ޑުރަގު ވިޔަފާރީގެ ތުހުމަތުގައި މާލެއިން ޒުވާން ނޭޕާލް އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތަކާ އެކު، މާލެއިން ޒުވާން ނޭޕާލްގެ އަންހެނަކު ހައްޔަރުކޮށް އިއްޔެ ފަސް ދުވަހަށް ބަންދުކޮށްފިއެވެ. ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ހައްޔަރުކުރީ ނޭޕާލްގެ އުމުރުން 21 އަހަރުގެ އަންހެނެކެވެ. ކޯޓުގެ އަމުރުގައިވަނީ އެ އަންހެން މީހާ ދިރިއުޅެމުން އައި އެޕާޓްމަންޓުން ޓްރެފިކިން މިންގަނޑަށް އަރާ ވަރަށް މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި، މަސްތުވާތަކެތި ކިރުމަށާއި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތައް ވެސް ފެނިފައިވާ ކަމަށެވެ. އޭނާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިހަށް ޕޮޒިޓިވް ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ. މި މައްސަލައިގައި ވަކީލެއް މެދުވެރިކޮށް ކުރިއަށްދާން އޭނާ އެދުމުން، ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރަން ނިންމައިފައެވެ. https://sun.mv/215513 އޭނާގެ އިތުރުން، އުމުރުން 40 އަހަރުގެ އިންޑިއާ ފިރިހެނަކު ވެސް ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، އިއްޔެ ބަންދުކޮށްފައެވެ. ނަމަވެސް، އޭނާއާއި އަންހެން މީހާ ހައްޔަރުކުރި މައްސަލައާ ގުޅުމެއްވާކަން ސާފެއް ނޫނެވެ. ފުލުހުން ވަނީ މަސްތުވާތަކެއްޗާއި ރަލާ އެކު، މިދިޔަ ހޯމަ ދުވަހު އިންޑިއާ ތިން މީހަކު ވެސް ހައްޔަރުކޮށްފައެވެ. ފާހަގަކުރެވޭ ގޮތުގައި ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ އިތުރުވެފައިވާއިރު ކުށުގެ ވެށީގައި ހަަރާކާތްތެރިވާ ބިދޭސީންގެ މައްސަލަ ވެސް ވަކި މަދެއް ނޫނެވެ. މި ސަރުކާރުން ވަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ހައްލުކުރާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ