މޮޅުނުވިޔަސް އަމޮރިމް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫން

މިވަގުތު ބޭނުންވާ ނަތީޖާ ނުހޯދުނު ނަމަވެސް އޭނާ ކުޅުވަން ބޭނުންވާ ގޮތަށް ބަދަލުގެންނަން ނުވުސްނާކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ރުބެން އަމޮރިމް ބުނެފިއެވެ.
މިދިޔަ ހަފްތާ ބަންދުގައި މެންޗެސްޓާ ސިޓީ އަތުން 3-0 އިން، މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗަށް ފަހު މީޑިއާއާއި ވާހަކަ ދައްކަމުން އަމޮރިމް ބުނީ އޭނާގެ އުސޫލުތައް ބަދަލެއް ނުކުރާނެ ކަމަށާއި ނަމަވެސް ސިސްޓަމް ބަދަލު ކުރަން ވެއްޖެނަމަ އެކަން ކުރާނެ ކަމަށެވެ. އޭނާ އިތުރަށް ބުނީ ކްލަބުން ބަދަލު ގެންނަން ބޭނުންވެއްޖެނަމަ، އޭނާ ވަކިކުރުމަށް ފަހު އެ ބޭނުން ބަދަލެއް ގެނައުމުގެ އިހުތިޔާރު ޓީމަށް އޮންނާނެ ކަމަށެވެ.
އަމޮރިމް ބުނީ ނަތީޖާއާއި މެދު ސަޕޯޓަރުން ހިތްހަމަ ނުޖެހޭކަން އޭނާއަށް އެނގޭކަމަށާއި، އަދި އެކަމުގެ އުނދަގޫ ސަޕޯޓަރުންނަށް ވުރެވެސް ބޮޑަށް އޭނާ ތަހަންމަލު ކުރަމުން އަންނަ ކަމަށެވެ. އަބަދުވެސް އޭނާ މަސައްކަތް ކުރަމުން އަންނަނީ ޓީމް ރަނގަޅު ކުރަން ކަމުގައި އޭނާ ބުންޏެވެ.
މިދިޔަ ސީޒަންގައި ޔުނައިޓެޑާއި ހަވާލުވި އަމޮރިމްގެ އިރުޝާދުގެ ދަށުން މިހާތަނަށް އެ ޓީމް ކުޅުން 31 މެޗުގެ ތެރެއުން 16 މެޗުން ވަނީ ބަލިވެފައެވެ. މޮޅުވީ އެންމެ އަށް މެޗުންނެވެ. މިދިޔަ ސީޒަން ޔުނައިޓެޑް ނިންމާލާފައި ވަނީ ޕޮއިންޓް ތާވަލުގެ 15 ވަނާގައި އޮވެއެވެ. މިސީޒަންގައި މިހާތަނަށް ވެސް އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް ހޯދުނީ އެންމެ މޮޅެކެވެ. މިވަގުތު ޔުނައިޓެޑް އޮތީ ތާވަލުގެ 14 ވަނާގައެވެ.
ނަތީޖާތައް ދަށްވުމުގެ ސަބަބުން ޔުނައިޓެޑްގެ ކުރީގެ ފޯވާޑް އަދި ކެޕްޓަން ވޭން ރޫނީ ވެސް ވަނީ އަމޮރިމް އަށް ފާޑު ކިޔާފައެވެ. އޭނާ ބުނީ އަމޮރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ