ބައިނަލްއަގުވާމީ ފެތުމުގެ ތިން މުބާރާތެއްގައި ވާދަކޮށް ހަތް ގައުމީ ރެކޯޑް ބައިނަލްއަގުވާމީ ފެތުމުގެ ތިން މުބާރާތެއްގައި ވާދަކޮށް ހަތް ގައުމީ ރެކޯޑް

ބައިނަލްއަގުވާމީ ތިން މުބާރާތެއްގައި ވާދަކޮށް ރާއްޖޭގެ ފެތުންތެރިން ހަތް ގައުމީ ރެކޯޑް އާ ކޮށްފި އެވެ.
އެ ގޮތުން ރާއްޖޭގެ ހުނަރުވެރި ފެތުންތެރިން، ގައުމީ ރެކޯޑްތައް ހަދާފައިވާ މުބާރާތްތަކަކީ، ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯޓްކޯސް ސްވިމިން ޗެމްޕިއަންޝިޕްގައި ހަތަރު ގައުމީ ރެކޯޑާއި އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ސިޓީ އޮފް ޕްލިމަތު އެނުއަލް ސްވިމް މީޓްގައި ހެދި ދެ ރެކޯޑްގެ އިތުރުން، ބަހުރޭނުގެ މަނަމާގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގައި ހެދި އެއް ރެކޯޑް އެވެ.
ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯޓްކޯސް ސްވިމިން ޗެމްޕިއަންޝިޕްގައި ހެދި ރެކޯޑްތަކަކީ، ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި، އިޒްޔާން ނާޒިމް ހެދި ރެކޯޑާއި ފިރިހެނުންގެ ޝޯޓްކޯސް 50 އާއި 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓާއި ރެކޯޑް ލޫތު މުހައްމަދު ހުސައިން ހެދި ދެ ރެކޯޑާއި ފިރިހެނުންގެ ޝޯޓްކޯސް 4 ގުނަ 50 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރެކޯޑެވެ. ނިއު ލެގޫންސް ސްވިމިން ކްލަބަށް ނިސްބަތްވާ މި ޓީމުގައި ހިމެނެނީ، އަޒާން އަޒްމީލް ލަތީފް، އިޒްޔާން ނާޒިމް، އިބްރާހީމް މައާދު ސާޖިދު އަދި ލޫތު އެވެ.
މީގެ އިތުރުން، ބަހުރޭނުގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގައި ހެދި ރެކޯޑަކީ، އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބެކްސްޓްރޯކް އިވެންޓުން އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ) ހެދި ރެކޯޑް އެވެ.
ރެކޯޑްތަކުގެ ތަފްސީލަށް ބަލާއިރު، އިޒްޔާން، ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް ރެކޯޑް ހެދީ، 02:31.45 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ ވެސް އިޒްޔާން އެވެ. އެއީ، މި މުބާރާތުގެ 2024 ވަނަ އަހަރުގެ އެޑިޝަންގައި 02:37.35 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ.
ލޫޠު ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓް، ރެކޯޑު އާކޮށްފައިވަނީ 01:09.44 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ އިޒްޔާން، އެއީ މި މުބާރާތުގެ 2024 ވަނަ އަހަރުގެ އެޑިޝަންގައި 01:12.85 އިން އިވެންޓު ނިންމައިގެންނެވެ. ލޫތު، ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފައިވަނީ 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ފުރަތަމަ 50 މީޓަރު 00:31.95 އިން ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ މީގެ 13 އަހަރު ކުރިން، 2012 ވަނަ އަހަރު ބޭއްވި 11 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕް (25 މީޓަރު) ގައި ޙަސަން އަޝްރަފް އެވެ. އަޝްރަފް، އިވެންޓު ނިންމާފައިވަނީ 00:32.95 އިންނެވެ.
ފިރިހެނުންގެ ޝޯޓްކޯސް 4 ގުނަ 50 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑް އާކޮށްފައި ވަނީ، 01:44.98 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓު އެންމެ ފުރަތަމަ ފެތިކަމަށް ރެކޯޑު ކޮށްފައިވަނީ ހަމަ މި މުބާރާތުގެ 2024 ވަނަ އަހަރުގެ އެޑިޝަންގަ އެވެ. އިބްރާހީމް މަޢާދު ސާޖިދު، އިޒްޔާން ނާޒިމް، ލޫތް މުހައްމަދު ހުސެއިން އަދި މުޙައްމަދު ހަމީމް އިބްރާޙިމް ޚަލީލު ހިމެނުނު ޓީމުން މި ރިލޭ އިވެންޓު އެ ފަހަރު ނިންމާފައިވަނީ 01:47.58 އިންނެވެ.
އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ސިޓީ އޮފް ޕްލިމަތު އެނުއަލް ސްވިމް މީޓްގައި ހެދި ގައުމީ ދެ ރެކޯޑް ވެސް ހާސިލްކުރީ، މެރާލް އައިން ލަތީފް އެވެ. އެ ގޮތުން، އަންހެނުންގެ ޝޯޓް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މެރާލް އާ ކުރީ، 05:40.64 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން ވެސް އާކޮށްފައިވަނީ މެރާލް އެވެ. އެއީ، މި އަހަރުގެ މެދުތެރޭގައި ބޭއްވި އޭޕީ ރޭސް: ޕްލިމަތު ސަމާ އޯޕަން 2025 ގައި ވާދަކޮށް، 05:43.81 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ. އަންހެނުންގެ ޝޯޓް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް މެރާލް އާ ކުރީ، 01:13.63 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ އައިޝަތު ސައުސަން އެވެ. އެއީ، މީގެ ހަތަރު އަހަރު ކުރިން، 2021 ވަނަ އަހަރު ބޭއްވި 15 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސް (25 މީޓަރު) ގައި ސައުސަން ރޭސް ނިންމާފައިވަނީ 01:14.03 އިންނެވެ.
އޭޝިއަން ޔޫތު ގޭމްސްގައި، އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އަމްނާ ތަޒްކިޔާ އާ ކުރީ، 02:45.97 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން ވެސް އާކޮށްފައިވަނީ ތަޒްކިޔާ އެވެ. އެއީ، މިދިޔަ އަހަރު ސްރީ ލަންކާގައި ބޭއްވި އެ ގައުމުގެ ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްގައި 200 މީޓަރު ބެކްސްޓްރޯކް އިވެންޓު 02:51.26 އިން ނިންމައިގެންނެވެ.
އޭޝިއަން ޔޫތު ގޭމްސްގައި، ރާއްޖެ ތަމްސީލުކުރާ ފެތުމުގެ އެތުލީޓުންނަކީ، ތަޒްކިޔާގެ އިތުރުން، އަޔާނާ އަރީފް، ދާލިޔާ ޢާއިދާ ލަޠީފް، އިޒްޔާން ނާޒިމް، ލޫޠު މުޙައްމަދު ޙުސައިން، މަކީން އަޙްމަދު ޝަކީބު، މަލާއިކާ ލިންދާ ޢިމްރާން، ސާރާ މުޙައްމަދު، ޝައިމް ޙުސައިން އިބްރާހީމް އަދި ޒުކައިން އަބްދުﷲ ޙަނީފް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ