މޯލްޑިވްސް 2.0 އަކީ ތަރައްޤީގެ ޕްލޭންގައި ވަރަށް މާނަފުން، ވަރަށް ބޮޑު އިންޤިލާބީ ބަދަލެއް އަޅުގަނޑުމެންގެ ހިންގުމުގެ ނިޒާމަށާއި ދުވަހުގެ ދިރިއުޅުމަށް ގެނުވާނެކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅޭ ރައްޔިތުންނާއެކު، ރެހެންދި ސްކޫލު ހޯލުގައި މިރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިރޮނގުން ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ހެދި، އެއަށް ޤާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި ބިލެއް ޑްރާފްޓް ކުރެވި، މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ހާމަކުރެއްވިއެވެ. އަދި 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެ ތަރައްޤީ ކުރުމަށް 20 އަހަރު ދުވަހުގެ މާސްޓަރޕްލޭނެއް ހަދައި، ޖީ.ޑީ.ޕީ އާއި އަދި އެހެން ހުރިހާ ގޮތަކުންވެސް އެޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ތަފްސީލްތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެދެއްވާފައެވެ.
ރާއްޖޭގެ އިގުތިސޯދު ވެއްޓިފައި އޮތް އަނދަވަޅުން ނަގައި ކޮޅަށް ޖެހުމަށްޓަކައި މަސައްކަތް ކުރަމުން، ސަރުކާރުން ދަނީ ޑިފޯލްޓް ނުވެ، ފައިސާ ޗާޕުނުކޮށް، ރާއްޖޭގެ އެތެރެއާއި ބޭރުގެ ދަރަނިތައް އަދާކުރަމުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިކަންކަމާއި އެކުއެކީގައި ތަރައްޤީގެ މަސައްކަތްތައް ތާވަލުކުރެވިގެން، ކުރީގެ އެއްވެސް ސަރުކާރަކުން ހައުސިންގ މަޝްރޫޢުތައް ނުފަށާހާ އަވަހަށް އެ މަސައްކަތްތައް ފަށައި، ރާއްޖޭގެ އެކި ރަށްރަށުގައި އެކިއެކި މަޝްރޫޢުތައް ހިންގުމަށް ސޮއިކުރެވި، އެ މަޝްރޫޢުތައް ހިނގަމުންދާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި މަސް ނިމޭއިރު މާލޭ ސަރަހައްދުގައިވެސް މަޝްރޫޢުތަކެއް ފެށުމަށްޓަކައި ތައްޔާރުވަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ހުޅުމާލޭގެ ފޭސް 1 ގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އޭގެތެރެއިން ޖުމްލަކޮށް ދެވެންހުރި މަޢުލޫމާތުތަކާއި އަދި ވަކިވަކި ފަރުދުންގެ ބައެއް ކަންބޮޑުވުންތަކާގުޅޭ މައުލޫމާތު އެ މަނިކުފާނު ހިއްސާކުރެއްވިއެވެ. އަދި ރައްޔިތުން ހިއްސާކުރެއްވި އެންމެހާ ކަންބޮޑުވުންތަކާއި ހިޔާލުތަކަކީ ސަރުކާރުން އީޖާބީގޮތެއްގައި ބަލައިގަންނާނެ ކަންކަން ކަމުގައި ފާހަގަކުރައްވައި، އެކަންކަމަށް ސަރުކާރުގެ ތެރެއިން ގެނެސްދެވެންހުރި އެންމެ ރަނގަޅު ޙައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މޯލްޑިވްސް 2.0 އަކީ ތަރައްޤީގެ ޕްލޭންގައި ވަރަށް މާނަފުން، ވަރަށް ބޮޑު އިންޤިލާބީ ބަދަލެއް ހިންގުމުގެ ނިޒާމަށް ގެނުވާނެކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ