ސްކޫލް އިމަޖެންސީ ޕްލޭންގައިވާ ކަންތައްތައް ތަންފީޒް ކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެދިވަޑައިގެންފި އެވެ.
ޑިސާސްޓާ މެނޭޖްމަންޓް ރިސްކް ސެމިނާ ފެށުމަށް މިއަދު ޝީ ބިލްޑިންގައި ބޭވި ހަފްލާއެއްގައި ވާހަކަފުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހާއްސަ ހާލަތެއް ދިމާވުމުން ދަރިވަރުންގެ ރައްކާތެރިކަން ހޯދައިދިނުމަށް ސުކޫލްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ.
"ސްކޫލްތަކުގެ އިސްވެރިންގެ އަރިހުން އަޅުގަނޑު އެދެނީ ސްކޫލް އިމަޖެންސީ އޮޕަރޭޝަންސް ޕްލޭންގައި ކަނޑައަޅާފައިވާ ކަންކަން ސްކޫލްގެ ވެރިންނާއި މުވައްޒަފުން އެކުވެގެން އެ ގައިޑްލައިން ގައި ހިމެނޭ ކަންތައްތައް އެސްކޫލެއްގައި ކުރެވެންއޮތް އެންމެ ފުރިހަމައަކަށް ތަންފީޒުކޮށްދެއްވުން." މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ ސްކޫލްސް އިމަޖެންސީ އޮޕަރޭޝަންސް ޕްލޭން އެއް ރާއްޖޭގެ ހުރިހާ ސުކޫލެއްގައި އެކުލަވާލައިފައިވާކަމަށާއި އެ ޕްލޭނުތަކަށް އަހުލުވެރިކުރުމުގެ ގޮތުން ބައެއް ސްކޫލްތަކުގައި ތަފާތު ހަރަކާތްތައްވެސް ހިންގައިފައިވާކަމަށެވެ.
މިހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް ވިދާޅުވީ ވިދާޅުވީ ސުކޫލްތެރޭގައި ދިމާވާ ހާދިސާތަކުން ސަލާމަތްވުމަށް ސްކޫލް އިމަޖެންސީ ޕްލޭނެއް ހަދާއިރު ބަލަންޖެހޭނީ ހަމައެކަނި ސުކޫލްތެރޭގައި ހިންގާ ހާދިސާއަކުން ދިމާވެދާނެކަންތައްތަކުން ސަލާމަތްވާން އެކަނިނޫންކަމަށާ ސުކޫލުން ބޭރުގައި ހިނގާ ކަންތައްތަކުންވެސް ދަރިވަރުންނަށް އަސަރުކުރާއިރު އެފަދަ ހާދިސާތަކުން ދިމާވުމުން ރައްކާތެރިވާންޖެހޭނެގޮތްތަކަށްވެސް ބަލާލަންޖެހޭނެކަމަށެވެ.
"ބަލާލަމާ ހިނގާ ކުނިކޮށީގައި ރޯކޮށްލުން. ކުނިކޮށީގައި ރޯކޮށްލީމާ އެއަންނަ ދުމުގެ ސަބަބުން ކުދިންނަށް އެލިބޭ ގެއްލުމުގެ ސަބަބުން ސުކޫލްތައް ބަންދުކުރަންޖެހުން އެއީ އަޅުގަނޑުމެން ވިސްނަން ޖެހޭކަމެއް." ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
ސްކޫލް އިމަޖެންސީ ޕްލޭން ތަންފީޒް ކޮށްދޭން މިނިސްޓަރު އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ