ޢިބްރަތް ޙާޞިލްކުރާށެވެ! އަމިއްލަ ދަރިއަކު ނުލިބެނީސް ވަރަށް ދަތިޙާލުގަ ޔަތީމް 7 ކުދިން ބެލި އަންހެނަކަށް ރަނިކަމެއް ފަދަ ތަނަވަސް ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަމިއްލަ ދަރިންނަށް ކާންބޯންދީ ބަލަހއްޓަން ބުރައަކަށްވެގެން އުޅޭ މީހުން މިއަދު މަދެއް ނޫނެވެ. ތިރީގައި އެވަނީ އަމިއްލަ ދަރިއަކު ނުލިބެނީވެސް ކުޑަކުޑަ 7 ކުދިން ބެލި އަންހެނެއްގެ ވާހަކައެވެ. އުޅެންޖެހުނު ދަތިޙާލާއި އެކަމުގެ ސަބަބުން އޭނާއަށް ކުރި ފައިދާގެ ވާހަކައެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ.  
ކެންސަރުބަލީގައި އަޅުގަނޑުގެ ދޮންތަ ނިޔާވިއިރު އަޅުގަނޑުގެ އުމުރަކީ 23 އަހަރެވެ. ދޮންތައަކީ އެކަނި 3 ދަރިން ބަލަމުން އައި އަންހެނެކެވެ. ދޮންތަގެ އެންމެ ފަހުގެ ވަޞިއްޔަތަކީވެސް އޭނާގެ 3 ދަރިން ބަލައިދިނުމެވެ.  
އަޅުގަނޑަށް ވަޒީފާ އަދާކޮށްގެން ލިބޭ ހުރިހާ ފައިސާއެއްހެން ޚަރަދުކުރަމުން އައީ އެ 3 ކުދިންނަށެވެ. ދޮންތަގެ ވަޞިއްޔަތަށް ޢަމަލުކުރުމަށެވެ. އެފަދަ ގޮތަކަށް އުޅެމުންދަނިކޮށް އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ ބަލިވެއްޖެއެވެ. އޭނާއަކީ 4 ދަރިން ބަލަހައްޓާ އެކަނިވެރިމައެކެވެ. އެބަލީގައި އެކުވެރިޔާ މަރުވަމުންވެސް އަޅުގަނޑަށް ވަޞިއްޔަތްކުރީ ވީވަރަކުން އޭނާގެ ދަރިންކޮޅަށް އެހީތެރިވެދިނުމެވެ.  
ވިސްނަވާށެވެ. 12 އަހަރުން ދަށުގެ 7 ދަރިން ބަލަން ޖެހުނީ ކަމަކަށް ނުބުނާނަމެވެ. ބުނާނީ  ބަލަން ލިބުނީ ކަމަށެވެ. 7 ދަރިންގެ ކަންކަން ކޮށްދޭން އަޅުގަނޑަކަށް ބުރައެއް ނޫނެވެ. އޮތީ ހަމައެކަނި އެންމެ މައްސަލައެކެވެ. އެއީ އެކުދިންގެ ކަންކަން ކޮށްދޭން ބޭނުންވާވަރާއި ގާތަކަށްވެސް ފައިސާ ނުލިބޭކަމެވެ. ބައެއް ދުވަސްދުވަހު ކާންދެވެނީވެސް އެންމެ ފަހަރަކުއެވެ.  
އެހެންކަމާއިއެކުވެސް އަޅުގަނޑަށް ހުރި ދަތިތައް ކުދިންނަކަށް ނާންގަމެވެ. ދަސްކޮށްދެމުން އައީ ލިބޭ މިންވަރަށް ޝުކުރުކުރުމަށެވެ. އަބަދުވެސް ބުނަމުން އައީ ހުރިހާ ކުދިންވެސް ނަމާދުކުރުމަށާ ގިނަގިނައިން ދުޢާކުރުމަށެވެ. ކޮންމެ ނަމާދެއްގެފަހުގައި ވެސް ދުޢާކުރުމަށެވެ. ހަމައެކަނި ބުނަނީއެއް ނޫނެވެ. ކުދިން ލައްވައި ނަމާދުކުރުވަމެވެ. ހުރިހާ ކުދިންނާއި އަޅުގަނޑު އެކުގައި އަތް އުފުލައި ދުޢާކުރަމެވެ. އަދި ރޭގަނޑު ދަމުނަމާދުކުރުމަށްފަހުގައިވެސް ދުޢާކުރަމެވެ.  
ކުއްލިއަކަށް އައި ވިސްނުމެއް ތަންފީޒުކުރީމެވެ. އަމިއްލަ ފޭސްބުކުގައި ޕޯސްޓެއްކޮށްލީމެވެ. އަޅުގަނޑުގެ ޙާލަތު ބަޔާންކޮށްފައެވެ. އަދި ﷲ އަށްޓަކައި އަޅުގަނޑުމެންނާއި އެހީތެރިވާން ބޭނުން މީހަކު ހުރިނަމަ އެހީތެރިވެދިނުމަށެވެ. އަމިއްލަ ދަރިއަކު ނުލިބެނީސް 7 ދަރިންގެ މަންމައަކަށް އަޅުގަނޑުވީފަދައިން ޔަތީމް ޙާލުގައިތިބި 7 ކުދިންގެ ބައްޕައަކަށްވާން ބޭނުން ފިރިހެނަކު ހުރިނަމަ އަޅުގަނޑާއި ކައވެނިކުރުމަށެވެ.  
ޕޯސްތް ޖެހުމާއިއެކު މީހުން ގުޅަން ފަށައިފިއެވެ. މައުލޫމާތު ކަށަވަރުކުރުމަށްފަހު ފައިސާގެ އެހީފޮނުވަން ފަށައިފިއެވެ. ޕޯސްޓް ޖެހިތާ 3 ވަނަ ދުވަހު ޓެކްސީއެއްގައި ޒުވާނަކު އައެވެ. އަޅުގަނޑާއި އަދި 7 ކުދިންނާއިވެސް ބައްދަލުކުރިއެވެ. މޫނުބުރުގާ ނަގައި މޫނު ދައްކާލަން ބުނުމުން ބުނީމެވެ. "ތިއަކަން ކުރާނީ ކައިވެނިކުރަން ބޭނުންވާ މީހަކު އެދުމުންނެވެ. އަދި ކައިވެނިކުރަން ބޭނުންވާން ވާނީ ވެސް މޫނުގެ ސިފައަކަށް ނޫނެވެ. އެހެން ނޫނީ ޖެހޭނީ އެދޭ އެންމެންނަށް މޫނުދައްކަން ނޫން ހެއްޔެވެ؟ އެހެންކަމަށްވެއްޖެ ނަމަ މޫނު ނިވާކުރުމުގެ ބޭނުމެއް ނެތެއް ނޫންހެއްޔެވެ؟"  
އޭނާގެ ހިތްހަމަ ނުޖެހިދާނެ ކަމަށްވެސް ވިސްނައިގެން ހުރެ އަޅުގަނޑުގެ ވިސްނުން ހާމަކުރީ ޙައްޤުމަގުގައެވެ. ބުނީ އެކަން އޮތް ގޮތަށެވެ. އޭނާ ދަމުން ފައިސާތަކެއް ބޮނޑިކޮށްލާފައި  އަޅުގަނޑަށް ދިނެވެ. އަދި ބުންޏެވެ. "މާދަމާ ޢަޞްރުން ފައިބައިގެން އަންނާނަމެވެ. ތިބާއަށާ ހުރިހާ ކުދިންނަށް އައުފޭރާން ގަނެގެން ލައިގެން ޢީދު ހެދިގެން ތިބޭށެވެ." ބުނުމަށްފަހު ކުދިންގެ ބޮލުގައި އަތްފިރުމަފިރުމާފައި ހިނގައްޖެއެވެ.  
އެރޭ އަޅުގަނޑު ހެދުންގަތީމެވެ. އެއީ އެމީހަކު ދިން ފައިސާއަށް އެމީހަކު ބުނިކަމެއް ކުރަންޖެހޭނެތީއެވެ. ކުރިއަށް އޮތީ ހުކުރުދުވަސްކަމުން ހެނދުނު ބާޒާރުކުރަން އުނދަގޫވާނެތީއެވެ.  
ކޮންމެއަކަސް އޭނާ ބުނިފަދައިން ކަންކަން ކުރީމެވެ. 7 ދަރިންނާއި އަޅުގަނޑު ވެސް ޢަޞްރުނަމާދުކުރީ އައުހެދުންލައިގެންނެވެ. ނަމާދު ނިމިގެން އާދައިގެންމަތިން ދުޢާކޮށް ނިމުނުތަނާ ފެނުނީ އެންމެ އަގުބޮޑު ކާރުގެ 4 ކާރު އައިސް ގޭދޮރުމައްޗަށް މަޑުކޮށްލިތަނެވެ.  
ދެވަނައަށް އޮތް ކާރުގެ ޑްރައިވަރު ތެދުވެ ފަހަތު ދޮރުފަތް ހުޅުވުމުން ފޭބީ އިއްޔެ އައި ޒުވާނާއެވެ. ދެން ޒުވާނާ ގޮސް އެންމެ ކުރިއަށް އޮތް ކާރުގެ ދޮރު ހުޅުވުމުން ފޭބީ 60 ވަރަށް އަހަރުގެ އަންހެނަކާއި ފިރިހެނެކެވެ. އަޅުގަނޑުމެން ގޭދޮރުމަތީގައި ސަފަކަށް އެތުރިލައިގެން ތިބީއެވެ. ހިތަށްވެސް ނުގެނެވޭފަދަ ކަންތައްތަކެއް ފެންނަން ފެށުމުންނެވެ. ބުނާނެ އެއްޗެއްވެސް ނުއެނގިފައެވެ.
އެޒުވާނާ ކުރީގައި ހުރެގެން ހިނގާފައި އައިސް އަޅުގަނޑާއި ހަމަވެފައި އަޅުގަނޑު ތައާރަފްކޮށްދިނުމުން އެއީ އެ ޒުވާނާގެ މަންމަ އާއި ބައްޕަކަން އެނގުނެވެ. އަޅުގަނޑާއި ކުދިން ތަޢާރަފްކޮށްދީފައި ގޮސް އެންމެ ފަހަތުގައި އޮތް ކާރުގެ ދޮރު ހުޅުވާފައި 4 ކުޑަކުދިން ބާލައިގެން ގެނެސް އަޅުގަނޑުގެ ދަރިންގެ ގާތުގައި ސަފުގައި ބައިތިއްބާފައި ބުނީ ދެން މި ސަފު ހަމަވާނީ މި 4 ކުދިން ވެސް ލައިގެން ކަމަށެވެ. އަދި އެ 4 ކުދިންނަކީ އޭނާގެ ދަރިންކަމަށާއި ދަރިންގެ މަންމަވެސް ވަނީ ކެންސަރުބަލީގައި ނިޔާވެފައި ކަމަށެވެ.  
މާގިނަ ވާހަކަތަކެއް ނުދައްކައެވެ. އަޅުގަނޑުގެ މޫނުގެ ސިފަ ބަލާކަށް ވެސް ނޫޅެއެވެ. އޭނާ އާއިއެކު ގެނައި ދެމީހަކު އަޅުގަނޑުގާތު ބުނީ ކައިވެނީގެ ރަން ކިޔުމަށެވެ. ރަންކިޔުމުން އަޅުގަނޑުގެ ވަލީވެރިޔާ ކޮބައިތޯ ސުވާލުކުރުމުން ބުނީމެވެ. "ބޭބެވެސް ވެސް ދިރިއުޅެނީ ދާދި ގާތުގައި ހުރިގެއެއްގައެވެ." އެހެން ބުނުމުން ބޭބެ ގެނުވައި ވަލީހޯދައިގެން ހަމަ އެވަގުތު ކައިވެނިކުރީއެވެ. އޭނާ އައީ ކައިވެނިކޮށްދޭނެ އިމާމަކުވެސް ގޮވައިގެންނެވެ. އެހެންކަމުން ހިނދުކޮޅެއްވެސް ލަސްކުރަން ނުޖެހުނީއެވެ. ކައިވެނިކޮށްގެން ދިއައީ އަޅުގަނޑާއި 7 ކުދިން ގޮވައިގެންނެވެ. ގެންގޮސް ވެއްދީ ބޮޑު ބިމެއްގައި އަޅާފައި ހުރި ބޮޑު ގެއަކަށެވެ.  
މިވާހަ މިހިއްޞާކުރީ އެންމެ ބޭނުމަކުއެވެ. މާބޮޑުތަނަވަސްކަމެއް ލިބިގެން ފަޚުވެރިވާކަށް ނޫނެވެ. ކިތަންމެ ދަތިޙާލުގައިވެސް ޔަތީމް ޙާލުގައި ތިބޭ ކުދިންނަށް އަޅައިލުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ.  
ދަރިއަކު ނުވެސް ލިބޭ އަންހެނަކަށް ކުޑަކުޑަ 7 ކުދިން ގެންގުޅެން ޖެހުމުން ސިކުނޑިއަށް ކުރާނެ ބާރު ހިތަށް ގެންނާށެވެ. އުފުލަންޖެހޭނެ ބުރަ ވެސް ހިތަށް ގެންނާށެވެ. ނަމަވެސް ދުވަހަކުވެސް އެއްވެސް ކުއްޖެއްގެ ހިތުގައި ޖެހޭނެ ބަހެއްވެސް ނުބުނަމެވެ. އަޅުގަނޑަށް ދެއްކެވީ  އެފަދަ ކުދިންގެ ހިތުގައި ނުޖައްސައި ބެލުމުގެ ނަތީޖާއެވެ.  
އަޅުގަނޑަށް ދުނިޔޭގައި މެދުވެރިވި ގޮތް ކޮންމެ މީހަކަށް މެދުވެރިނުވެދާނެއެވެ. ބަލަންވީ މިދުނިޔެއަކަށް ނޫނެވެ. އެކަމުގެ އަގު ޔަޤީންކަމާއި ލިބެން އޮތް އާޚިރަތް ދުވަހަށެވެ.  
ކައިވެންޏަށް 5 ވަނަ އަހަރު އަޅުގަނޑަށް ވަނީ ދަރިއަކު ލިބިފައެވެ. މިހާރު އަޅުގަނދަކީ 12 ދަރިންގެ ވަރަށް ފަޚުރުވެރި މަންމައެވެ. އަޅުގަނޑުގެ ފިރިމީހާއަކީ 12 ދަރިންގެ ފަޚުރުވެރި ބައްޕައެވެ. ދުޢާއަކީ އަޅުގަނޑުމެން މިކުރާ މަސައްކަތް ﷲ ޤަބޫލުފުޅު ކުރެއްވެވުމެވެ.  
- ޢިބްރަތްތެރި ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ