ނަރަކައާ ނަރަކައިގެ ޢަޛާބާމެދު މިކަންކަން އެނގޭހެއްޔެވެ؟

ނަރަކައިގެ ވާހަކައިގެ އަޑު އިވުމުން ހިތަށް ބިރުވެރިކަން ނުވަންނަނަމް އެއީ މައްސަލައެކެވެ. ޤުރްއާން ކިޔަވާއިރުވެސް ޢަޛާބާއި ޖަހަންނަމައިގެ ވާހަކަތަކުގެ އަޑު އިވުމުން ނުވަތަ ކިޔެވުނީމަ ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. އަދި ސުވަރުގޭގެ ވާހަކަތަކުގެ އަޑު އިވުމުން ނުވަތަ ކިޔަވާފައި ސުވަރުގެ ދެއްވެވުން އެދިގެން ދުޢާކުރަންވާނެއެވެ. މާތް ﷲ އެމީހަކަށް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. 
ތިރީގައިވާ ލިޔުމަކީ ނަރަކައާއި ނަރަކައިގެ ޢަޛާބުގެ ކަންކަން އެނގުމަށް މުހިންމު ލިޔުމެކެވެ.  
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. 
ނަރަކައަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވާ އަޅުތަކުންނަށް، އެއިލާހު ތައްޔާރުކުރައްވާފައިވާ ޢަޛާބުގެ ގޮވައްޗެވެ. ދުނިޔޭގެ އަލިފާނަކީ ނަރަކައިގެ އަލިފާން ހަނދުމަކޮށްދެނިވި އެއްޗެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ ‎﴿٧١﴾‏ أَأَنتُمْ أَنشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنشِئُونَ ‎﴿٧٢﴾‏ نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِّلْمُقْوِينَ ‎﴿٧٣﴾‏ [سورة الواقعة] މާނައީ: “ތިޔަބައިމީހުން ރޯކުރާ އަލިފާނާމެދު، ތިޔަބައިމީހުން ފަހެ ވިސްނައި ބެލީމު ހެއްޔެވެ؟ (71) އޭގެ ގަސް އުފެއްދީ ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އެ އުފެއްދެވި ފަރާތަކީ ތިމަން އިލާހު ހެއްޔެވެ؟ (72) ހަނދުމަކުރުމެއް ކަމުގައްޔާއި، ދަތުރުފަތުރުކުރާ މީހުންނަށާއި ދަތުރުނުކޮށް ޤާއިމުވެ ތިބޭ މީހުންނަށް ބޭނުންހިފޭ އެއްޗެއްކަމުގައި، ތިމަން އިލާހު އެ އަލިފާން ލެއްވީމެވެ. (73)” 
ނަރަކައިގެ ހޫނު ވަރަށް ގަދަ ވާނެއެވެ. ދުނިޔޭގައި މިވާ އަލިފާނަކީ ނަރަކައިގެ އަލިފާނުގެ ހަތްދިހަ ބައިކުޅަ އެއް ބައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«نَارُكُمْ جُزْءٌ مِنْ سَبْعِينَ جُزْءًا مِنْ نَارِ جَهَنَّمَ»، قِيلَ يَا رَسُولَ اللَّهِ إِنْ كَانَتْ لَكَافِيَةً قَالَ: «فُضِّلَتْ عَلَيْهِنَّ بِتِسْعَةٍ وَسِتِّينَ جُزْءًا كُلُّهُنَّ مِثْلُ حَرِّهَا» [رواه البخاري (3265)]
މާނައީ: ” “ތިޔަބައިމީހުން ތިޔަ ގެންގުޅޭ އަލިފާނަކީ ނަރަކައިގެ އަލިފާނުގެ ހަތްދިހަ ބައިކޮށްފަ އެއްބައެވެ.”
އެހިނދު ދެންނެވުނެވެ.
“އޭ ﷲގެ ރަސޫލާއެވެ! އޭގައިވާ (ދުނިޔޭގެ އަލިފާނުގައިވާ) ހޫނުކަން މީސްތަކުންނަށް (ޢަޛާބެއްގެ ގޮތުން) ފުދެއެވެ.”
އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
“ނަރަކައިގެ އަލިފާންވަނީ ދުނިޔޭގެ އަލިފާނުގެ މައްޗަށް ފަސްދޮޅަސް ނުވަ ބަޔަށް (ހޫނުކަން) އިތުރުކުރެވިގެންނެވެ. އޭގެ ތެރެއިން ކޮންމެ ބައެއްވެސް މި ދުނިޔޭގެ އަލިފާނުގެ ހޫނެކޭ އެއްފަދައެވެ.” “ 
އަދި އެތަން އެހާމެ ފުންވާނެއެވެ. ނަރަކައަށް ވައްޓާލެވޭ ހިލަގަނޑެއް އެތަނުގެ އެންމެ އަޑީގައި ޖެހެންދެން 70 އަހަރު ވެއްޓިވެއްޓި ހުރެއެވެ. އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ.
كُنَّا مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِذْ سَمِعَ وَجْبَةً، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «تَدْرُونَ مَا هَذَا؟» قَالَ: قُلْنَا: اللهُ وَرَسُولُهُ أَعْلَمُ، قَالَ: «هَذَا حَجَرٌ رُمِيَ بِهِ فِي النَّارِ مُنْذُ سَبْعِينَ خَرِيفًا، فَهُوَ يَهْوِي فِي النَّارِ الْآنَ، حَتَّى انْتَهَى إِلَى قَعْرِهَا» [رواه مسلم 31 – (2844)]
މާނައީ: “ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ތިމަން ބޭކަލުން ތިއްބަވަނިކޮށް، އެއްޗެއް ވެއްޓޭ އަޑު އިވުނެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
“އެއީ ކޮން އަޑެއްކަން ތިޔަ ބޭކަލުންނަށް އެނގިވަޑައިގަންނަވާ ހެއްޔެވެ؟”
ދެން ތިމަން ބޭކަލުން ދެންނެވީމެވެ.
“އެންމެ މޮޅަށް ދެނެވޮޑިގެންނަވަނީ ﷲ އެވެ. އަދި އެއިލާހުގެ ރަސޫލާއެވެ.”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
އެއީ މީގެ ހަތްދިހަ އަހަރު ކުރިން ނަރަކައަށް ވައްޓާލެވުނު ހިލައެކެވެ. އެ ހިލަ ވެއްޓެމުންގޮސް، މިހާރު އޭގެ އެންމެ އަޑީގައި އެ ޖެހުނީއެވެ.” “ 
ޤިޔާމަތް ދުވަހު ނަރަކަ ގެނެވޭއިރު އޭގައި ހަތްދިހަހާސް ލަގަންވާނެއެވެ. ކޮންމެ ލަގަނަކާއެކު ހަތްދިހަހާސް މަލާއިކަތުން އެ ނަރަކަ ދަމާފައި ގެންނާނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«يُؤْتَى بِجَهَنَّمَ يَوْمَئِذٍ لَهَا سَبْعُونَ أَلْفَ زِمَامٍ، مَعَ كُلِّ زِمَامٍ سَبْعُونَ أَلْفَ مَلَكٍ يَجُرُّونَهَا» [رواه مسلم 29 – (2842)]
މާނައީ:  “އެދުވަހު ނަރަކަ ގެނެވޭއިރު، އޭގައި ހަތްދިހަހާސް ލަގަން ވާނެއެވެ. ކޮންމެ ލަގަނަކާއެކު ހަތްދިހަހާސް މަލާއިކަތުން، އެ ނަރަކަ ދަމާފައި ގެންނާނެއެވެ.”
ނަރަކައިގެ އަހުލުވެރިންގެ ފޭރާމަކީ އެތަނުގެ އަލިފާނުން ތައްޔާރުކޮށްފައިވާ ހެދުމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ النَّارُ﴾‏ [سورة إبراهيم ٥٠]
މާނައީ: “އެބައިމީހުންގެ ފޭރާން ވަނީ ކަތުރާނުންނެވެ. އަދި އަލިފާން، އެބައިމީހުންގެ މޫނުތައް ފޮރުވައިލާނެއެވެ.” 
އެތަނުގެ އަހުލުވެރިންގެ ކެއުމަކީ ޒައްޤޫމެވެ. އެއީ ނަރަކައިގެ އަޑިން ފަޅައިގެން ހެދޭ ގަހެކެވެ. އޭގެ މޭވާ ޝައިޠާނުންގެ ބޯތަކެކޭ އެއްފަދައެވެ. ފަހެ އެއިން އެބައިމީހުންގެ ބަނޑުތައް ފުރާލާނެއެވެ. އެބައިމީހުންގެ ބަނޑުތަކުގައި ތެޔޮކުނޑި ފަދައިން އެ ކެކޭނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
إِنَّ شَجَرَتَ الزَّقُّومِ ‎﴿٤٣﴾‏ طَعَامُ الْأَثِيمِ ‎﴿٤٤﴾‏ كَالْمُهْلِ يَغْلِي فِي الْبُطُونِ ‎﴿٤٥﴾‏ كَغَلْيِ الْحَمِيمِ ‎﴿٤٦﴾ [سورة الدخان]
މާނައީ: “ހަމަކަށަވަރުން، ޒައްޤޫމު ގަހަކީ (ނަރަކައިގައި) ފާފަވެރިޔާގެ ކާނާއެވެ. (43–44) ތެޔޮކުނޑި ފަދައިން ބަނޑުތަކުގައި އެ ކެކޭނެއެވެ. (45) ކެކިކެކިހުންނަ ފެން ކެކޭ ފަދައިންނެވެ. (46)” 
އެތަނުގެ އަހުލުވެރިންގެ ބުއިމަކީ ކެކިކެކި ހުންނަ ހޫނު ފެނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ ‎﴿٥١﴾‏ لَآكِلُونَ مِن شَجَرٍ مِّن زَقُّومٍ ‎﴿٥٢﴾‏ فَمَالِئُونَ مِنْهَا الْبُطُونَ ‎﴿٥٣﴾‏ فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ ‎﴿٥٤﴾‏ فَشَارِبُونَ شُرْبَ الْهِيمِ ‎﴿٥٥﴾‏ [سورة الواقعة]
މާނައީ: “އޭ މަގުފުރެދިގެންވާ، ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން ޒައްޤޫމު ގަހުން ކާނޭކަން ކަށަވަރެވެ. (51–52) ފަހެ، އެއިން ބަނޑުތައް ފުރައިލާނެއެވެ. (53) ފަހެ އޭގަ މައްޗަށް ކެކިކެކި ހުންނަ ހޫނުފެން ބޯނެއެވެ. (54) އެއީ ފެންބޮވައިގެންފައިވާ ޖަމަލުތައް ފެންބޯ ފަދައިންނެވެ. (55)” 
އެތަނުގެ އަހުލުވެރިންނަށް ޢަޛާބު ދިނުމަށް ދަގަނޑު ޗާބޫކުތަކެއް ތައްޔާރުކޮށްފައި ވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَلَهُم مَّقَامِعُ مِنْ حَدِيدٍ﴾ [سورة الحج ٢١]‏
މާނައީ: “އަދި އެބައިމީހުންނަށްޓަކައި ދަގަނޑު ޗާބޫކުތަކެއް ވެއެވެ.” 
އެބައިމީހުންގެ ކަނދުރާތަކުގައި ކަސްތޮޅުއެޅި، ހިލިހިލާޖެހި އެބައިމީހުން ދަމާފައި ގެންދެވޭނެއެވެ. އަދި ކެކިކެކިހުރި ހޫނުފެނުގެ ތެރެއަށް އެބައިމީހުން ލެވޭނެއެވެ. ދެން ނަރަކައިގެ އަލިފާނުގެ ތެރޭގައި އެބައިމީހުން އަންދަވާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
إِذِ الْأَغْلَالُ فِي أَعْنَاقِهِمْ وَالسَّلَاسِلُ يُسْحَبُونَ ‎﴿٧١﴾‏ فِي الْحَمِيمِ ثُمَّ فِي النَّارِ يُسْجَرُونَ ‎﴿٧٢﴾ [سورة غافر]
މާނައީ: “އެބައިމީހުންގެ ކަނދުރާތަކުގައި، ކަސްތޮޅުއެޅި ހިލިހިލާޖެހި، އެބައިމީހުން ދަމައި، ގެންދަވާ ހިނދުގައެވެ. (71) ކެކިކެކިހުރި ހޫނުފެނުގެ ތެރެޔަށެވެ. ދެން ނަރަކައިގެ އަލިފާނުގެ ތެރޭގައި އެބައިމީހުން އަންދަވާނެއެވެ. (72)” 
އެބައިމީހުންނަށް ލިބޭ ވޭނެއްގެ ގަދަކަމުން، ނަރަކައިން ނުކުންނަން އުޅެފި ކޮންމެ ފަހަރަކު، އެބައިމީހުން އަލުން އެތަނަށް ފޮނުއްވާ ހުށްޓެވެ. ދެން އެބައިމީހުން އެދޭނީ އެބައިމީހުން މަރު ގެންނެވުމަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّاكِثُونَ‎﴾ [سورة الزخرف ٧٧]
މާނައީ: “އެބައިމީހުން ގޮވާނެއެވެ. އޭ މާލިކުގެފާނެވެ! ތިމަންމެން މަރުގެންނެވުމަށް ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުގައި ދަންނަވައި ދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނީ (ޢަޛާބުގައި) ދެމިތިބޭނޭ ބަޔެކެވެ.” 
ފަހެ ޤިޔާމަތް ދުވަހުން، ނުކިޔަމަންތެރިވި އެންމެހާ އިންސީންނާއި ޖިންނީން އަޅުއްވާ ނަރަކަ ފުރުއްވާނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«لاَ تَزَالُ جَهَنَّمُ تَقُولُ: هَلْ مِنْ مَزِيدٍ، حَتَّى يَضَعَ رَبُّ العِزَّةِ فِيهَا قَدَمَهُ، فَتَقُولُ: قَطْ قَطْ وَعِزَّتِكَ، وَيُزْوَى بَعْضُهَا إِلَى بَعْضٍ» [رواه البخاري (6661) ومسلم 37 – (2848)]
މާނައީ: “(ޤިޔާމަތް ދުވަހު) މެދުކެނޑުމެއް ނެތި ނަރަކަ ގޮވަމުން ދާނެއެވެ. އިތުރަށްވޭ ހެއްޔެވެ؟ އެހިނދު ޢިއްޒަތްތެރިވެވޮޑިގެންވާ ރައްބު، އެއިލާހުގެ ފައިންޕުޅު ނަރަކައިގައި އަޅުއްވާނެއެވެ. އަދި އެހާރުން ނަރަކަ ގޮވަން ފަށާނެއެވެ. އިބަ އިލާހުގެ ޢިއްޒަތް ގަންދީ ބުނަމެވެ. ފުދިއްޖެއެވެ. ފުދިއްޖެއެވެ. (ދެން ފަހެ) ނަރަކައިގެ އެއްބައި އަނެއްބައިގެ ތެރެއަށް ވަދެގެން ދާގޮތަށް ކުރުޖެހިގެން ދާނެއެވެ.” 
ދުޢާއަކީ، ﷲ ތަޢާލާ އަޅަމެން ނަރަކައިގެ ވޭންދެނިވި ޢަޛާބުން ރައްކާތެރިކޮށްދެއްވާ، މިންޖުކޮށްދެއްވުމެވެ! އާމީން.
 
- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ