އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި

ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބާއްވާ "ޝަރަފުގެ ހިނގާލުން" މާދަމާ ހަވީރު މާލޭ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވާ ޝަރަފުގެ ހިނގާލުން ފަށާނީ، މާދަމާ ހަވީރު 4:15 ގައި ބަންޑާރަކޮށިން ކަމަށެވެ.
މި ހިނގާލުމުގައި ޖުމްލަ ފަސް ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށްކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިނިވަން ދުވަހާއި ޢާންމުކޮށް ބާއްވަމުން އަންނަ ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަންފަދަ ހަރަކާތްތައް ނުބާއްވަން ސަރުކާރުން ވަނީ ނިންމާފައެވެ.
ކުޅިވަރު ހަރަކާތްތައް ނުބޭއްވިނަމަވެސް، އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ މިނިވަން ދުވަހުވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. މި ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު ޖުމްހޫރީ މައިދާނުގައެވެ. އަދި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މާދަމާރޭ ސޯޝަލް ސެންޓަރުގައި ބާއްވާއިރު، މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤައުމާ މުޚާޠަބުކުރައްވާނެކަމަށް ރައީސް އޮފީޙުން ވިދާޅުވެއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރުމުގެ އިނާމު ލިބޭ 138 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވާނެއެވެ.
މިއަހަރު މި އިނާމް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ 70 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ