ސަމާހުގެ މަރުގެ މައްސަލާގައި ކާރު ދުއްވަންއިން މީހާގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒުވާނަކު މަރުވި މައްސަލައިގައި ކާރު ދުއްވަން އިން މީހާގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 5ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި އެ އެކުސިޑެންޓުގައި މަރުވެފައިވަނީ ލ. އިސްދޫ، ބީޗްހައުސް، ޢުމުރުން 23 އަހަރުގެ ޙަސަން ސަމާހްއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލު ޖެހިގެންނެވެ. ސައިކަލު ދުއްވަންއިން ސަމާހް މަރުވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލާގައި ކާރު ދުއްވަން އިން މީހާގެ މައްޗަށް ދަޢުވާކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވާފައިވާކަމަށެވެ. މި މައްސަލާގައި ދަޢުވާކުރަނީ ސ. ހިތަދޫ ވައިލެޓްފެހި އުމުރުން 26 އަހަރުގެ މުޙައްމަދު ވިސާމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ މި މަހުގެ 19ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ކާރު ދުއްވަންއިން މުޙައްމަދު ވިސާމް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މައްސަލަ ވިސާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ނަމަވެސް ހައިކޯޓުންވެސް ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ރަނގަޅުކަމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ