އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގިނަ ދަތިތަކެއް ދިމާވަމުންދާ ކަމަށް ފެނަކައިން ބުނެފިއެވެ.
އެޗްވީ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިދިޔަ ހޯމަ ދުވަހުގެރޭ ވަނީ ކަރަންޓް ކެނޑިފަ އެވެ. އަދި އިއްޔެ ވެސް ހިތަދޫގެ އެކި ސަރަހައްދުތަކުން އެކި ވަގުތުތަކުގައި ކަރަންޓް ކަނޑާފަ އެވެ. އަދި ކަރަންޓުގެ މައްސަލައަކީ މީގެ ކުރިންވެސް އައްޑޫއަށް ދިމާވަމުންދިޔަ ބޮޑު މައްސަލައެކެވެ.
މި މައްސަލައާއި ގުޅިގެން ފަނަކައިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އައްޑޫ ސިޓީގައި ކަރަންޓުގެ މައްސަލަ ދިމާވެފައި ވަނީ މިހާރު ހަރުކޮށްފައިވާ ހުރި ޖެންސެޓުތަކުގެ ތެރެއިން 1.8 މެގަވޯޓުގެ އިންޖީނަށް ދިމާވެފައިވާ މައްސަލައާއި ގުޅިގެން ރަށްތަކަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމަށް ނުކުޅެދިފައިވުމުން ކަމަށެވެ.
އަދި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރި ނަމަވެސް އޭގެ ސްޕެއާ ޕާޓްސްއަކީ ރާއްޖެއިން ލިބޭ ތަކެއްޗަށް ނުވުމުން އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. ނަމަވެސް އެއަށް ބޭނުންވާ ސްޕެއާ ހޯދާ، މިހާރު ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
މީގެ އިތުރުންވެސް އައްޑޫ ސިޓީގެ ކަރަންޓު ހާލަތު ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ ވަރަށް ކެޕޭސިޓީ އިތުރުކުރުމަށް ޑީސަލް ޕަވާ ޖެނެރޭޝަން އަދި ޑިސްޓްރިބިއުޝަން ސިސްޓަމްގެ މަސައްކަތް ކުރުމަށް ޑޮންފެންގްގެ އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާއި ހަވާލުކޮށްގެން ޒަމާނީ އިންޖީނުގެއެއް ގާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށް އެ މަސައްކަތުގެ އަމަލީ މަސައްކަތް ވެސް ފެށިފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެ ސިޓީގެ ރައްޔިތުންގެ އަސާސީ އާންމު ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑޭތީ ކުއްލި މައްސަލައެއްގެ ގޮތުގައި މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ހުށަހެޅި މި މައްސަލައިގައި އޭނާ ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށެވެ.
އެގޮތުން ކަރަންޓު ކެނޑުމުގެ ނޯޓިސްއެއް ދިނުމަކާ ނުލައި އެތައް ފަހަރަކު ކަރަންޓު ކަނޑާލުމުގެ ސަބަބުން ރައްޔިތުންގެ މުދަލަށްވެސް ގެއްލުން ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރަން ދަތިވަނީ ރާއްޖެއިން ސްޕެއާ ލިބެން ނެތުމުން: ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ