މެޑްރިޑުން ވިނީޝިއަސް ދޫކޮށްލައި، ހާލަންޑް ގަންނަން ވިސްނަނީ

ފުޓްބޯޅައިގެ ގަދަބާރު، ރެއަލް މެޑްރިޑުން އެ ޓީމަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ވިނިޝިއަސް ޖޫނިއާ ދޫކޮށްލައި، އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީއަށް ކުޅޭ އާލިން ހާލަންޑް ގަންނަ ވިސްނަން ފަށައިފިއެވެ.
ބޭރުގެ މީޑިއާގެ ބައެއް ރިޕޯޓްތަކަށް ބަލާއިރު ގޮތުގައި ރެއަލް މެޑްރިޑުން ވިނީޝިއަސް ދޫކޮށްލަން ވިސްނަނީ އޭނާގެ އައު އެއްބަސްވުމުގެ މުސާރައަށް އެއްބަސްނުވުމާއި އަދި އެ ޓީމުގެ ކޯޗު ޒަބީ އެލޮންސޯ އާއި ވިނީޝިއަސް އާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުންނެވެ. 
އެގޮތުން ވިނީޝިއަސްގެ އެއްބަސްވުން 2027 ވަނަ އަހަރަށް ހަމަވާއިރު، މެޑްރިޑުން އޭނާއަށް އޮފާކުރަން ވިސްނަނީ އަހަރަކު 20-25 މިލިއަން ޔޫރޯ ލިބޭނެ އެއްބަސްވުމެކެވެ. އެހެން ނަމަވެސް ވިނީޝިއަސް ބޭނުންވަނީ އަހަރު 31.5 މިލިއަން ޔޫރޯ ލިބޭ މެޑްރިޑުގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ އާއި އެއްވަރުގެ ނުވަތަ އެއަށް ވުރެ ބޮޑު އަދަދެއްގެ މުސާރައެއް ކަމަށް ނޫސްތަކުން ރިޕޯޓުކުރެއެވެ.
މީގެ އިތުރުން އެންމެ ފަހުން މެޑްރިޑުން ވާދަވެރި ބާސެލޯނާއާއި ދެކޮޅަށް ކުޅުނު މެޗުގެ 72 ވަނަ މިނެޓުގައި އޭނާ ބަދަލުކުރަން ކޯޗު އެލޮންސޯ ނިންމުމުން، ކޯޗުގެ އެ ނިންމުމާއި މެދު ހިތްހަމަ ނުޖެހިގެން ވިނީޝިއަސް ވަނީ ޚިޔާލުފާޅުކޮށްފައެވެ. އަދި އެ ނިންމުމާއި މެދު ހިތްހަމަނުޖެހި އޭނާ ވަނީ ދަނޑުން ފައިބައިގެން ގޮސްފައެވެ.
ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ވިނީޝިއަސް ވިއްކާލުމަށް މެޑްރިޑުން ވިސްނާ ސަބަބުތަކުގެ ތެރޭގައި އެކަން ވެސް ހިމެނެއެވެ.
ވިނީޝިއަސް ދޫކޮށްލުމަށްފަހު މެޑްރިޑުން ހާލަންޑު ގެނައުމަށް ވިސްނާއިރު، ހާލަންޑުގެ އެއްބަސްވުން ހަމަވާނީ 2034 ވަނަ އަހަރުއެވެ. އެ އެއްބަސްވުމުގެ ދަށުން ހާލަންޑް އެހެން ޓީމަކަށް ބަދަލުވުމުގެ ފުރުސަތު ވަރަށް ކުޑައިރު، އެ އެއްބަސްވުމުގައި ހިމަނައިފައިވާ ރިލީސް ކްލޯޒް ވެސް ސާފުވެފައެއް ނުވެއެވެ.
ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން މެޑްރިޑުން ހާލަންޑް ގަންނަން ބޭނުންވާނަމަ، ރިލީސް ކްލޯޒްގެ ގޮތުގައި 200 މިލިއަން ޔޫރޯ ދައްކަން ޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ