ކުއްޖާ ވެއްޓުން: ފުލުހުން މި ހިމާޔަތްކުރަނީ ކާކު؟
ޒުވާނުން ނުކުމެ ލޭ ކައްކުވާލީމާ ފުލުހުން ތެޅިގަނެއްޖެއެވެ. ބިރުގަނެއްޖެއެވެ. މިހާރު ހާމަނުކުރެވޭ ކަމެއް ނެތެވެ. ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯ ވެސް ލައިވް ޓީވީގައި އަޅުވައިފިއެވެ. މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު ވެސް ހިފެހެއްޓިއްޖެއެވެ. އެ މީހުން ބަލައި ފާސްކުރަން ވެސް ފަށައިފިއެވެ. ރަނގަޅަށް ވެސް ހޭލައިފިއެވެ. ތެޅިގަނެއްޖެއެވެ. ޒުވާނުން ނުކުތީ ކެތްނުވީމައެވެ. އެ މީހުންގެ މީހަކު ވެއްޓި، އެ ހާދިސާއާ ގުޅޭ އެތައް ސުވާލަކަށް ޖަވާބު ނުލިބިގެންނެވެ. އަމުދުން އޭގައި ހިމެނޭ، ބާރުގަދަ ބައެއްގެ ދަރިން ނުވަތަ ޒުވާނުންގެ ބަހުން ނަމަ 'ނެޕޯ ބޭބީސް'ތަކާ މެދު ފިޔަވަޅު ނާޅާ ކަމަށް ބުނެއެވެ. ޒުވާނުން ނުކުތީމާ އެނގުންވިއެވެ. އެ މީހުން އެއްވެ ތިބީ ފުލުސް އޮފީސް ކުރިމަތީގައެވެ. https://x.com/sunbrk/status/1915087118734651643/video/1 އެތާ ތިބި ފުލުހުންނާ ދިމާއަށް ފަސް ރުފިޔާގެ ނޫޓުތައް އުކިއެވެ. ޔުނީފޯމުގެ އަގެވެ. ޒުވާނުން ނުވިކޭނެ ކަމެވެ. އެ މީހުން ބުނީ 'ނެޕޯ ބޭބީސް' ހައްޔަރުކުރާށޭއެވެ. އެ މީހުން ބުނީ 'ސްކިބިޑީ' [ވިޔާނުދާ] ސަރުކާރެކޭއެވެ. އެ މީހުން 12 ޖެހީމާ ގެއަށް ދިޔައީ މުޅި ގައުމު ކައްކާލާފައެވެ. އެކަމަކު، ފުލުހުން އަމަލުކުރި ގޮތުން އުފެދެނީ އެންމެ ސުވާލެކެވެ. އެ މީހުން ހިމާޔަތް އެ ކުރަނީ ކާކުހެއްޔެވެ؟ ފުލުހުން ތެޅިގަތުން ފުރާޅެއް މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮތްކަން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހުކުރު ދުވަހު ހެނދުނު 7:23 ގައެވެ. އޭނާ ދެން ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެ ތަނުގައި އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ވެންޓިލޭޓަރުގައެވެ. ވެންޓިލޭޓަރުން ނެގި ނަމަވެސް އަދިވެސް ހާލު ވަރަށް ދެރައެވެ. ފުރަތަމަ ފެނުންއިރު ކާކުކަން ވެސް ނޭނގެއެވެ. ޒަޚަމުތައް ގިނަކަމުންނެވެ. https://sun.mv/205175 އޭރު ފުލުހުން ބުނީ އިމާރާތެއް މަތިން ވެއްޓިފައި އޮތް ޒުވާނަކު ފެނުނު ވާހަކަ އެކަންޏެވެ. ހާދިސާގެ ތަފުސީލުތައް އާންމުކުރީ އާންމުންނެވެ. ގޮތް ނޭނގޭ އެކައުންޓުތަކާއި ޒުވާނުންނެވެ. މުޅި މައްސަލައިގައި ހިމެނޭ އެންމެންގެ ނަމާއި ތަފުސީލުތައް މީސްމީޑިއާއަށް ތިލަވިއިރު ވެސް ފުލުހުން ތިބީ ހަނެވެ. ނޫސްވެރިން ތަކުރާރުކޮށް ކުރި ސުވާލުތަކަށް ބީރުކަންފަތެއް ދީގެންނެވެ. އެކަމަކު، މީސްމީޑިއާގައި މަޑުމަޑުން އޭރު މައްސަލަ ކެކެން ފަށައިފިއެވެ. މީހުން ހޫނުވާން ފަށައިފިއެވެ. ރުޅިގަދަވާން ފަށައި، މީސްމީޑިއާގައި ފާޑުފާޑުގެ ތުހުމަތުތައް އަމާޒުވާން ފަށައިފިއެވެ. ޚާއްސަކޮށް، ހާދިސާގައި ހަރަކާތްތެރިވަނީ ސަރުކާރުގެ ނުފޫޒު ގަދަ އާއިލާތަކަށް ނިސްބަތްވާ ބައެއް ކަމަށް ދިޔައީ އަޑު ފެތުރެމުންނެވެ. ފުލުހުން ފުރަތަމަ ފަހަރަށް ހާދިސާއާ ގުޅޭ ގޮތުން ވާހަކަދެއްކީ އަންގާރަ ދުވަހުގެ ރޭގަނޑު 10 ވެސް ޖެހި ފަހުން އިސްކަންދަރު ކޮށީގައި 'ބަންދުކޮށްގެން' ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ދުވަހު ދިން ޖަވާބުތަކަށް ވުރެ އާންމުންނަށް ދޫކޮށްލި ސުވާލުތައް މާ ގިނައެވެ. އެ ދުވަހު ހާމަކުރީ ވެސް އަނިޔާވި ކުއްޖާގެ ނަން އެކަންޏެވެ. ދެން ތިބި އެއްވެސް މީހެއްގެ ނަމެއް، ހާދިސާ ހިނގި ތަނެއް، ކުރި ކަމަށް ބުނާ 'ޕާޓީ'ގައި ތިބީ ކޮން ބައެއް ކަމެއް ނުބުނެއެވެ. https://sun.mv/205159 ހަމައެކަނި ކުރި ކަމަކީ، ހ. ފެންޓޯނިއާގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނުއިރު ގާތުގައި ހުރި ރައުދު އަހުމަދު ޒިލާލްގެ ޕާސްޕޯޓު ހިފެހެއްޓުމެވެ. ދެން މައްސަލައިގައި ހިމެނޭ އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅައެވެ. ވެއްޓުނުއިރު ރައުދު ހުރީ ގާތުގައި ނޫންކަން ސާބިތުކޮށްދޭން ވީޑިއޯ ފުޓޭޖް ދެއްކިއެވެ. އެކަމަކު، ތަހުގީގު ބައްޓަންކުރަމުންދިޔަ ގޮތާއި ފުލުހުން އަމަލުކުރި ގޮތުން ދެން އުފެދުނު ސުވާލުތައް މާ ގިނައެވެ. ޚާއްސަކޮށް، ފުލުހުން މި ހިމާހަތްކުރަނީ ކާކުތޯ ކުރާ ސުވާލު މާ ބާރަށް ކުރަން ފެށިއެވެ. ފުލުހުން އަމަލުކުރި ގޮތުންނެވެ. ހާދިސާ ހިނގި ގޮތް ފުލުހުން ބުނާ ގޮތުން އަންހެން ކުއްޖަކު ފުރާޅެއް މަތީ އޮތްކަން އެނގުނުއިރު އެއީ ކާކުކަމެއް ނޭނގެއެވެ. ހާދިސާގައި ހިމެނެނީ ކޮން ބައެއްކަމެއް ނޭނގެއެވެ. ފުލުހުން ބުނީ، ޔުމްނުއަށް އޮތީ ވަރަށް ބޮޑަށް އަނިޔާވެފައި ކަމަށެވެ. މޫނުމަތިން އެއީ ކާކުކަން ވެސް ނޭނގެއެވެ. https://sun.mv/205151 ޔުމްނުއާއި ރައުދު ހިމެނޭހެން ޖުމުލަ ނުވަ މީހުން ދިޔައީ މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގެކޮޅު، މއ. މާންދޫގޭދެކުނުގެއަށެވެ. އެ ގޭގައި ކުރީ ކީއް ކަމެއް ފުލުހުން ނުބުނެއެވެ. އެ ގޭގައި ހިނގި ކަމެއް ވެސް ނުބަލާ ކަމަށް ފުލުހުން ބުންޏެވެ. އެއީ، ތަހުގީގަށް މުހިންމު ކަމެއް ނޫނޭ ފުލުހުން ބުންޏެވެ. އެކަމަކު، އެކި މަސްދަރުތަކުން އެނގުނު ގޮތުގައި އެ ގެއަށް ދިޔައީ 'ޕާޓީ'އަކަށެވެ. ޔުމްނުއާއި ރައުދުގެ އިތުރުން އެ ޕާޓީއަށް ދިޔަ މީހުންނަކީ: އައިޝަތު ލަޔާލީ އިޤްބާލް - ހ. ނޯތްބްރީޒް، ކ. މާލެ އިޒުދިޔާން މުހައްމަދު މައުމޫން - މއ. މާންދޫގެދެކުނުގެ، ކ. މާލެ (މިނިސްޓަރު އަމީނަށް ބޮޑުބޭބެ ކިޔާ މީހެއް) ޔޫސުފް އަހުމަދު އަކްރަމް - މއ. މާންދޫގެދެކުނުގެ، ކ. މާލެ (އަމީނަށް ބޮޑުބޭބެ ކިޔާ މީހެއް) ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު - ހ. މީނާޒް އާމިނަތު ޖުނައިނާ ޖަމްޝީދު - ހ. ތިލަފަޅު ހުސައިން ހަމީސް އަލީ - އަލި، ނ. ވެލިދޫ އިޖާޒް ޖާއިޒް - މާތޮޑްއަވަށް، އޭޕްރީލް، ގދ. ފަރެސްމާތޮޑާ https://x.com/sunbrk/status/1915304030496305293/photo/1 މި މީހުންގެ ނަންތައް ފުލުހުން ހާމަކުރީ މިއަދެވެ. އޭގެ ކުރިން ނަން ބުނީ ޔުމްނުގެ އެކަންޏެވެ. ޕާޓީ ނިންމާފައި 3:30 އެހާކަންހާއިރު މީގެ ތެރެއިން ހަތަރު މީހަކު ވަނީ ވަކިން ސްޓެލްކޯ އިމާރާތް ކައިރީ ހުރި ގެއަކަށް ގޮސްފައެވެ. އެ ގޭގައި އެ މީހުން މާ ގިނައިރެއް ނުކުރެއެވެ. ހޭދަވީ 15 ވަރަކަށް މިނެޓު ކަމަށް ސީސީޓީވީ ފުޓޭޖާ ހަވާލާދީ ފުލުހުން ބުންޏެވެ. އެ ގެއިން ނުކުމެގެން ދެން އުޅުނީ ޔުމްނުއާއި ރައުދެވެ. ދެ ޒުވާނުން ގޮސް އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ފެންޓެނޯއީ ގެއަށް ވަންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ. އެ މީހުން އެ ގޭގައި އުޅުނު ގޮތަށް ހީވަނީ 'ލޯބިވެރިން'ތަކެއް ހެނެވެ. އެ ގޭގެ ސިޑިގޮޅި މަތީގައި 4:15 އެހާކަންހާއިރުން ފެށިގެން 4:52 އެހާކަންހާއިރު ޔުމްނު ވެއްޓުމާ ހަމައަށް ދެ މީހުން އުޅޭ މަންޒަރު ފުލުހުންގެ ދެއްކިއެވެ. ބަދުއަހުލާގީ އަމަލު ހިންގާތަން ވެސް ވީޑިއޯއިން ފެނެއެވެ. ވެއްޓުނުއިރު އަންހެން ކުއްޖާ ހުރީ ވެސް ރައުދުގެ ޓީޝާޓު ލައިގެންނެވެ. ފުލުހުން ހިމާޔަތް މި ކުރަނީ ކާކު؟ ފުލުހުން މީހަކު ހިމާޔަތްކުރަނީއޭ، އެއީ ކާކުހޭ ސުވާލު އުފައްދަން ޖެހެނީ އެ މީހުން އަމަލުކުރި ގޮތުންނެވެ. ފުރަތަމަ ކަމަކަށް، އެ މީހުން މަސްތުވީ އަމީންގެ އާއިލީ ގެކޮޅު މާންދޫގޭދެކުނުގޭގައި ކަން ފުލުހުންގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކައިން ވަރަށް ސާފުކޮށް އެނގެއެވެ. އެކަމަކު، އެ ގޭގައި ހިނގި އެއްވެސް ކަމެއް ނުބަލައި ކަމަށާއި ތަހުގީގަށް އެ ކަންކަން މުހިންމު ވެސް ނުވާ ކަމަށް ފުލުހުން ފުރަތަމަ ބުންޏެވެ. އެ ޕާޓީގައި ތިބި އެންމެންނާ ސުވާލު ވެސް ނުކުރެއެވެ. ބައެއް މީހުންނާ ސުވާލުކުރިއިރު، ދެ މީހަކު މަސްތުވާތަކެއްޗަށް ޓެސްޓްކުރަން ވެސް ދެކޮޅު ހެދިއެވެ. https://sun.mv/205161 އެކަމަކު، މިއަދާ ހަމައަށް ފުލުހުން އެ ކަމަކާ އަޅައެއް ނުލައެވެ. އެ އެންމެން އެނގި ތިބެއެވެ. އެ މީހުންގެ ޕާސްޕޯޓު ވެސް ހިފެހެއްޓީ މިއަދެވެ. މުޒާހަރާއަށް ފަހު ކަންކަން މާ ބޮޑަށް ހޫނުވެދާނެހެން ހީވީމައެވެ. އެ މީހުން ބަލައި ފާސްކޮށް، ޓެސްޓްކުރަން އެ އުޅެނީ ހާދިސާއަށް ހަވަނައަށްވީ ދުވަހެވެ. ޕާޓީކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ރިކޯޑު އޮތް މީހުން ވެސް ހިމެނެއެވެ. މުޒާހަރާކޮށް، ދެން މަޑުމަޑުން ނުތިބެވޭނެހެން ހީވީމާ ޕާޓީކުރި މީހުން މަސްތުވާތަކެއްޗަށް ޓެސްޓްކުރަން ކޯޓު އަމުރަކަށް އެދުނީ ވެސް މިއަދެވެ. އެ ކަމެއް ކުރިތާ ހަ ދުވަސް ފަހުންނެވެ. މީގެ ކުރިން، މި ފަދަ މައްސަލަތަކުގައި ހިމެނޭ އެންމެން ހައްޔަރުކުރިތަން ވެސް މާޒީގައި ފެނިއްޖެއެވެ. ޔުމްނު ވެއްޓުނުއިރު ގާތުގައި ހުރި ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަމަވެސް ހައްޔަރެއް ނުކުރެއެވެ. އެއީ ކީއްވެތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު ދެއްވީ ފިނި ޖަވާބެކެވެ. އެއީ، ހައްޔަރުކުރާތާ 30 ދުވަސްތެރޭގައި ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވަން ޖެހޭތީ، އެ މުއްދަތުގައި އެކަން ނުކުރެވިދާނެތީ ހައްޔަރުނުކުރީއެވެ. އެކަމަކު، މުޒާހަރާކުރުމުން އޭނާ ހައްޔަރުކުރަން ވެސް އަމުރަކަށް އެދިއްޖެއެވެ. https://sun.mv/205176 ހެނދުނު 10:00 އަށް ފަށަން ތާވަލުކުރި ނޫސްވެރިންގެ ބައްދަލުވުން ފެއްޓުނީ ވެސް 11 ޖަހައި ބޮޑުވި ފަހުންނެވެ. މެންދުރު ދޭއް ޖެހުމާ ހަމައަށް ދިގުލައިގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ހޫނުކޮށް، އެންމެ ވަރުގަދައަށް އަމާޒުވި ސުވާލަކީ އެއްވެސް ބޭފުޅަކު މި މައްސަލައަށް ނުފޫޒު ފޯރުވިތޯއެވެ. އެ ކަމަށް ވެސް ވަރަށް ފިނިކޮށް ޝުޖާއު ވިދާޅުވީ، ނޫނެކޭ ނުފޫޒެއް ނުފޯރުވައޭ، ފުލުހުން ނުފޫޒުގައެއް ނުޖެހޭނޭއެވެ. ޕާޓީއަށް ދިޔަ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅި ލަސްވީ ކީއްވެތޯ ތަކުރާރުކޮށް އެހީމާ އެސިސްޓަންޓް ކޮމިޝަނަރު އިސްމާއިލް ނަވީން ދެއްވި ޖަވާބަކީ މިއެވެ. "އަޅުގަނޑުމެންނަށް ވަގުތަކީ ވަރަށް މުހިންމު އެއްޗެއް. ކަންތައްތައް ކުރުމަށްޓަކައި، ތަހުގީގު ކުރާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުމާއި އަދި ކޯޓު އަމުރު ހޯދުމާއި މި ކަންކަން ކުރުމަކީ ވެސް ވަރަށް ބައިވަރު ވަގުތު ދާ ކަމެއް އެއީ،" "އަޅުގަނޑާ މި މައްސަލަ ރިވިއުކުރަން ހަވާލުވި ފަހުން މުޅި މި ކޭސްގެ ކަންތައްތައް ބަލަމުން މި ދަނީ. އެއްވެސް ކަހަލަ މިސްޓޭކެއް، އެއްވެސް ކަމެއް ނައްޓައިގެން ގޮސްފައި ހުރިތޯ. އެ މަސައްކަތް ކޮށްފައި އެ ފީޑްބެކް އަޅުގަނޑު މި ދެނީ. މިކަން ނުކޮށް އޮތީ ކީއްވެގެންތޯ، މިކަން ނުކޮށް އޮތްނަމަ މި ކަންތައްތައް ފުރިހަމަކުރަން،" އެކަމަކު، ހާދިސާގެ އެންމެ ފުރަތަމަ 48 ގަޑިއިރު ދިޔައީ ވަރަށް ލޮނުމަޑުކޮށެވެ. ޕާޓީކުރި މީހުން ހިމާޔަތްކުރަން އުޅުމުގެ ތުހުމަތު ތަކުރާރުކޮށް، މި މައްސަލައިގެ ތެރެއަށް އެއްވެސް ނުފޫޒެއް ނުވަންނަ ކަމަށް ކޮމިޝަނަރު ޝުޖާއު ވިދާޅުވިއެވެ. އެކަމަކު، ފުލުހުންގެ އެތެރޭގައި ހުކުރު ދުވަހު ކަންތައްތައް ހިނގައިދިޔަ ގޮތް ހިއްސާކުރި ބައެއް މަސްދަރުތަކުން ދެއްކީ ތަފާތު ވާހަކައެކެވެ. އެ މީހުން ކުރީ 'ނުފޫޒެއްގައި'، އާންމު އުސޫލުން ބޭރުން މި މައްސަލައިގައި އަމަލުކުރިކަމުގެ ތުހުމަތެވެ. https://sun.mv/205173 'ޕާޓީ'އެކޭ ވިދާޅުނުވެ އެއްވުމެއް ގެކޮޅުގައި ހިނގި ކަމަށް އަމީން އެއްބަސްވެލެއްވިއެވެ. އެ ކަމުގައި އޭނާއަށް ބޮޑުބޭބެ ކިޔައި ދެ މީހަކު އުޅުނު ކަމަށް ވެސް އެއްބަސްވިއެވެ. އެކަމަކު، އެއްވެސް ނުފޫޒެއް މައްސަލައަށް ނުފޯރުވާ ކަމަށާއި އެ ހާދިސާގެ މައުލޫމާތު ލިބުނީ ވެސް ހުކުރު ދުވަހު ހަވީރު ކަމަށް އަމީން ވިދާޅުވިއެވެ. "އެއީ ދޮގެއް،" އެތެރެއިން މައުލޫމާތު ދިން މަސްދަރުން ބުނީ މިހެންނެވެ. އެ ބޭފުޅާ ކިޔައިދިން ގޮތުގައި މި މައްސަލައަށް އެޓެންޑްވަމުން ދިޔައިރު ހެންވޭރު ފުލުހަށް ނުފޫޒު ވަނެވެ. ހޯމް މިނިސްޓަރު އަލީ އިހުސާނާއި އަމީން އަދި ކޮމިޝަނަރު ވެސް މައްސަލައިގެ ކަންކަން 'ގާތުން ބެލި' ކަމަށް އެ ބޭފުޅާ ތަކުރާރުކޮށް ވިދާޅުވިއެވެ. އެކަމަކު، އެ ތުހުމަތުތައް ފުލުހުން ދޮގުކުރެއެވެ. "ޕޮއިންޓަކީ އަނިޔާވެ ފުރާޅެއް މަތީގައި ވެއްޓިފައި އޮތް ކުއްޖަކަށް ވީގޮތް ހޯދުމުގެ ބަދަލުގައި ތަހުގީގުގެ ކޯސް އޮފް ޑިރެކްޝަން ހުރީ ބޮޑަށް މި ހާދިސާގައި ވަކި ބައެއްގެ އިންވޯލްވްމަންޓް ނެތްކަން ދައްކަން،" އެތެރެއިން ވާހަކަދެއްކި ބޭފުޅަކު ތުހުމަތުކުރެއްވިއެވެ. https://sun.mv/205179 ހުކުރު ދުވަހު ހަތަރުދަމު، މައްސަލަ އާންމުންގެ ސަމާލުކަމަށް އަންނަންދެން ވެސް ބެލީ ހެންވޭރު ފުލުހުންނެވެ. އެކަމަކު، އެއީ ފުލުހުން އާންމުކޮށް އަމަލުކުރާ އުސޫލެއް ނޫނެވެ. މި ފަދަ ބޮޑު ހާދިސާއެއް ހިނގުމުން އެ މައްސަލަ ބަލާނީ މޭޖާ ކްރައިމްއިންނެވެ. އެ އުސޫލުން ބޭރުވީ، ނުފޫޒެއްގެ ތެރެއިން އެ ރޭގެ ޕާޓީގައި ތިބި ވަކި ބަޔަކު ހިމާޔަތްކުރަން ކަމަށް އެ ބޭފުޅާ ގަބޫލުކުރެއެވެ. މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައިލީމާ ފެންނަނީ އެންމެ ކަމެކެވެ. ފުލުހުން މި މައްސަލަ މިހާ ބޮޑުވަންދެން ވެސް ތިބީ މަޑުންނެވެ. ޒުވާނުން ނުކުމެ ގައުމު ކައްކާލަންދެން ފުލުހުން މަސައްކަތްކުރީ 'ޕާޓީ ކުރި' މީހުންނާއި ޔުމްނުގެ ވެއްޓުމާ ގުޅުމެއް ނެތްކަން ސާބިތުކޮށްދޭށެވެ. މަޖުބޫރުވުމާ ހަމައަށް ވެސް 'ޕާޓީ ކުރި' އެއްވެސް މީހެއްގެ ނަން ވެސް ބުނެލާކަށް ފުލުހުން ބޭނުމެއް ނުވިއެވެ. އެކަން ކުރީ ޒުވާނުން ނުކުމެ މަޖުބޫރުކުރީމައެވެ. ފުލުހުން މި ހިމާޔަތްކުރަނީ ނުވަ ޒުވާނުންގެ ތެރެއިން ކާކު ކަމެއް ޔަގީނެއް ނޫނެވެ. އެނގެނީ، އެ މީހުންގެ ތެރޭގައި 'ބާރުގަދަ' ބަޔަކު ތިބި ކަމެވެ. އެ ކަމަކާ އެއްވެސް ޝައްކެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ