ވިނީޝިއުސް އަށް އަންޗެލޮޓީ ނަސޭހަތްދީފި ވިނީޝިއުސް އަށް އަންޗެލޮޓީ ނަސޭހަތްދީފި

ސަންޓޯސް (ނޮވެމްބަރު 5) - ދާދި ފަހުން ކުޅުނު އެލް ކްލަސިކޯ މެޗުގައި، ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ، ބަދަލުކުރުމުން ރުޅި އައިސްގެން ހަރަކާތްތައް ހުރިގޮތުން، އޭނާ އަށް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ނަސޭހަތްދީފި އެވެ.
އެލް ކްލަސިކޯ މެޗުގައި ރެއާލުން 2-1 އިން ބާސެލޯނާ ބަލިކުރިއިރު، އެ މެޗުގެ ދެ ވަނަ ހާފުގައި ވިނީޝިއުސް ބަދަލުކުރުމުން، ރެއާލްގެ ކޯޗު ޒަބީ އަލޮންސޯގެ އެ ނިންމުމާ މެދު ވިނީޝިއުސް ހިތްހަމަނުޖެހުން ފާޅުކުރިތަން ވީޑިއޯތަަކަށް އަރައި، އޭނާ އަށް ފާޑުކިޔުންތައް އަމާޒުވި އެވެ.
ރެއާލްގެ ކުރީގެ ކޯޗު އަންޗެލޮޓީ ބުނީ، އެކަމާ ގުޅޭގޮތުން، ވިނީޝިއުސް، 25، އާ ވާހަކަ ދައްކައި، މައްސަލަ ހައްލުވެފައިވާ ކަމަށެވެ. އަދި، އަބަދުވެސް މި ކަހަލަ ކަމެއް ދިމާވެއްޖެނަަމަ، ވަރަށް ރަނގަަޅަށް ވާހަކަ ދައްކައި، އެ ފަދަ ކަންކަން ހިނގައިދިޔަ ގޮތާ މެދު ނަސޭހަތް ދޭން ޖެހިއްޖެނަމަ އެކަން ވެސް ކުރާ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެެެވެ.
"އަހަރެން ބުނިން ވިނީޝިއުސް ގާތުގައި އޭނަ ހެދީ ގޯހެއް ކަމަށް. އެކަން އޭނާ ވެސް ގަބޫލުކޮށް މާފަށް އެދުނު. ވިނީޝިއުސްގެ ނެތް އެއްވެސް މައްސަލައެއް، ރެއާލްގައި ވެސް ބްރެޒިލްގައި ވެސް، ކޯޗު (އަލޮންސޯ)އާ ވެސް. ދެން، އޭނަގެ ޒާތީ ދިރިއުޅުމުގެ ކަންކަމަކީ އަހަރެން ކޯޗެއްގެ ގޮތުގައި ވިސްނަންޖެހޭ ކަމެއް ނޫން. އަހަންނަކީ އޭނަ (ވިނީޝިއުސް)ގެ ބޭބެ ނޫނީ ބައްޕައެއް ނޫން،" އަންޗެލޮޓީ ބުންޏެވެ.
ވިނީޝިއުސް އަށް ވަނީ މި މަހު ބްރެޒިލުން ކުޅޭ މެޗުތަކަށް ނެގި ސްކޮޑުން ފުރުސަތު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ