މާފަށް އެދެންޖެހޭ މީހުންގެ ކިބައިން މާފަށް ނޭދޭނަމަ ތައުބާވެ ހެޔޮ ޢަމަލުތައް ކުރިޔަސް އުފާވެރިކަން ނުލިބުމަކީ ގާތުގަ އޮތް ކަމެއް!

ޝައިޠާނާގެ މަޅީގައި ޖެހި ފާފަތައް ކުރެވެމުންދާއިރު ސިކުނޑިއަށާއި ހިތަށް ދާނީ ވަރަށް ބޮޑަށް ގެއްލުން ލިބެމުންނެވެ. ހިތުގައި ހަމައެކަނި ކަޅުތިލަ ޖަހާނީ އެއް ނޫނެވެ. ލޯވަޅުވެސް އެޅޭނެއެވެ. ޖަހާ ކަޅުތިލަތަކާއި އެޅޭ ލޯވަޅުތައް ސްކޭންތަކުން ނުފެންނާތީ ޤަބޫލުކުރަން އުނދަގޫވަނީއެވެ.  
އެކަމަށް އޮތް ފަރުވާއަކީ ތައުބާވުން ގިނަކުރުމާއިއެކު ޛިކުރުކުރުން ގިނަކުރުމެވެ. ތައުބާވެ ޛިކްރް ކުރިވަރަކަށް ލޯވަޅުތައް ދާނީ ބެދެމުންނެވެ. ހިތުގައި ޖެހި ކަޅު ތިކިތައްވެސް ދާނީ ފިލަމުންނެވެ. އެކަންކަން ޙާޞިލުކުރެވުމުން އުފާވެރިކަން ލިބޭނެއެވެ. އުފާވެރި ހުވަފެންތައްވެސް ފެންނާނެއެވެ. ސުވަރުގޭގެ މީރުވަސް ވެސް އިޙްސާސްކުރެވޭނެއެވެ. ދިރިއުޅުންވެސް ބާއްޖެވެރިވެ އުޖާލާވެގެންދާނެއެވެ. އިން ޝާ ﷲ  
ޛިކްރުކުރުން ގިނަކުރަން ބޭނުންވަނީވެސް އެމީހެއްގެ ހިތްވަރެވެ. ސާބިތުކަމެވެ. ދުނިޔަވީ ކަންކަން ކުރަން އަޒުމް ކަނޑައަޅާ ފަދައިން ޛިކުރު ކުރުމާއި ހެޔޮ އަމަލުތައް ކުރަންވެސް ޢަޒުމް ކަނޑައަޅަން އެބަޖެހެއެވެ. ޢަޒުމް ކަނޑައެޅި ގޮތަށް އަމަލުކުރަން ވެސް އެބަޖެހެއެވެ. ޢަޒުމާއި އެކު އަމަލުކުރަން ފަށައިފިނަމަ އެކަމަށް ﷲ ތަޢާލާ މަގުފަހިކޮށްދެއްވާނެތެވެ. އިސާހިތަކު އެއީ ކުރާހިތުން ކުރާ ލުއި ކަމަކަށް ބަދަލުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ. 
ކިތަންމެ ގިނައިން ފާފަ ކުރެވިފައިވީ މީހަކު ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ފުރިހަމަ ތައުބާއަކުން ތައުބާވެ ޛިކުރުކުރުން ގިނަ ކުރުމުން އުފާވެރިކަން ލިބި އެފަދަ ހުވަފެންތައް ފެންނަން ނުފެށި ނަމަ، އަދި އެމީހެއްގެ ޙަޔާތަށް އުފާވެރިކަމާއި ހިތް ހަމަ ޖެހުން ނުލިބޭނަމަ ކޮންމެވެސް ސަބަބެއް އޮންނާނެއެވެ. އެއީ މީހަކަށް ދެވިފައިވާ ބޮޑު ގެއްލުމަކަށް ނުވަތަ އަނިޔާއަކަށް މާފަށް ނުއެދެވި އޮތުން ކަމުގައިވެސް ވެދާނެއެވެ. ވީމާ މިއީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރަންފަށާއިއރު ވިސްނައިލަން ޖެހޭނެ ކަންކަމެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ