސް ފަނޑިޔާރުންނަށް ކުޑަކުރަން ހުށަހަޅާފައެވެ. ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލުގައި ވަނީ މި އިސްލާހާ އެކު ސުޕްރީމް ކޯޓުން ވަކިކުރަންޖެހޭ ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށައިތާ ފަސް ދުވަހުގެ ތެރޭގައި ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި، މަޖިލީހަށް ނަންތައް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން އެ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ޖެހެއެވެ. އެ ބިލާ ގުޅިގެން ޑިމޮކްރެޓްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓު ކުޑަކުރަން ސަރުކާރުން މަޖިލީހަށް ކުއްލިއަކަށް ހުށަހެޅި ބިލަކީ ކޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ. ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ ބޭފުޅުން: އެ ޕާޓީން ވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަނީ ކަމަށް ތުހުމަތުކޮށްފައި -- ފޮޓޯ/ ޑިމޮކްރެޓްސް "ސުޕްރީމް ކޯޓް ބަދަލުކުރާނެކަމުގެ ތުހުމަތު ސަރުކާރުގެ މައްޗަށް މީގެ ކުރިން ކުރަމުންދިއަ ނަމަވެސް، ސަރުކާރުން އެ ކަމަށް އިންކާރުކުރުމަށް ފަހުގައި، ކުއްލިގޮތަކަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވުމުން މިއީ އެ ކޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލުމުގެ ޖާގައޮތް ކަމެކެވެ،" ބަޔާނުގައިވެއެވެ. ޑިމޮކްރެޓްސްއިން ވަނީ ސުޕްރީމް ކޯޓުގައި ގާނޫނުއަސާސީއަށް މަޖިލީހުން ގެނައި ބަދަލުގެ މައްސަލަ ކުރިއަށް ދަނިކޮށް، މި ބަދަލު ގެންނަން ސަރުކާރުން ނިންމުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. "'ކޯޓް ޕެކިން'ގެ ޓެކްޓިކަކީ މަތީ ކޯޓްގެ ކޮންޓްރޯލް ނެގުމަށް ގައުމުތަކުގައި އާންމުކޮށް ސަރުކާރުތަކުގެ ސިޔާސީ ބާރުވެރިކަމުގެ ތެރެއިން ކޮށްއުޅޭ ކަމެކެވެ،" އެ ބަޔާނުގައި ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކުރިއެވެ. އެ ޕާޓީން ބުނީ، ދައުލަތުގެ އެއްވެސް ބާރަކުން އަނެއް ބާރަށް އަރައިނުގަނެ، ނާޖާއިޒު ނުފޫޒު ނުފޯރުވާ، ދައުލަތް އޮމާންކަމާ އެކު ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިންގަން ޖާޖަ ދީގެން ނޫނީ ރާއްޖޭގެ ރައްޔިތުންނާއި ޑިމޮކްރެސީއަށް ފައިސާ ނުކުރާނެ ކަމަށެވެ. އެހެންވެ، އެ ޕާޓީން ވަނީ ސުޕްރީމް ކޯޓު ކުޑަކުރުމުގެ މަސައްކަތް ވަގުތުން ހުއްޓާލަން ސަރުކާރަށް ގޮވާލައިފައެވެ. https://www.sun.mv/202938 މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ޕާޓީން ވަކިކުރުމުން ވެސް އެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފައެވެ. އެ އިސްލާހަކީ ގާނޫނުއަސާސީގެ މައިގަނޑު އަސާސްތަކާ ހިލާފު އިސްލާހެއް ކަމަށް ބުނެ، އެ މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައެވެ. ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ބުނެފައެވެ. އެކަމަކު، އެ ކޯޓުން ނިންމީ މައްސަލަ ބަލާށެވެ. އެ މައްސަލައިގައި އެންމެ ފަހުން މިދިޔަ ހަފުތާގައި ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ވަނީ ދައުލަތުން މި މައްސަލައިގައި ޖަވާބުދާރީވާން އެދުނު ގޮތަށް 10 ދުވަހުގެ މުއްދަތެއް ދޭން ނިންމައިފައެވެ. ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އެ ކޯޓުގެ ބެންޗު ބަދަލުކުރަން އުޅޭ ކަމަށް މީގެ ކުރިން ވެސް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. އެކަމަކު، ސަރުކާރުން އޭރު ވަނީ ބެންޗު ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ