ބްރޯޑްކޮމްއަށް އައްޔަނުކުރަން ފަސް ނަމެއް، އެންމެ ކުރީގައި ޒީނާ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަނު ކުރަން ފެންނަ ފަސް ބޭފުޅެއްގެ ނަން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް ފުރުސަތު ހުޅުވާލުމުގެ 10 ބޭފުޅަކު ކުރިމަތިލެއްވި އެވެ. ރައީސް ވަނީ އެ ނަންތައް ތަރުތީބު ކުރައްވާ އެންމެ އިސްކަންދޭ ބޭފުޅުން ފާހަގަ ކުރައްވާ މަޖިލީހަށް ފޮނުވާފަ އެވެ. މަޖިލީހުގެ ކޮމެޓީގައި އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ނިންމީ ފަސް ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވާށެވެ.
ލިސްޓްގެ އެންމެ ކުރީގައި ވަނީ ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ޒާހިރެވެ. ނަމަވެސް މިއީ ރައީސް މުއިއްޒު އެންމެ އިސްކަން ދެއްވި ނަމެއް ނޫނެވެ. ރައީސް އެންމެ އިސްކަން ދެއްވި ބޭފުޅަކީ އައިމިނަތު ޝިޔާނާ އެވެ. އޭނާގެ ނަން އޮތީ ކޮމެޓީ ލިސްޓްގެ ދެވަނާގަ އެވެ.
Advertisement
ދެން ހިމެނެނީ ޝިމްލާ އަހުމަދާއި މޫސާ ރިލްވާން އަދި ޒަމްއަތު އަހުމަދު ވަހީދުގެ ނަމެވެ.
މި ނަންތަކާމެދު ގޮތް ނިންމާނީ މަޖިލީހުގެ ތަޅުމުގަ އެވެ. ވޯޓަށް އަހާނީ ކޮމެޓީން ތަރުތީބު ކޮށްފައިވާ ގޮތަށެވެ. ނަމެއް ފާސްވުމުން ދެން އޮތް ނަންތަކަށް ވޯޓަށް ނާހާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ