ޖިނައީ ބޮޑެތި ކުށްތައްކުގައި ދައުވާ އުފުލުމާއެކު ޕާސްޕޯޓް ހިފަހައްޓަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ، ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ގެ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފްކުރުމުން، އެ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްގަ އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލާގައި ހުކުމްކޮށްފައިވަނީ، ބޭސްފަރުވާއަށް އަންމަޓީ ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ގޯސްކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައި ކޯޓުން ނެރުނު ކޯޓު އަމުރުވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
އެ މައްސަލާގައި މައްސަލަ ބެއްލެވިި ބެންޗުގައި އިންނެވި ފަނޑިޔާރު ހުސްނުއް ސުއޫދުގެ ރައުޔުގައި ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ކޯޓެއްގައި ދައުވާ އުފުލުމަކީ ސީރިއަސް ކަމެއް ކަމަށެވެ. އަދި ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ މީހަކު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލައިފި ނަމަ ޖިނާއީ އަދުލުގެ ނިޒާމު ވާގިނެތި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭނެ ކަމަށް ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވި އެވެ.
ޖިނައީ ބޮޑު މައްސަލައެއްގަ، ދައުވާ ލިބޭ މީހެއްގެ މައްސަލަ އިސްތިއުނާފީ މަރުހަލާތަކުން ނިމެންދެން އެ މީހަކު ރާއްޖެއިން ބޭރަށް ފުރުން މަނާވެފައި އޮންނަ އޮތުން ދަމަހައްޓަންޖެހޭނެކަމަށް ދެކެން.
އޭގެއިތުރުން ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތެއް، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަދޭންވާނީ، އެ ފަރުވާއަކީ ރާއްޖެއިން ލިބެން ނެތް ފަރުވާއެއްކަން ޝަރީއަތަށް ހާޒިރުވެ، ޑޮކްޓަރަކުދޭ ރައުޔާއިމެދުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދެކޭގޮތް ސާފުކުރުމަށްފަހުގައި ކަމަށެވެ. އަދި އެފަދަ ފަރާތެއް ރާއްޖެއިން ފުރުމުގެ ހުއްދަދޭންވާނީ އެ މީހެއްގެ ބޭސްފަރުވާއަށްފަހު، އެނބުރި ރާއްޖެ އަންނާނެކަން ކަށަވަރުކޮށް، ޝަރުތުކުރުމަށްފަހުގައިކަމަށްވެސް ފަނޑިޔާރު ޝުއޫދުގެ ރައުޔުގައި ވިދާޅުވި އެވެ.
ޖިނާއީ ބޮޑު ދާއުވާއެއް އުފުލާފައިވާ ފަރާތެއް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަދޭންވާނީ ޖިނާއީ އިޖުރާތުގެ ޤާނޫނާއި ހިލާފު ނުވާނެގޮތެއްގެ މަތިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ވަކީލުން އެކަމަށް އެއްބަސްވާނަމަކަމަށް ޝުއޫދު ވިދާޅުވި އެވެ.
ފަނޑިޔާރު ސުއޫދުގެ ރައުޔަށް، ފަނޑިޔާރުންގެ މަޖިލީހުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ތާއީދުކުރައްވާފަ އެވެ.
އަންމަޓީ ފުރަންދިން ހުއްދަ ސުޕްރީމް ކޯޓުން ބާތިލްކޮށްފި
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޕާސްޕޯޓް ހިފަހައްޓަން ޖެހޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ