އަމިއްލަ ފައިމައްޗަށް ކޮޅަށް ޖަހަން ބުނި ކުންފުނިތަކަށް 2.4 ބިލިއަން ރުފިޔާ އޮއްސާލަނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ޖަހަން ބުނި ކުންފުނިތަކަށް 2.4 ބިލިއަން ރުފިޔާ އޮއްސާލަނީ

ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން ހިންގާ ސަރުކާރު ކުންފުނިތައް ރިފޯމްކޮށް، އަމިއްލަ ފައިމައްޗަށް ކޮޅަށް ޖަހާނެ ކަމަށް ބުނުމަށް ފަހު އެ މަސައްކަތް ނުކޮށް، މި އަހަރުގެ ބަޖެޓުން އެ ކުންފުނިތަކަށް 2.4 ބިލިއަން ރުފިޔާ ދޫކުރާނެ ކަން އެނގިއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ދޫކުރަން ކަނޑައެޅި ބަޖެޓު ވަނީ މުރާޖާކޮށް، 1.1 ބިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި ކުންފުނިތަކަށް ދޭން ހިމެނީ 1.3 ބިލިއަން ރުފިޔާ އެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓުން އެންމެ ބޮޑު އަދަދެއް ދޫކުރަނީ ޓްރޭޑް ނެޓަށެވެ. އެއީ 612 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ސްޓެލްކޯ އަށް 500 މިލިއަން، ފެނަކައަށް 235 މިލިއަން، ފަހި ދިރިއުޅުން ކޯޕަރޭޝަނަށް 389 މިލިއަން ރުފިޔާ ބަޖެޓުން ދޭނެ އެވެ.
މި އަހަރުގެ ތެރޭ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް އުފެއްދި ކުންފުނިތަކަށް ވެސް ގިނަ އަދަދުތަކުން ފައިސާ ދޫކުރަން ވަނީ ބަޖެޓުކޮށްފަ އެވެ.
އެ ގޮތުން އަދި ހިދުމަތް ދޭން ނުފަށާ ޑިވެލޮޕްމަންޓު ބޭންކަށް 16 މިލިއަން ރުފިޔާ، އިންފްރާސްޓަކްޗާ ޑިވެލޮޕްމަންޓު ސޮލިއުޝަން ކޮމްޕެނީއަށް 280 މިލިއަން ރުފިޔާ، އަދި ބޭސް ގެންނަން އަލަށް އުފެއްދި ކުންފުންޏަށް 107 މިލިއަން ރުފިޔާ ދޫކުރަން ވަނީ ބަޖެޓުކޮށްފަ އެވެ. މީގެ ތެރެއިން ދެ ކުންފުންޏަކީ މި އަހަރުގެ ބަޖެޓު ފާސްކުރިއިރު ހުރި ކުންފުނިތަކެއް ނޫނެވެ.
ކުންފުނިތައް ރިފޯމް ކުރުމުގެ ޕްލޭނުގެ މައިގަނޑު އަމާޒަކީ ކުންފުނިތަކަށް ލިބޭ އެއްޗަކުން ދެކޮޅު ޖައްސަައިގެން ކުންފުނިތައް ހިންގޭނެ މަގެއް ހޯދުމެވެ. މި މަސައްކަތުގެ ތެރެއިން ސަރުކާރުން ނިންމީ ބައެއް ކުންފުނިތައް އެއްކޮށްލައި، ދެން ހުރި ކުންފުނިތައް އުވާލާށެވެ.
އެއްކޮށްލަން ބުނި ކުންފުނިތަކުގެ ތެރެއިން އެއްކުރެވުނީ އެމްއޭސީއެލް އާއި އާރުއޭސީއެލް އެވެ. މިހާރު އާރުއޭސީއެލްގެ ހުރިހާ އެއާޕޯޓުތަކާއި އެ ތަންތަނުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުން ވަނީ އެމްއޭސީއެލްއަށް ބަދަލުކޮށްފަ އެވެ.
ފެނަކައަކީ ވެސް މި ގޮތަށް އެއްކޮށްލަން ބުނި ކުންފުންޏެކެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަނުގެ މައްސަލަތައް އެންމެ ގިނަ އަދި ސަރުކާރުގެ ބަޖެޓަށް ބަރޯސާވުން އެންމެ ބޮޑު އެއް ކުންފުންޏެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި، ކުރިއަށް އޮތް ތިން އަހަރަށް ވެސް ފެނަކައަށް ވަކިން ބަޖެޓުކޮށްފައިވާތީ، ފެނަކަ އެއްކޮށްލުމުގެ ވިސްނުން މިހާރު ގެންގުޅޭ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް އެ ވިސްނުން ބަދަލު ކުރި ކަމެއް ވެސް ނޫނީ ކުރިން ރޭވި ގޮތަށް ކުރިއަށް ގެންދާނެ ކަމަކަށް ވެސް ސަރުކާރުން އަދި ނުބުނެ އެވެ.
މިދިޔަ އަހަރު ފަހުކޮޅު ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ޑައުންގްރޭޑު ކުރުމުން ވެސް ފިނޭންސް މިނިސްޓްރީން ވަނީ ރިފޯމުގެ ވާހަކަ ދައްކާފަ އެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތައް ރިފޯމްކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި އޭގެ ސަބަބުން ވެސް ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް އޭރު ފިނޭންސުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ