މިހާރު އެންމެ ގިނަވާ ބަލިތަކުގެ ތެރޭގަ މައިގްރޭން ހިމެނިއްޖެ! އެއީ ވޭންގަދަ ބައްޔެއް! މިގެނެސްދެނީ ތަދަށް އަމިއްލައަށް ކުރެވިދާނެ ބައެއް ކަންކަން!

ތިރީގައިވާ ލިޔުމަކީވެސް ބަލިތަކަށް މިއަދުނޫހުގެ ކިޔުންތެރިންގެ ހޭލުންތެރިކަން އިތުރުކުރުވަން މިއަދުނޫހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ސިލްސިލާއަށް އިތުރުކޮށްލެވޭ ބޮޅެކެވެ. ފަރުވާތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ! 
މައިގްރޭންގެ ސަބަބުން ބޮލުގައި ރިއްސުމާއި އެހެން ބާވަތްތަކުގެ ބޮލުގައި ރިއްސުމާއި ތަފާތު ކަމެއް އެކުލެވެއެވެ. މައިގްރޭންގެ ސަބަބުން ބޮލުގައި ރިއްސާނަމަ ފެނިދާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި ލޮލުގެ ފެނުމަށް ބަދަލުތަކެއް އައުމާއި، ބާރު އަޑުންނާއި ގަދަ އަލިން އުނދަގޫވުމާއި ބައެއް ކަހަލަ ވަސް ތަކުން އުނދަގޫވުމާއި އަދި މޭނުބައިކޮށް ހޮނޑުލެވޭގޮތްވުން ހިމެނެއެވެ. 
މި ބައްޔަށް އަދި ދާއިމީ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ބަލީގެ ތަދު ކުޑަކުރުމަށްޓަކައި ނުވަތަ މައިގްރޭން އެޕިސޯޑް ޖެހުމުން ރައްކާތެރިވުމަށްޓަކައި ޑޮކްޓަރީ ތަފާތު އެކި ބޭސްތައް ހުރެއެވެ. އަދި ގުދުރަތީ ފަރުވާއިންވެސް މައިގްރޭންގެ ސަބަބުން ކުރިމަތިކުރުވާ އުދަގޫތަކަން އިތުރު ލުޔެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. 
މައިގްރޭންގެ ސަބަބުން ކުރިމަތިކުރުވާ އުނދަގޫތައް ކުޑަކުރުމަށްޓަކައި ގޭގައި ކުރެވިދާނެ ބައެއް ކަންކަން:
1. އައިސް ޕެކް އެޅުން
މައިގްރޭންގެ ސަބަބުން ކުރިމަތިވާ ތަދަށް ލުޔެއް ހޯދުމަށްޓަކައި ނިއްކުރި މަތީގައި އައިސް ޕެކެއް އަޅާލާށެވެ. މިގޮތަށް ކަންތައް  ކުރުމުން ތަދު ކުޑަވާކަމަށްވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް ކަންތައް ކުރުމުން ތަދު ކުޑަކޮށްދެނީ ސީދާ ކީއްވެކަމެއް އަދި ކަމާބެހޭ ތަޖުރިބާކާރުންނަށްވަނީ ނުހޯދިފައެވެ. ތަދު ކުޑަކޮށްދެނީ އައިސް ޕެކް އެޅުމުން ލޭ ދައުރުވުން މަދުކޮށްދޭތީ ކަމަށްވުން އެކަށީގެންވެއެވެ. ގޭގައި އައިސް ޕެކެއް ނެތްނަމަ، ފޮތިކޮޅެއް އައިސް ފެނުގެ ތެރެއަށްލާ ތެއްމާލާފައި ނިއްކުރި މަތީގައި ބާއްލާލާށެވެ. ބޯމަތީ ނުވަތަ ކަރު މަތީގައިވެސް އައިސް ޕެކް ބޭއްވިދާނެއެވެ. 
2. އަނދިރި، ހަމަހިމޭން ތަނެއްގައި އަރާމުކޮށްލުން: 
މައިގްރޭންގެ ބަލި ތަހައްމަލު ކުރަމުންދާ ބޭފުޅުންނަށް ގަދަ އަލިންނާއި ބާރު އަޑުތަކުން އުނދަގޫވާކަމަށްވަނީ ފާހަގަކުރެވިފައެވެ. އަދި ހާއްސަކޮށް މައިގްރޭން އެޓޭކެއް އައިސްފައި ހުންނަ ވަގުތު ބޮޑަށް އުނދަގޫވުން އެކަށީގެންވެއެވެ. މައިގްރޭން އެޓޭކެއް އައުމުން، އަލި މަޑު ހަމަހިމޭން ތަނެއްގައި އަރާމުކޮށްލާށެވެ. 
3. ކަސްރަތުކުރުން: 
މައިގްރޭން ބަލި ތަހައްމަލުކުރަމުންދާ ބޭފުޅުން އަދި ކޮންމެ މީހަކުވެސް ކަސްރަތު ކުރުމަކީ އޭގެން ގިނަ ގުނަ ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭނެ ކަމެކެވެ. މައިގްރޭންގެ އެޓޭކެއް އައިސްފައިވާ ވަގުތު ކަސްރަތު ކުރުމުން އިތުރަށް ހާލަތު ގޯސްވުން އެކަށީގެންވެއެވެ. ވީމާ މައިގްރޭން އެޓޭކެއް އައިސްފައިވާ ވަގުތު ކަސްރަތު ނުކުރާށެވެ. ގަވައިދުން ކަސްރަތު ކުރާނަމަ، ބޮލުގައި ރިއްސުން ދުރުކޮށްދިނުމަށް އެހީތެރިވެދޭނެއެވެ. ކަސްރަތު ކުރުމުން ހަށިގަނޑުން ކެމިކަލްގެ ބާވަތެއްކަމަށްވާ އެންޑޯފިންސް ބޭރުކޮށްދޭނެއެވެ. މި މާއްދާއަކީ ތަދުތަކާ ދެކޮޅަށް މަސައްކަތްކުރާ މާއްދާއެކެވެ. އަދި ސްޓްރެސް ކުޑަކޮށްދީ ނިދުމަށް އެހީތެރިވެދޭ މާއްދާއެކެވެ. 
4. ރަނގަޅަށް ނިދުން: 
މައިގްރޭންގް ތަދަށް ލުޔެއް ހޯދުމަށްޓަކައި ރަނގަޅަށް ނިދަން އާދަކުރަންވާނެއެވެ. މާނިނައިން ނުވަތަ މާމަދުން ނިދާ ނަމަވެސް ބޮލުގައި ރިއްސުމަށް މަގުފަހިވެދާނެއެވެ. ކޮންމެ ރެޔަކުވެސް މަދުވެގެން 7 ނުވަތަ 8 ގަޑިއިރު ނިދާލެވޭތޯ ބަލަންވާނެއެވެ. އަދި ކޮންމެ ރެޔަކު ނިދާ ވަގުތުގައި ނިދުމަށް އާދަކުރާށެވެ. ހަމައެފަދައިން ފަތިހު ހޭލާ ގަޑި ކޮންމެ ދުވަހަކު އެއް ގަޑިއަކަށް ހެދޭތޯ މަސައްކަތް ކުރާށެވެ. 
5. ކެއުމަށް ބެލުން:
އަޅުގަނޑުމެން ކެއުމަށް އަންނަ ބަދަލުތަކާ ވިދިގެން މައިގްރޭން ތަދު ކުޑަވެ ބޮޑުވެއެވެ. މިހެން މި ދިމާވަނީ ކެއުމުގައި ހިމަނާލެވޭ ބައެއް އެއްޗެހިން މައިގްރޭންގެ އުނދަގޫ ބޮޑުކޮށްލާތީއެވެ. އެކި ބޭފުޅުންނަށް އުނދަގޫވަނީ އެކި އެއްޗެހި ކެއީމައެވެ. މިހެން ވަކި އެއްޗެއް ކެއީމަ މައިގްރޭންގެ އުނދަގޫ ބޮޑުވާކަން ފާހަގަ ކުރެއްވެއްޖެނަމަ އެ އެއްޗެއް ކެއުން ހުއްޓާލާށެވެ. ނުވަތަ މަދު ކޮށްލާށެވެ. ބައެއް ބޭފުޅުންނަށް މައިގްރޭންއަށް މަގުފަހި ކޮށްދޭ ކާނާގެ ތެރޭގައި ޕްރޮސެސްކޮށްފައިވާ މީޓް، ޗޮކްލެޓް އަދި ކެފައިން އެކުލެވޭ ބާވަތްތައްވަނީ ފާހަގަވެފައެވެ. ވީމާ އެބޭފުޅަކަށް އުނދަގޫވާ އެއްޗެއް ހޯދައި ބަލައި އެ އެއްޗެއް ކެއުން މަދު ކޮށްލުން ނުވަތަ ހުއްޓާލުމުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެއެވެ. 
6. މެގްނީޒިއަމް އެކުލެވޭ ބާވަތްތައް ކެއުމުގައި ހިމަނާލުން:
ހަށިގަނޑަށް ބޭނުންވާ މިނެރެލްއެއްކަމަށްވާ މެގްނީޒިއަމް މަދުވުމުންވެސް މައިގްރޭންގެ ތަދު ބޮޑުވުން އެކަށީގެންވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މެގްނީޒިއަމް ސަޕްލިމެންޓްރީ ނެގުމުން ބައެއް މީހުންނަށް މައިގްރޭން އެޓޭކްތައް އަވަސް އަވަހަށް ޖެހުމުން ދުރުކޮށްދެއެވެ. ވީމާ ކެއުމުގައި މެގްނީޒިއަމް މިންހެޔޮކޮށް ހިމަނާލާށެވެ. 
މި ބަޔާންކޮށްލެވުނީ ހަމަ ކޮންމެ ބޭފުޅަކަށްވެސް ގޭގައި ކޮށްލެވެދާނެ ކަންތައްތަކެއްގެ ވާހަކައެވެ. މަހެއްގެ ތެރޭގައި މާ ގިނައިން މައިގްރޭން އެޓޭކްއާއި ކުރިމަތިލާން ޖެހޭނަމަ ނުވަތަ މައިގްރޭންގެ ސަބަބުން އާންމު ދިރިއުޅުމުގެ މަސައްކަތްތަކަށް ހުރަސް އެޅޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާލަން ވާނެއެވެ. މައިގްރޭންއަކީ ވަރަށް އާންމު ބައްޔެކެވެ. ވަރަށް ގަދަޔަށް ބޮލުގައި ރިއްސާނެއެވެ. ނަމަވެސް މިއީ ދެނެގަންނަށް އުނދަގޫ ބައްޔެކެވެ. 
ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ޞިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.
 
-- އުންމު ނަވާރު
 
މައޫލޫމާތު ނެގީ:
11 migraine home remedies: Yoga, ice packs, supplements, and more (no date) WebMD. Available at: https://www.webmd.com/migraines-headaches/ss/slideshow-home-remedies-for-migraines.
Sherrell, Z. (no date) 15 home remedies for Migraine Relief, Medical News Today. Available at: https://www.medicalnewstoday.com/articles/322814#seeking-help.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ