އަނބިމީހާއަށްވުރެ ބޮޑަށް ދަރިން ދެކެ ފިރިމީހާ ލޯބިވާންމަ އޮތީ އުފާކުރުން! އެއީ ކައިވެނި ދަމަހައްޓާނެކަމުގެ ވަރަށް ބޮޑު ގަރަންތީއެއް!

ދަރިން ލިބުމުން ފިރިމީހާއަށްވުރެ ބޮޑަށް ދަރިންދެކެ ލޯބިވުމަކީ ގިނަ މަންމައިންގެ ސިފައެކެވެ. ނަމަވެސް ފިރިންނަށްބަލާއިރު އެއީ އެހައި ގިނަ ފިރިންނަށް ކުރެވޭ ކަމެއްކަމަށް ބުނެވޭކަށް ނެތެވެ. ގިނަ ފިރިންނަށް ބޮޑަށް ލޯބިވެވެނީ އަނބިމީހާ ދެކެއެވެ. ބޮޑަށް ސަމާލުކަން ދެވެނީވެސް އަނބިމީހާއަށެވެ.  
އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ ބައްޕަ ދަރިންދެކެ ލޯބިނުވާތީއެއް ނޫނެވެ. ދަރިފުޅުގެ މަންމަ، ދަރިފުޅުގެ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ބަލަހައްޓާނެކަމުގެ ޔަޤީންކަން އޮންނަލެއް ބޮޑުކަމުންކަމަށްވުމަކީ ވަރަށް ގާތުގައި އޮންނަ ކަމެކެވެ.  
ދަރިން ލިބުމުންވެސް ފިރިމީހާ ދަރިންނަށްވުރެ ތިމާދެކެ ލޯބިވާން ބޭނުންވާ އަނބިންވެސް ތިބެއެވެ. އަދިއެގޮތަށް އެކަންތައް މެދުވެރިނުވާނަމަ ޝަކުވާވެސް ކުރެއެވެ. ފިރިމީހާ ތިމާދެކެ ލޯބިނުވަނީ ކަމަށްވެސް ބުނެއެވެ.  
އަހުރެންގެ ގާތަށް ފަރުވާ (ކައުންސިލިންގ) ހޯދަން އަންނަ އެތައް ސަތޭކަ މިބާވަތުގެ އަނބިންގެ ކިބައިން ލިބުނު މަޢުލޫމާތަށް ބަލައި ބުނަމެވެ. މިއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. އެކަމުގެ ސަބަބުވެސް ބުނެދޭނަމެވެ.  
މިޘާލަކަށް ދަރިންނަށްވުރެ އަނބިމީހާ ދެކެ ލޯބިވާނަމަ އެއިގެ މާނައަކީ އޭނާއަށް ދަރިންގެ މުހިންމުކަން ކުޑަކަމެވެ. އެހެންކަމަށް ވެއްޖެނަމަ އޭނާ އަނބިމީހާ ދޫކޮށްލައި އެހެން އަންތބަކު ހޯދުމަކީ މައްސަލައަކަށް ނުވާނެއެވެ.
ނަމަވެސް ދަރިން ދެކެ ބޮޑަށް ލޯބިވާނަމަ ދަރިންގެ މަންމަ އެދަރިންނާއި ވަކިވާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. ވަރިއެއް ނުކުރާނެއެވެ. މައްސަލައެއް ޖެހުނަސް ދަރިންނަށްޓަކައި އެމައްސަލައެއް އެހައި ބޮޑުކަމަކަށް ނުހަދާނެއެވެ. ބަލާނީ މައްސަލަ ޙައްލުކޮށްގެން އަނބިމީހާ ގޮވައިގެން އުޅެވޭތޯއެވެ. ވީމާ ދަރިން ދެކެ ލޯބިވާ މީހަކު އަނބިމީހާ ދޫކޮށްލައި ދަރިންނާއި އަނބިމީހާ އާއި ވަކިވާކަށް ބޭނުމެއް ނުވާނެއެވެ.  
ހަމަ އެފަދައިން ދަރިންގެ މަންމަ ކަމަށްވީތީވެސް އަނބިމީހާގެ ހިތުގައި ޖެހޭނެ ފަދަ ކަމެއްވެސް ނުކުރާނެއެވެ. އެއީ އަނބިމީހާ ދެރަކުރީމާ އެކަމުގެ ގެއްލުން ދަރިންނަށް ލިބޭނެތީއެވެ. ދަރިންނަށް އަޅާނުލެވި ފަރުވާކުޑަކުރެވޭނެތީއެވެ.  
ވީމާ ފިރިމީހާ ތިމާއަށްވުރެ ބޮޑަށް ދަރިން ދެކެ ލޯބިވާނަމަ އޮތީ ކަންބޮޑުވެ ޝަކުވާކުރުމެއް ނޫނެވެ. އުފާކުރުމެވެ. އެއީ ދެމީހުން ވަކިނުވެ އެކުގައި އުޅެވޭނެ ކަމުގެ ވަރަށް ބޮޑު ހެއްކެކެވެ.
 
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ