ޓޮމްގެ ލީޑަޝިޕަށް ފީފާގެ ރައީސް އިންފަންޓީނޯގެ ތައުރީފު
ރާއްޖޭގެ ފުޓްބޯޅަ ހަމަމަގަށް އެޅުވުމަށް އެފްއޭއެމުގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ކުރާ މަސައްކަތްތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ތައުރީފުކުރައްވައިފި އެވެ. ޓޮމް އާއި އިންފަންޓީނޯ، ބައްދަލުކޮށްފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާ އިންފަންޓީނޯ ބުނީ ތޯރިގުއާ އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށް، ރާއްޖޭގެ ރައްޔިތުންނަށް ފުޓްބޯޅައިގެ ކުރިމަގު ރަނގަޅު ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕްގެ ގިނަ މައްސަލަތަކެއް ހުރުމުން ފީފާ އިން އޭނާ ސަސްޕެންޑްކޮށްފައިވެއެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މަސައްކަތްތައް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެނެވި މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، އެ ނޯމަލައިޒިން ކޮމިޓީން ބޭއްވި އިންތިހާބުގައި އެކަން ކާމިޔާބު ކޮށްފައިވަނީ ހުރިހާ މެމްބަރު ކްލަބުތަކުގެ ތާއީދާއިއެކު، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، ތޯރިގުގެ ޓީމުންނެވެ. އެ އިންތިހާބުން ޓޮމް ކާމިޔާބު ހޯއްދަވާފައިވާތީ އެކަމަށް އިޝާރާތްކުރައްވާ އިންފަންޓީނޯ ބުނީ ޓޮމްގެ ތަޖުރިބާ އާއި މަގާމުގައި ކުރިއަށްދިއުމުގެ ގާބިލުކަން، މިއަހަރުގެ ޖުލައި މަހު ބޭއްވި އިންތިހާބުން ފެނިގެންގޮސްފައިވާ ކަމަށެވެ. އަދި ސައުތު އޭޝިއަން ކަޕުގައި ހޯދި ކާމިޔާބީއަށް އިޝާރާތްކުރައްވާ އޭނާ ބުނީ ހަތް އަހަރު ފަހުން، ހޯދި ކާމިޔާބީ އާއި އަންހެން ފުޓްބޯޅަ އަލުން ކުރިއެރުވުމަށް މި އަހަރު ފަހުކޮޅު މުބާރާތެއް ރޭވިފައި އޮތުމުންވެސް އެކަން ފާހަގަވާ ކަމަށެވެ. "މި ކަންކަމުން އެ ދޭހަވަނީ، ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން އަހަރެމެން ދެބައި މީހުން އެދޭގޮތަށް ރަނގަޅަށް ކުރިއަށްދާކަން،" އިންފަންޓީނޯ ބުނެފައިވެއެވެ. ޓޮމް އަކީ މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރެކެވެ. ޓޮމް 2016 ވަނަ އަހަރު ކުރު މުއްދަތަކަށް އެފްއޭއެމްގެ ރައީސްކުރައްވާފައިވީ ނަމަވެސް އެގްޒެކްޓިވް ކޮމިޓީގެ ގިނަ މެންބަރުން މަގާމުން އިސްތިއުފާ ދެއްވުމުން، ޓޮމްގެ ދައުރު ވަނީ ކުޑަ މުއްދަތަކަށް ފަހު ނިމުމަކަށް އައިސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ