ނޫސްވެރިން މަސްދަރު ހާމާކުރަން ޖެހޭ އިތުރު ހާލަތްތަކާ އެކު ހައި ކޯޓުން އަމުރު ހޯދަން އެދޭ ގޮތަށް ހެއްކާ ބެހޭ ގާނޫނަށް އިސްލާހެއް، ހުށަހަޅައިފިއެވެ.
ހެއްކާ ބެހޭ ގާނޫނުގައި މަސްދަރާ ގުޅޭ ގޮތުން ހުރި މާއްދަތަކާ މެދު ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު، ގާނޫނު އަލުން އިސްލާހު ކުރާނެކަމުގެ ޔަގީންކަން އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫސްވެރިންނަށް ދެއްވިއެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމުނީ އެ ބިލަށް ފަހުން ހުށަހެޅި އިސްލާހު މަޖިލީހުގައި މަޑުޖެހިފައި އޮއްވައެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަސްލަމްއެވެ.
މި ބިލުގައި މައިގަނޑު އެއް އިސްލާހަކަށް ހުށަހަޅާފައި ވަނީ، އޭރު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރި ގާނޫނުގެ 136 ވަނަ މާއްދާގައިވާ މަސްދަރު ހަމާކުރުމާ ގުޅޭ އުސޫލުތަކަށް ބަދަލު ގެނަސްފައެވެ. އެގޮތުން މަސްދަރު ހާމަކުރުމުގެ އަމުރަކަށް އެދި ހުށަހަޅާނެ ވަކި ކޯޓެއް ގާނޫނުގައި މިހާރު ބަޔާންކޮށްފައި ނުވާއިރު މެޖިސްޓްރޭޓް ކޯޓަކުން ވެސް އެފަދަ އަމުރެއް ހޯދުމަށް ފުރުސަތު ލިބެއެވެ. އެހެންނަމަވެސް މި އިސްލާހުގައި އެފަދަ އަމުރަކަށް އެދެެވޭނީ ހައި ކޯޓަށް ކަމަށް ބުނެފައިވާއިރު 24 ގަޑިއިރު ތެރޭ އެ ކޯޓުން އެ ހުށަހެޅުމާ މެދު ގޮތެއް ކަނޑައަޅަން ޖެހޭކަން ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން މައްސަލަ ރައްދުވާ ނޫސްވެރިޔާ ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނަށް 24 ގަޑިއިރު ތެރޭ ޝަރީއަތުގައި ޖަވާބުދާރީވުމުގެ ފުރުސަތު ހައި ކޯޓުން ދޭން ޖެހެއެވެ. މި އިސްލާހުގައި ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ. މިހާރު ވެސް ގާނޫނުގައި މިފަދަ އަމުރެއް ނެރޭއިރު ކޯޓުން ރިއާޔަތް ކުރަން ޖެހޭ ކަންކަން މި ބިލުގައި ހިމަނާފައިވެއެވެ.
މަސްދަރު ހާމަ ކުރަން ޖެހޭ އިތުރު ހާލަތްތަކާއި ހައި ކޯޓުން އަމުރު ނެރުން ހިމެނޭ އިސްލާހެއް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ