އިސްލާމީ ތަރުބިއްޔަތު ނެތިދަނީބާއެވެ؟

ކުދިކުދި އިންސާނުން އުފަންވެ ހެދިބޮޑުވުން، އެއީ އިންސާނީ ދަރިފަސްކޮޅު ދެމިއޮތުމަށް މާތް ﷲ ލައްވައިފައި އޮތް ނިޒާމެވެ. އިންސާނުން ބިމުގައި ލެއްވުމަށް އިރާދަކުރައްވައިފައި އޮތްކަން މަލާއިކަތުންނަށް އެންގެވި ދުވަހު ﷲ ވަޙީކުރެއްވިއެވެ. ﴿وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً﴾ ‎(البقرة: ٣٠)‏ މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު ހަނދުމަކުރައްވާށެވެ!" ޚަލީފާއަކީ ކޮބައިތޯއެވެ؟ އެއީ ދަރިފަސްކޮޅެއް ފަހަތަށް ދޫކޮށް ދާ މީހާއެވެ. އެހެންކަމުން ޤިޔާމަތާ ޖެހެންދެން އިންސާނުން ދުނިޔޭގައި ތިބުމަށް ﷲ ލައްވާފައި ވާ ނިޒާމަކީ އިންސާނުންގެ ހަށިގަނޑުތެރޭ އިންސާނުން އުފަންވެގެން ދުނިޔޭގައި އެ މީހުން އުޅުމުގެ ނިޒާމެވެ. އިންސާނުން ޤިޔާމަތާ ހަމައަށް ދުނިޔޭގައި ތިބޭއިރު ﷲގެ ނަންފުޅު މަތިވެރި ކުރާނެ ބަޔަކާއި އެކަން ނުކުރާނެ ބަޔަކު ވެސް، ހަމަ އެ މީހުންގެ ތެރެއިން އުފެދި ހެދި ބޮޑުވެގެން އަންނާނެއެވެ. ﷲގެ ނަންފުޅު މަތިވެރި ކުރާ މީހުންނަކީ އެ މީހުންގެ ދަރިފަސްކޮޅު އެ ކަމުގެ މަތީ ތަރުބިއްޔަތުކޮށް ހާނާ މީހުންނެވެ. އެ ތަރުބިއްޔަތަކީ ﷲގެ ޚިދުމަތުގައި ތިބުމާއި އެއިލާހުގެ މަޚުލޫޤުންނަށް ޚިދުމަތްކުރުމުގައި ދެމިތިބުމެވެ. އިންސާނީ މުޖުތަމަޢަށް އުފަންވެ ބޮޑުވާ ކޮންމެ ކުއްޖަކު މި މުޖުތަމަޢުގައި ދިރިއުޅުމަށް ބޭނުންވާ އަސާސީ މިންގަނޑުތަކާއި ހަމަތަކާއި ލަމަތަކެއް ވެއެވެ. ކުޑަކުދީން މުޖުތަމަޢަށް ނެރުމަށް ޓަކައި މި ކަންކަމަށް ހާނާހޭނުމަކީ ތަރުބިއްޔަތު ކުރުމެވެ. އިންސާނީ ޙަޟާރަތްތަކަށް ބަލާއިރު ތަރުބިއްޔަތުގެ ވައްޓަފާޅީގައި އެކިއެކި ތަފާތުތައް ހުރިކަން ފެނެއެވެ. އެ ބައެއްގެ ދީނާއި ސަޤާފަތުގެ ހިޔަލުގައި އެބަޔަކަށް އެންމެ ހިތްގައިމުގޮތަކަށް ދަރިން ތަރުބިއްޔަތު ކުރަނީއެވެ. ތަފާތު ޙަޟާރަތްތަކުގެ ތަފާތު ޘަޤާފަތްތަކަކީ އެބައެއްގެ ތެރޭ އޮތް ތަރުބިއްޔަތު ވަރަށް ރަނގަޅަށް ދަޅަކޮށްދޭ ކަންކަމެވެ. ކެއިންބުއިމާއި އުނުއޮރިޔާން ނިވައިކޮށް އުޅޭ ގޮތާއި، އެ ކަމަށް ބޭނުންކުރާ ފޭރާމަކީ ވެސް އެ ބައެއްގެ ހައިބަތާއި ޝަޚުޞިއްޔަތުތައް އަނެކުންނަށް މޭރުންކުރުވާ ޝިޢާރުތަކަކަށް އޮންނަނީ ވެފައެވެ. މިއިން ކޮންމެ ޙަޟާރަތެއްގައި އުފަންވެ ބޮޑުވާ އިންސީން، އެ ބައެއްގެ ޘަޤާފަތާ އެއްގޮތަށް އުޅުމަށް ދަސްކޮށްދީ އެ ގޮތްތައް ދެމެހެއްޓުމަކީ ތަރުބިއްޔަތުކުރުން ކަމުގައި އަދިވެސް އެއްފަހަރު ބުނަމެވެ. އިސްލާމީ ޙަޟާތަރަކީ ޢަރަބީންގެ ތެރޭ އޮތް އަނދިރިކަމުގެ މާޒީ، ހިދާޔަތުގެ ނޫރުން އަލިކުރުވި ޙަޟާރަތެވެ. އޭގެ އެންމެ އަސާސީ ޝިޢާރަކީ އެއްކައުވަންތަކަމުގެ ރަމްޒެވެ. މުޅި އިސްލާމީ ދިރިއުޅުން ރޭވި ހަމަޖެހިގެން އައީ އެއްކައުވަންތަ ޝިޢާރު މެދަށް ލައި، އޭގެ ވަށައިގެން ދިރުއުޅުން ތަރުތީބު ކުރަމުންނެވެ. ކޮންމެ ކަމެއް ގޮސް ހުއްޓޭ ފަރާތަކީ އެއްކައުވަންތަ މާތް ﷲއެވެ. އެ އިލާހުގެ ރުހުން ހޯދުމެވެ. އެއިލާހުގެ ކޯފާއިން ސަލާމަތްވުމެވެ. މި ދުނިޔޭގެ ދިރިއުޅުމަށްފަހު އޮތް ޙަޔާތެވެ. އެ ޙަޔާތަށް ދިޔުމަށް ޓަކައި ވަޒަންކުރަން އޮތް ދުވަހެވެ. އާދެ! ޤިޔާމަތް ދުވަހެވެ. އެ ދުވަހު އުފާވާ ގޮތަށް ޢަމަލުތައް ބެހެއްޓުމެވެ. ހިތާމަކުރަންޖެހިދާނެ ކޮންމެ ކަމެއް މި ދުނިޔޭގައި ދޫކޮށްލުމެވެ. އާދެ އިސްލާމީ ތަރުބިއްޔަތުން އިންސާނުން ތަރުބިއްޔަތު ކުރާންތިބި ބަޔަކީ އަދުގެ މައިންބަފައިންނެވެ. އެ މީހުންގެ ޙާލަތު މިއަދު ހުރީ މި ދެންނެވި ފަދައިން މާތް ﷲއާއި އާޚިރަތްދުވަހުގެ ނިސްބަތުން މިންކުރެވިފައިތޯ ބަލައިލުން ވަރަށް މުހިންމެވެ. އެހެން ނޫންނަމަ ދެން އޮންނާނީ އިސްލާމީ ތަރުބިއްޔަތު ނެތިގެން ދިޔުންބާއެވެ؟ އަދުގެ މުސްލިމް މައިންބަފައިންގެ ލަނޑުދަނޑިތަކަކީ ކޮބައިކަން ޙުދު އެ މީހުންނަށް ކިޔައިދީ އަލުން ހަނދާންކޮށްދޭން ޖެހިފައި ވާކަހަލައެވެ. ދުނިޔޭގެ އޮއިވަރުގައި ޖެހި ކަނޑެއްފަޅެއް ވަކިނުވާ ހިސާބަށް މި އުންމަތުގެ އިސް ސަފުގައި ތިބި މައިންބަފައިން މިތިބަ ދަނީއެވެ. މިއަދު އަޅުގަނޑުމެންގެ އުޅުމާ ގުޅުންތައް މިންކުރާ ތަރާދަކީ މީސްމީޑިއާއާއި އޭގައި އެންމެގިނައިން ދައުރުވާ ތަކެއްޗަށް ބަޔަކު ހަދައިފިއެވެ. އެންމެ ގިނަމީހުން ލޯބިވާ ކަންކަމަކީ ތިމާ ވެސް ލޯބިވާ ކަންތައް ކަމުގައި ހަދައިފިއެވެ. އެންމެ ގިނަ މީހުން ރުޅިއަންނަ ކަންތައް އެއީ ތިމާ ވެސް ރުޅިއަންނަ ކަންތައް ކަމުގައި ހަދައިފިއެވެ. ތިމާގެ އަމިއްލަ ނަފުސުގެ އިހުސާސްތަކަކީ ވެސް އެހެން ބަޔަކު ބާރުފޯރުވާ އެއްޗަކަށް ނުވޭތޯއެވެ؟ ހިތިތަޖުރިބާ ތަކުގެ ވާހަކަ ލިޔާ މީހުންގެ ޢާޠިފީ ހުށައެޅުންތަކަކީ މަގޭ ވެސް ހާލަތުކަމަށް ބަލައިގަނެގެން، އެ ވޭނުގެ ތެރެއަށް ފުންމައިލުން އެއީ އުފަލެއް ކަމުގައި ދެކެން ފަށައިފިއެވެ. އެއީ އަޅުވެތިކަމެއް ކަމުގައި ބަޔަކު ކިޔައިދީފިއްޔާ އެ ކަމުން މިނިވަންވާނެގޮތް ހޯދަން މަޖުބޫރުވަނީއެވެ. އެ މިނިވަންކަން ވެސް ކިޔައިދޭނީ އެވެރިން ކަމުގައި ޔަޤީން ކުރެވެނީއެވެ. އެއީ މުސްލިމުން އުޅެންވާނެ ގޮތްބާއެވެ؟ މުސްލިމަކަށް ވީތީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ތިބާ ހެއްދެވި ފަރާތެއް ވާނެކަމެވެ. އެ ފަރާތުގެ ޢިލްމުފުޅުގައި ހުރިހާ ކަމެއް އޮންނާނެކަމެވެ. އެ ފަރާތުން އަނިޔާވެރިވެވޮޑިނުގަންނަވާނެކަމެވެ. ދިރިއުޅުމުގެ ހަނގުރާމައިގައި ދިމާވާ އަޑިގުޑަންތަކަކީ ޙަޤީޤީ އިމްތިޙާނާއި އަސްލު ތަރުބިއްޔަތުކަން މުސްލިމުން ދަންނަން ޖެހޭނެއެވެ. އެ ތަރުބިއްޔަތުގައި ކާމިޔާބުވެގެން ނޫނީ އޭނާގެ ފަރާތުން އެހެން މީހަކަށް އެ ތަރުބިއްޔަތު ފޯރުކޮށްދޭނީ ކިހިނަކުންބާއެވެ؟ ތިމާއަށް ދިމާވާ ކޮންމެ ހާލަތަކީ ވެސް ޤަޟާޤަދަރުގެ ތެރޭ ހިމެނޭ ކަމެއް ކަން ޤަބޫލުކުރުމަކީ ތަރުބިއްޔަތުގައްޔާއި އިމްތިޙާނުގައި އެއްވަނަ ދަރަޖައިން ފާސްހޯދޭނެކަންތަކެވެ. އެހެން ނޫނީ ޤަބޫލުކުރަން ޖެހެނީ ތިމާގެ ކަންތައް ޤަޟާޤަދަރުގެތެރޭ ނުހިމެނޭ ކަމަށެވެ. އެއީ އީމާން ކަމުގެ ރުކުންތަކުން ރުކުނަކަށް އިންކާރުކުރެވުމެވެ. މިއީ އިސްލާމީ ތަރުބިއްޔަތު ކުރިޔަށް ގެންދިޔުމަށް ހުރަސްއެޅޭނެ ކަމެކެވެ. އިސްލާމްކަމުގެ އަޤީދާއިން މީހާ ބޭރުވެދާނެ ކަމެކެވެ. އިސްލާމީ ޢަޤީދާއަކީ އީމާންކަމުގެ ހަ ރުކުނުގެ މައްޗަށް އެކުލެވިގެންވާ ޢަޤީދާއެކެވެ. އޭގެ ޖައުހަރަކީ ޣައިބުގައި ހުރި ކަންކަމަށް އީމާންވުމެވެ. މާތް ﷲ ވޮޑިގެންވާ ކަމާއި އާޚިރަތްދުވަހެއް އަންނާނޭ ކަމެވެ. އެކިއެކި ވަޒީފާ ޙަވާލުކުރައްވައިފައި މަލާއިކަތުން ތިއްބަވާނޭކަން ޤަބޫލުކުރުމެވެ. މި ކަންކަން ވިދާޅުވެދެއްވަން ރަސޫލުބޭކަލުން ފޮނުއްވެވި ކަމާއި އެބޭކަލުންނަށް ފޮތްތައް ބާވައިލެއްވި ކަމެވެ. ދުނިޔޭގެ ޙަޔާތުގައި އަޑިގުޑަންތަކާ ދިމާވުމާއި އުފާފާގަތިކަން ވެސް އެއީ ތަޤުދީރުގެ ނިޔާކަން ޤަބޫލުކޮށް މިންވަރަށް އީމާންވުމެވެ. އިސްލާމީ ޖީލުތައް އަމާންކަމުގައި އެތައް ސަތޭކަ އަހަރެއް ވެޔަތުކުރީ މި އަސާސްގެ މަތީ ދަރީން ތަރުބިއްޔަތުކުރަމުންނެވެ. އެބައިމީހުން އާޚިރަތުގެ އެއްވެސް ކަމެއް ކުޑައިމީސްނުކޮށް ދުނިޔޭގެ ކުރިއެރުންތައް ހޯދަމުން އައީ ޣައިބަށް އީމާންވުމުގެ ޢަޤީދާ ޅަދަރީންގެ ހިތްތަކުގައި ހަރުދަނާ ކުރަމުންނެވެ. މި މަންޒަރު ބަލަން ދީނުގެ ޢަދުއްވުން ނޭދެއެވެ. އިސްލާމީ ތަރުބިއްޔަތުން މުސްލިމުން ބޭރުކުރެވެން އޮތް ހަމައެކަނި ގޮތަކީ އެކަން ކުރަން އޮތް މުއައްސަސާ ބަލިކޮށްލުމެވެ. ފުނޑުފުނޑުކޮށް ނެތިކޮށްލުމެވެ. އާދެ! ޢާއިލާތައް ރޫޅައިލުމެވެ. ޅަޖީލުތަރުބިއްޔަތު ކުރަން ތިބި މައިންނާއި އެ ދަރިންގެ ބަފައިންނާ ދުރުކުރުމެވެ. މާޔޫސްކަމުގައި އެ ދެބައިމީހުން ވެސް ދިރިއުޅުންމަތިން ފޫހިކުރުވުމެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމަކީ އެކީއެކަށް މުޞީބާތެއް ނެތް ސާފުބިއްލޫރިފަދައިން ކޫރުން ސަލާމަތްވެފައި އޮތް ދިރިއުޅުމެއް ލިބުން ކަމުގައި ވިސްނައިދީގެންނެވެ. ސުވަރުގެއިން ނޫނީ ނުލިބޭނެ މި ނިޢުމަތް ދުނިޔޭން ހޯދަން އުޅެނީ އާޚިރަތަށް އީމާންނުވާ މީހުންކަން ޔަޤީނެވެ. މުސްލިމުންނަށް އެ މީހުންގެ ފުރިހަމަ އަޖުރު ލިބޭހުށީ ޤިޔާމަތްދުވަހުންކަން މާތް ﷲ ވަނީ އަންގަވައިފައެވެ. ވަޙީކުރެއްވިއެވެ. ﴿وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ﴾‏ (آل عمران: ١٨٥) މާނައީ: "އަދި، (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތްދުވަހުންނެވެ." އިސްލާމީ ތަރުބިއްޔަތު ނެތިދިޔަ ނުދީ ކުރިޔަށް އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނީ އޭގެ ޢިލްމު ކިޔަވައިދީގެން އެކަންޏެއް ނޫނެވެ. ތަރުބަވީ މައިދާނުގައި ތަމްސީލު ވެސް ކުރެވިގެންނެވެ. ދަރިންނަށް އެންމެ އިތުބާރުކުރެވޭ މައިދާނަކީ ޢާއިލާއެވެ. އެ ކުދިންގެ ކައިރީގައި އަބަދު އިންނަ މަންމައެވެ. އެ މަންމަގެ ދައުރުން އެ މަންމަ ބޭރުކުރުމާއި، އެ ކަމަނާގެ ތަރުބިއްޔަތަށް ލޮޅުން ގެނައުމަކީ ޝައިޠާނާގެ އެންމެ މުހިންމު މަސައްކަތެވެ. ޢަޤީދާ ބަލިކަށިކޮށްލައިގެންނެވެ. އޭގެ އަސާސް ކަމުގައި ވާ ޣައިބަށް އީމާންވުން ނެތިކޮށްލައިގެންނެވެ. އީމާންކަމުގެ ރުކުންތަކާ މެދު ޝައްކު އުފައްދައިގެންނެވެ. އެކަން ކުރަމުން އެގެންދަނީ މަޑުމަޑުންނެވެ. ދޮންކަޅުމިން ވެސް ނޭނގޭހައި ސިއްރުން، މަޑުގިނީގައި އިސްލާމީ މުޖުތަމަޢުތައް ހުޅަނގުގެ ހަވާދުން ރޯފިލުވަނީއެވެ. އިސްލާމީ ތަރުބިއްޔަތުގެ ކުލަ ވެސް، ވަސް ވެސް ނެތިކޮށްލަނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ