ދަނުޝްއާ ހިތާވެގެން އުޅޭ ކަމަށް ބުނުމުން މްރޫނާލް ޖެހީ ޖޯކު

އިންޑިއާގެ ބަތަލާ މްރޫނާލް ތާކުރުއާއި ސައުތު އެކްޓަރު ދަނުޝްއަކީ ލޯބިވެރިން ކަމަށް ބުނެ, މީޑިއާތަކުން ޚަބަރު ފަތުރާތީ ބަތަލާ އެ ކަމަށް ޖޯކު ޖަހައިފިއެވެ. ސޯޝަލް މީޑިއާގައި މްރޫނާލްކުރި ޕޯސްޓެއްގައި ބަތަލާ ބުނެފައިވަނީ ގިނަ ބަޔަކު މްރޫނާލްގެ ޒާތީ ދިރިއުޅުމާ ބެހޭގޮތުން ވާހަކަދައްކާ ކަމަށާއި އެފަދަ ވާހަކަތަކުގެ ސަބަބުން ބަތަލާއަށް ހިލޭ ސާބަހަށް މަޝްހޫރުވުމުގެ ފުރުސަތު ލިބޭ ކަމަށާއި ހިލޭ ސާބަހަށް މީހުންކޮށްދޭ އެފަދަ މަސައްކަތްތަކަކީ ވަރަށް ގަޔާވާ ކަންކަމަށެވެ. ޓެލެވިޒަން ދާއިރާއިން ލިބުނު މަޝްހޫރުކަމާ އެކު ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ބަތަލާއާއި ސައުތު ސިނަމާގެ އެކްޓަރު ދަނުޝްއާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަކަމުގެ އަޑުތަކެއް އެރީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭއެވެ. މްރޫނާލްގެ މި ފަހުން ރިލީޒްކުރި ފިލްމު "ސަން އޮފް ސަރުދާރު 2"ގެ ޕްރީމިއާއިން ދަނުޝް އާއި ބަތަލާ އެކީގައި އުޅުނު މަންޒަރު ފެނުމާ އެކު އެ އަޑުތައް އިތުރަށް ގަދަވާން ފެށިއެވެ. ނަމަވެސް، މިހާތަނަށް ދެ ތަރިންގެ ގުޅުމާ ބެހޭގޮތުން އެއްވެސް މީހަކު ވާހަކަ ދައްކާފައެއް ނުވެއެވެ. މްރޫނާލް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓު--ފޮޓޯ/ޕިންކްވިލާ މްރޫނާލްގެ ފަރާތުން ސޯޝަލް މީޑިއާ ޕޯސްޓެއް އާއްމުކޮށްފައި މިވަނީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ޝްރެޔަސް އިއައާ އެކު ވެސް ބަތަލާގެ ލޯބީގެ ގުޅުމެއް އޮތްކަމަށް މީޑިއާތަކުން ބުނަން ފެށުމާ ގުޅިގެންގެންނެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޝްރެޔަސްއާ އެކު މްރޫނާލްގެ ސިއްރު ލޯބީގެ ގުޅުމެއް އޮންނަތާ މިހާރު މަސްތަކެއް ވެދާނެއެވެ. މްރޫނާލް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އެކްޓަރު ވަރުން ދަވަން އަދި ޕޫޖާ ހޭގްޅޭއާ އެކު ކުޅޭ ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" އަދި ސިދާންތު ޗަތުރުވެދީއާ އެކު ކުޅޭ ފިލްމު "ދޯ ދިވާނޭ ސެހެރް މޭ"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ