ސަރުކާރު ޖަވާބުދާރީކުރުމަށް އެމްޑީޕީއިން ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނަން: ރައީސް ޞާލިހް

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީއިން ކުރާ މަސައްކަތުގައި އެޕާޓީން ފަހަތަށް ނުޖެހޭނެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން އެމްޑީޕީން މިރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސް ޞާލިޙް ވަނީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. އަދި އެކަންކަން ހައްލުކުރެވޭނީ މަޖިލިސް އިންތިޚާބު އެޕާޓީއަށް ކާމިޔާބުވެގެންކަމަށް ވިދާޅުވިއެވެ.
ސަރުކާރު ޖަވާބުދާރީކުރުމަށް އެމްޑީޕީން ކުރަމުން އަންނަ މަސައްކަތުގައި އެ ޕާޓީން ފަހަތަށް ނުޖެހޭނެކަން ފާހަގަކުރައްވާ ޞާލިޙް ވިދާޅުވީ އަދިވެސް އެ ޕާޓީއަށް އިތުބާރު ކުރެވޭނެ ކަމަށެވެ.
ޞާލިޙް އިތުރަށް ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށް ރާއްޖޭގެ އެހެނިހެން ސިޓީތައް ތަރައްޤީކުރުން މުހިންމު ކަމަށެވެ. އެގޮތުން، އައްޑޫ ސިޓީއަށް ޖުމްލަ ހައްލެއް ހޯދަން އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރައްވާފައިވާނެކަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔައީ އައްޑު ސިޓީއަށް ޖުމްލަ ހައްލެއް ހޯދައިދިނުމަށް. އެއީ މިތަނަކީ ރައްޔިތުންނަށް ފަސޭހައިން ދިރިއުޅެވޭ، ވަޒީފާ އަދާ ކުރެވޭ، ވިޔަފާރި ކުރެވޭ މާހައުލެއް އޮތް ތަނަކަށް ހެދުމަށް." ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެމްޑީޕީގެ ކެމްޕޭނަށް ރައީސް ޞާލިޙް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންވެސް ބައިވެރިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ