ތިލަފުށިން ބިން ގަންނަން އަންނަ ހަފްތާގައި ދިވެހީންނަށް ހުޅުވާލަނީ

އަންނަ ހަފްތާގައި ދިވެހި ވިޔަފާރިވެރިންނަށް ތިލަފުށިން ބިން ވިއްކަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ފަޒުލް އެހެން ވިދާޅުވެފައިވަނީ ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ވެއާހައުސިންގ ކޮމްޕްލެކްސް އެއް ހުޅުމާލޭގައި އިމާރާތް ކުރުމަށް ކުންފުންޏަކާއި ހަވާލުކުރުމަށް އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ބިން ވިއްކުމުގެ ބޭނުމަކީ ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދާ ދިނުން ކަމަށާއި، މެނޭޖްމަންޓް ފީއެއް ދެއްކުމުގެ އިތުރުން ކުއްޔަށް ނަގައިގެން ވިޔަފާރި ކުރުމުގެ ފުރުސަތު ފަހި ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ، އެޗްޑީސީގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިކަތަށް ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ހިންގޭނެ ގޮތް ހެދުން ކަމަށާއި، އެގޮތުން އަންނަ ހަފްތާގައި ދިވެހި ވިޔަފާރިވެރިންނަށް އެފުރުސަތު ހުޅުވާލާނެ ކަމަށެވެ.
" އަޅުގަނޑުމެން ހަމައެކަނި ބިން މި ވިއްކަނީ ދިެވހި ވިޔަފާރިވެރިންނަށް، ބޭރު ފަރާތްތަކަށް އަޅުގަނޑުމެން މީގެ ތެރެއަކުން ބިން ނުވިއްކާނެ، ބިން ވިއްކަނީ ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއްް ދާއިމީ ގޮތެއްގައި ހައްލުކޮށްދޭން. އޭރު އެބޭފުޅުން ޖެހިވަޑައިގަންނަވާނީ އެޗްޑީސީއަށް ތިލަފުށީގެ މެނޭޖްމަންޓް ފީއެއް ހަމައެކަނި ޕޭކޮށްލައިގެން ތިއްބެވުން. އެފުރުސަތުވެސް އެބައޮތް،" ފަޒުލް ވިދާޅުވިއެވެ.
ފަޒުލް އިތުރަށް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަސްޓެއިނެބަލް ޑިވަލޮޕްމަންޓު ގެނެވޭ ފެންވަރަށް އެތަންތަނުގެ ކުލީގެ އަގުތަކަށްވެސް ބަދަލު ގެންނަން ހަމަޖެހިފައިވާ ކަމަށާއި، މިހާރު ތިލަފުށީގެ ކުލި ހުރި ވަރު ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން ތަންކޮޅެއް ބޮޑެތި ސްކޭލްގައި މިކަންކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދާއިމީ ގޮތެއްގައި މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގެނެވޭ ފެންވަރަށް އެތަންތަނުގެ ކުލީގެ އަގުތަކަށްވެސް ބަދަލު ގެނެވިގެން އަޅުގަނޑުމެން އެކަންކަން ކުރާނީ، މިހާރު އެކްޒިސްޓިން ތިލަފުށީގެ ރެންޓް ހުރިވަރު ރިސްޓްރަކްޗާރ ކުރުމުގެ މަސައްކަތްތަކެއްވެސް އަޅުގަނޑުމެން އެބަ ހިންގަން. އެހެންވީމަ އަޅުގަނޑުމެން އެޗްޑީސީގެ ބޭނުމަކަށްވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ސަސްޓެއިންކޮސްގެން ވިޔަފާރި ހިންގުން." ފަޒުލް ވިދާޅުވިއެވެ.
ހުޅުމާލޭގައި އިމާރާތްކުރާ ވެއާހައުސިން ކޮމްޕްލެކްސް އިމާރާތް ކުރުމަށް ކުންފުންޏަކާއި ހަވާލުކޮށްފައިވަނީ އިއްޔެއެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އިމާރާތް ކުރާ ކޮންޓްރެކްޓަރ، ރޮޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ ޒޯ ވެއިޑޮންގއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ