ޕެންޝަން ފައިސާ ދިނުމުގެ އުމުރު ހަމަނުވިޔަސް، އެ މީހަކީ ދާއިމީ ބައްޔަކަށް ފަރުވާ ކުރަންޖެހޭ މީހެއް ނަމަ، ޕެންޝަން ފައިސާ ދޫކުރެވޭ ގޮތަށް ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިނުގަނެ ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ޕެންޝަން ގާނޫނަށް މި އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެެވެ.
މިހާރު މި ގާނޫނު ބުނާ ގޮތުން:
ރިޓަޔާމަންޓް ސޭވިން އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާ ހަރަދުކުރުމަށް ދޫކުރެވެނީ ޕެންޝަން ލިބޭ އުމުރު ހަމަވުމުން
އިސްލާހު ހުށަހަޅާފައިވަނީ:
އެ އުމުރު ހަމަނުވިޔަސް، ދާއިމީ ބައްޔެއް ތަހައްމަލުކުރަން ޖެހިފައިވާ ނަމަ، އެ މީހުންގެ ބޭސްފަރުވާއަށް އެ ފައިސާ ދޫކުރެވޭ ގޮތް ހެދުމަށް
ތަފްސީލް - މި ބިލު ބޭރުކޮށްލާފައިވަނީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ތާއީދާ އެކު އެވެ. މި ބިލު ބަލައިގަންނަން ވޯޓުދެއްވީ އެންމެ ފަސް މެންބަރުންނެވެ.
މި ބިލުގައިވާ ގޮތުން:
ދާއިމީ ބައްޔަށް ބޭސްކުރަން އެ ފައިސާ ދޫކުރެވޭނީ އެ މީހަކީ އެފަދަ ބައްޔެއް ތަހައްމަލުކުރާ މީހެއްކަން އަންގައިދޭ ލިއުމެއް މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ އިދާރާއަކުން ނުވަތަ ސްޕެޝަލިސްޓް ޑޮކްޓަރެއް ދޫކޮށްފައިވާ ނަމަ
މި ލިއުމުގެ ސައްހަކަން މި ގާނޫނުގެ ދަށުން އެކުލަވާލާ މެޑިކަލް ސްޕެޝަލިސްޓުންގެ ޕެނަލަކުން ކަށަވަރުކުރަންޖެހޭނެ
އެކަމަށް ހުށައަޅާއިރު ރިޓަޔާމަންޓް ސޭވިން އެކައުންޓުގައި ފައިސާ ހުރި މީހަަކަށް ވާންޖެހޭ
އެފަދަ މީހަކަށް ބޭސްފަރުވާކުރުމަށް އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ވެސް ދޫކުރެވިދާނެ
މި އިސްލާހަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަސް ތެރޭ މެޑިކަލް ސްޕެޝަލިސްޓުންގެ ޕެނަލެއް ޕެންޝަން އޮފީހުން އެކުލަވާލަންޖެހޭނެ އެވެ. މި ޕެނަލުގައި ތިބެނީ މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީވެފައިވާ ތިން މެޑިކަލް ސްޕެޝަލިސްޓުންނެވެ.
ދާއިމީ ބަލިމީހުންނަށް ޕެންޝަން ފައިސާ ދެވޭ އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ