ޓީމުގެ ހިތްވަރުން ލިބުނު ކާމިޔާބުން ފެނިގެންދިޔައީ ފުޓްބޯޅަ އެހާ އަޑިނާޅާކަން ޓީމުގެ ހިތްވަރުން ލިބުނު ކާމިޔާބުން ފެނިގެންދިޔައީ ފުޓްބޯޅަ އެހާ އަޑިނާޅާކަން

ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން އިން އިންތިޒާމްކޮށްގެން ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ހޯދުމުން އެނގިގެންދިޔަ އެއް ކަމަކީ، ރާއްޖޭގެ ފުޓްބޯޅަ އެހާ އަޑިނާޅާކަން ކަމަށް ގައުމީ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ބުނެފި އެވެ.
ސައުތު އޭޝިއަން ސުޕަ ކަޕަކީ އެންމެ ފުރަތަމަ ހަތަރު ގައުމުގެ މެދުގައި ކުޅެން ރޭވި މުބާރާތެކެވެ. އެކަމަކު، ފަހު ވަގުތު ބަންގްލަދޭޝާއި ބޫޓާނުން ވާދަނުކުރަން ނިންމުމުން، ލަންކާ ފެޑެރޭޝަނުން ނިންމީ، ރާއްޖެ އާއި ލަންކާއާ ދެމެދު ދެ މެޗު ކުޅޭށެވެ. އެ ގޮތުން، ފުރަތަމަ ލެގުގައި، މި މަހު ހަ ވަނަ ދުވަހު ރާއްޖޭން ވަނީ 3-0 އިން މޮޅުވެފަ އެވެ. ދެ ވަނަ ލެގުގައި މިރޭ ރާއްޖޭން ވަނީ 1-1 އިން ލަންކާއާ އެއްވަރުކޮށް، އެގްރިގޭޓުން 4-1 އިން މޮޅުވެފަ އެވެ.
ރާއްޖޭން ސުޕަ ކަޕް މެޗުތަކަށް އައީ އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ ފަސް މެޗުން ވެސް މޮޅެއް ނުލިބި އެވެ. ދުނިޔޭގެ ރޭންކިންގައި ޓީމު ދިޔައީ ފަހަތަށެވެ. ސުޕަ ކަޕްގައި ރާއްޖޭން ކުޅުނު ލަންކާ އިން ދިޔައީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ރާއްޖޭގެ ޓީމުގެ ކޯޗަކަށް މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައި، ހަފްތާއެއްހާ ދުވަހުގެ ޕްރެކްޓިހަށް ފަހު ސުޕަ ކަޕަށް އައިއިރު، ސަމުއްޓެ ދެކޭގޮތުގައި، ޓީމު ތެރޭގައި އޮތް އެއްބައިވަންތަކަން ވަރަށް ބޮޑެވެ.
"އަސްލު ހަގީގަތަށް ބުނަންޏާ ގައުމީ ޓީމުގެ ކޯޗާ އެކީގައި ޕްރެކްޓިސް ކުރަން ލިބުނީ ވަރަށް ކުޑަ ދުވަސްކޮޅެއް، އެކަމަކު ފުރަަތަމަ ދުވަހުން ފެށިގެން ވެސް ހުރިހާ ކުޅުންތެރިން ކަނޑައެޅީ މި މުބާރާތުގެ ތަށި ހިއްލާލަން، އެ އަޒުމުގައި މި ކޮޅަށް (ލަންކާ އަށް) އައީ ވެސް، ޓީމު އެކަތިގަނޑެއްގެ ގޮތަށް މަސައްކަތް ކުރީމަ މި ކާމިޔާބު ލިބުނީ،" ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ސަމުއްޓެ ބުންޏެވެ.
ރާއްޖޭން އިއްޔެ ހަވީރު ދެ ވަަނަ މެޗަށް ނުކުތްއިރު، ފަޔަށް ލިބުނު އަނިޔާއަކާ ހެދި ފުރަތަމަ އެގާރައިގައި ސަމުއްޓެ ނެތެވެ. އެކަމަކު، ރާއްޖެ ޓީމުގެ އަހުމަދު ރިޒްވާން (ރިޒޭ) އަށް އަނިޔާވުމުން، ސަމުއްޓެ ވަނީ ބަދަލަކަށް ކުޅެން އަރައި، ޓީމުގެ ޑިފެންސްލައިނުގައި، މެޗުގެ ބާކީބައި ފުރިހަމަކުރިއިރު، މޮޅު ކުޅުމެއް ދައްކައިފަ އެވެ.
"ދެ ވަނަ މެޗު މި ފެށީ ފުދޭ ވަރަކަށް ޕްރެޝަރުގައި، ފަށާފައި، ފަހުން މަޑުމަޑުން ޓީމު މެޗު ތެރެއަށް ވަދެ، ވާނުވާ އެނގެން ފެށީމަ، މަޑުމަޑުން ރަނގަޅުވަމުން ދިޔައީ. އެހާ ކައިރިކައިރީގައި ދެ މެޗު ކުޅޭތީ އެ އުނދަގޫ އެ އައީ،" ރާއްޖޭގެ ލީގު ނުފެށި ގިނަ ދުވަސްތަކެއް ވެފައި އޮތުމުން ހުރި ދަތިތަކަށް އިޝާރާތްކޮށް ސަމުއްޓެ ބުންޏެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، މޮޅު ކުޅުމެއް ދެއްކި ސަމުއްޓެ ބުނީ، ރާއްޖޭގެ ފުޓްބޯޅަ އަށް ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބީ އަކީ އުންމީދެއް ކަމަށެވެ.
"ހަގީގަތަކީ މި ދެ މެޗަކީ މިހާރު ފުޓްބޯޅަ އޮތް ހާލަތުން ވަރަށް މުހިންމު ދެ މެޗު، އެއް މެޗުން މޮޅު، އަނެއް މެޗުން އެއްވަރުވެގެން މިދިޔައީ. މިއީ ވަރަށް މުހިންމު، އަނެއްހެން ބުނަންޏާ ދިވެހި ފުޓްބޯޅަ އަދި އަޑިނާޅާކަން މިހާރު މި އޮތީ ސާބިތުވާން، ކުރިއަށް އޮތްތާގައި އަދި ވެސް މިއަށް ވުރެން ރަނގަޅުވާނެ،" ސަމުއްޓެ ބުންޏެވެ.
ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބީގެ އުފާފާޅުކުރުން މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. ވީހާވެސް ގިނަ ސަޕޯޓަރުން މި އިވެންޓްގައި ބައިވެރިވުމަކީ، ޓީމަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ