ކުރިއަށް އޮތް ރަމަޟާންމަހު އިތުރުވާނެކަމަށް ލަފާކުރެވޭ ކަރަންޓުގެ ޑިމާންޑަށް ޚިދުމަތް ދިނުމަށްޓަކައި ސްޓެލްކޯއިން ހުޅުމާލޭގައި އިތުރު ޖަނަރޭޓަރުތަކެއް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވި ގޮތުގައި މިއަހަރުގެ ރަމަޟާންމަހު ޕީކް ގަޑިތަކުގައި ކަރަންޓް ބޭނުންކުރާ މިންވަރު 132 މެގަވޯޓަށް އަރާނެކަމަށް ލަފާކުރެވެއެވެ. މިއީ މިދިޔަ އަހަރުގެ ރަމަޟާންމަހާ އަޅާބަލާއިރު 17 މެގަވޯޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ރަމަޟާންމަހު ޕީކްގައި ކަރަންޓް ބޭނުންކޮށްފައިވަނީ 114 މެގަވޯޓެވެ.
"އަޅުގަނޑުމެން މިވަގުތު ހުޅުމާލޭގައި މިކުރާ މަސައްކަތަކީ ރޯދަމަހާއި ދިމާކޮށް ހޫނު މޫސުންވެސް މިއަންނަނީ އެހެންވީމަ ހޫނު މޫސުމަށް އިތުރު 17 މެގަވޮޓް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށް މިދަނީ," ފަހުމީ ވިދާޅުވިއެވެ.
މި މަސައްކަތަށް ބޭނުންވާ ޓްރާންސްފޯމަރާއި، އިންޖީނާއި ކޭބަލް މިހާރުވަނީ ސްޓެލްކޯއަށް ލިބިފައެވެ. އަދި ކުރިއަށް އޮތް 8 ދުވަހުގެ ތެރޭގައި އިންޖީނުތައް އިންސްޓޯލްކޮށް ނިންމައި، ރަމަޟާންމަސް ފެށުމުގެ ކުރިން ޚިދުމަތް ދޭން ފެށޭނެކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މިއަހަރުގެ ރަމަޟާންމަސް ދިމާވަނީ ހޫނު މޫސުމާއި ސްކޫލް ބަންދު ދުވަސްވަރާ އެކުގައި ކަމަށްވުމާއެކު، ކަރަންޓުގެ ބޭނުންކުރުން އާދަޔާ ޚިލާފަށް އިތުރުވާނެކަމަށް ލަފާކުރެވޭތީ، ގޭބީސީތަކުގައި ކަރަންޓް ބޭނުންކުރާއިރު އިޤްތިޞާދުކުރުމަށް އިލްތިމާސްކުރައްވާފައެވެ. ކަރަންޓް އާލާތްތައް ކަމަށްވާ އޭސީއާއި، ދޮންނަ މެޝިނާއި، އަވަން އަދި މީގެއިތުރުން އިސްތިރި ފަދަ ތަކެތި ބޭނުންކުރާއިރު ސަމާލުވެ ކަރަންޓް އިޤްތިޞާދުކުރުމަށް ވަނީ އެދިފައެވެ.
ރަމަޟާންމަހުގެ ޑިމާންޑާއެއްވަރަށް ޚިދުމަތްދިނުމަށް ސްޓެލްކޯއިން ތައްޔާރުވާންފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ