ބިލުތަކުގެ ޖޫރިމަނާ މައާފުވާނީ ބޭނުންކުރި ފެނާއި ކަރަންޓުގެ އަގު ދެއްކުމުން

ފެން ބިލާއި ކަރަންޓުގެ ބިލުގެ ޖޫރިމާނާ މައާފުވާނީ ބޭނުންކުރި ފެނާއި ކަރަންޓަށް ރުފިޔާ ދެއްކުމުންކަމަށް ޔުޓިލިޓީ ކުންފުނިތަކުގެ ވެރިން ވިދާޅުވެއްޖެއެވެ.
ފެނަކަ، ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީގެ ވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، ބިލުތަކަށް އަރާފައިވާ ފައިސާ އެއްފަހަރާ ނުވަތަ ބައިބަޔަށް ބަހައިލައިގެން ވެސް ދެއްކޭނެ ކަމަށެވެ. އެގޮތަށް އަގު ދައްކާ ނިމުމާއެކު ޖޫރިމަނާ މާފުވާނެކަމަށް މަތީން ވިދާޅުވިއެވެ.
“ނުދެއްކި ހުރި ބިލުތަކުގެ ގޮތުގައި އަޅުގަނޑުމެން ބޯޑުން ކަނޑައަޅާފައި މިވަނީ 2023ގެ ނިޔަލަށް ނުދެއްކި ހުރި ބިލުތައް. އެހެންވީމާ ޖޫރިމަނާ ވެގެންދާނީ 2023ގެ ނިޔަލަށް ހުރި ބިލުތައް. އެހެންނަމަވެސް ކަރަންޓަށް އަދި ފެނުގެ އަގު ދައްކާ ނިމުނީމަ ޖޫރިމަނާ މައާފުވެގެން ދާނީ،” މަތީން ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބިލުތަކުގެ ޖޫރިމާނާމާފުކޮށްދެއްވީ އާންމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކުރަން ނިންމައި ކަމޭބެހޭ ކުންފުނިތަކަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އެ މަނިކުފާނު ވިދާޅުވެފައިވަނީ ބިލުތަކަށް ނުދެއްކި ހުރި ފައިސާ ދެއްކުމަށް ކުއި ގޮތަކަށް އެއްބަސްވުން ހެދުމަށްވެސް ކުންފުނިތަަކަށް އަންގާފައިވާނެ ކަމަށެވެ.
ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ މި ރޯދަމަހު ކަރަންޓު ބިލާއި ފެން ބިލު ހުންނާނީ އެހެން މަސްތަކުގައި ވެސް ހުންނަ ވަރުގައި ކަމަށާއި އެއަށްވުރެ ބިލު ބޮޑުނުވާނެ ގޮތެއް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ