ރައްޔިތުން ބަލިތަކުން ރައްކާތެރި ކުރުމަށް މި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ”ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު“ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ނާޒިމް ވިދާޅުވީ މި ސަރުކާރުން ގެންދަނީ ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށާއި ބަލިތަކުން ދިވެހި ރައްޔިތުން ރައްކާތެރި ކުރުމަށްޓަކާ ސަރުކާރުން، ހަރުދަނާ އަދި ނަމޫނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
އަދި ދިވެހި ރައްޔިތުން މިފަދަ ބަލިތަކުން ރައްކާތެރި ކުރުމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ނަމޫނާ ދައްކަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
”ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ވަނީ، މި ކެމްޕެއިން ބާރު ދުވެލީގައި ކުރިއަށް ގެންދިޔުމަށް. ރައީސްގެ އިރުޝާދާއެކު މި ކެމްޕެއިން ކުރިއަށް ގެންދާނަން. އެންމެންގެ ޝާމިލްވުން އޮތް ކެމްޕޭނެއްގެ ގޮތުގައި މި ކެމްޕޭން ކުރިއަށް ގެންދާނީ،“ ނާޒިމް ވިދާޅުވިއެވެ.
މި ކެމްޕެއިނަކީ އާންމު ސިއްހަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ދިރިއުޅުގެ އާދަތަކާއި ކެއުންބުއިން ބައްޓަންވެފައިވާ ގޮތާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތަކުން ރައްޔިތުން ދުރުހެލިވެ ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ މަގްސަދުގައި ހިންގޭ ކެމްޕޭނެކެވެ.
މި ކެމްޕެއިންގެ މަސައްކަތާއި ހަރަކާތްތަކުން އާއްމު ސިއްހަތު ކުރިއެރުވުމަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށާއި، މަސައްކަތުގައި ދެމިހުރުމަށް ހިތްވަރު ދިނުމަށް އެވޯޑްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު ރަށު އެވޯޑާއި، ސްކޫލު އެވޯޑުގެ އިތުރުން ޖަމިއްޔާ އެވޯޑް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި އެވޯޑުތަކަކީ، ކަނޑައަޅާ މިންގަނޑު ތަކެއްގެ މައްޗަށް ބިނާކޮށް އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ފަރާތްތަކަށް ކޮންމެ އަހަރަކު ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކެެކެވެ.
ރައްޔިތުން ބަލިތަކުން ރައްކާތެރި ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވޭ: ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ