ވޮލީބޯލް އެސޯސިއޭޝަނުގެ ރެފްރީސް ކޮމިޝަނަށް ބޮޑު ބަދަލެއް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރެފްރީސް ކޮމިޝަނަށް ބޮޑު ބަދަލެއް ގެނެސް، އެ ކޮމިޝަނަށް އައު ފަސް މެމްބަރުން އައްޔަނުކޮށްފިއެވެ. ރާއްޖޭގެ ރެފްރީންގެ ފެންވަރު ވަޒަންކުރުމާއި ޓެކްނިކަލް ގިނަ ކަންކަން ކުރުމަށް މަތިކޮށްފައިވާ މި ކޮމިޝަނަށް އަލަށް އައްޔަނުކުރި ފަސް މެމްބަރުންގެ ތެރޭގައި މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ފާހަގަކޮށްލެވޭ ރެފްރީން ހިމެނެއެވެ. މި ކޮމިޝަނުގެ ޗެއާމަނެއްގެ ގޮތުގައި އައްޔަނުކޮށްފައިވަނީ ހުސެއިން ހަމީދެވެ. މި ކޮމިޝަނުގައި ދެން ހިމެނެނީ ހަސަން ސިމާދު، މުހައްމަދު އަނީސް، ހައްވާ ރަޝީދާ އަދި، އަލީ ޝާކިރެވެ. މި މެމްބަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ލަތީފެވެ. މީގެކުރިން މި ކޮމިޝަނުގައި ހަރަކާތްތެރިވި މެމްބަރުގެ ތެރޭގައި އަހުމަދު ނަޝީދު ހުމަދު ސަލީމް (ކުނޑި) ހިމެނެއެވެ. ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް ވަނީ މި މެމްބަރުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި ވޮލީ ކުރިއެރުވުމަށް ކުރީގެ މެމްބަރުގެ މަސައްކަތް ވަނީ ފާހަގަކުރައްވާފައެވެ. ވީއޭއެމުގެ މިހާރުގެ ލީޑަޝިޕުން މިއަހަރު ދަނީ ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވަމުންނެވެ. އެގޮތުން ކުޅުންތެރިން ބިނާކުރުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުބާރާތްތައް ރޭވުމުގެ އިތުރުން ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ