މިދިޔަ 15 އަހަރު، އަސްކަރިއްޔާއަށް އޮތީ އަޅާނުލެވި: ވަޒީރު

މިދިޔަ 15 އަހަރެއްހާ ދުވަހު ދިވެހި އަސްކަރިއްޔާއަށް އަޅާނުލެވި އޮތްކަމަކު ޤައުމުގެ މިނިވަންކަން ދިފާޢު ކުރެވޭފަދަ އަސްކަރިއްޔާއަކަށް ދިވެހި އަސްކަރިއްޔާ ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ ޚާއްސަ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ފާއިތުވެދިޔަ ދެއަހަރެއްހާ ދުވަހު ދިވެހި އަސްކަރީއްޔާއިން ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައިވާކަމަށާއި، އޭގެ ތެރެއިންވެސް މިދިޔަ އަހަރު ނަޞްރުގެ ދުވަހުން ފެށިގެން މިއަހަރުގެ ނަޞްރުގެ ދުވަހާއި ހަމައަށް ހާސިލްކުރެވިފައިވާ ކާމިޔާބީތައް ފާހަގަކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމު ފަށައި، މިއަހަރުގެ ޖަލްސާގައި އެޕްރޮގްރާމުގެ ދަރިވަރުން ބައިވެރިވާކަމަށާއި، އެމްއެންޑީއެފް މެރީންކޯގެ ޤާބިލީއްޔަތުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވި މަސައްކަތަކާއި، ކޯސްޓް ގާޑުގެ ޤާބިލިއްޔަތުކަން ދެގުނަ ކުރެއްވުމަށް ރައީސް އިއުލާންކުރެއްވި މަސައްކަތްތައް ވެސް ވަރަށް ކާމިޔާބު ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެއާއެކު ވަޒީރު މިދިޔަ 15 އަހަރު ދުވަހު ވަޠަނުގެ ދިފާޢަށް ގޮވާލަމުން ދިޔަ ގޮވާލުމަށް އަޅާނުވެލި އޮތުމަށްފަހު އަދުގެ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ޤައުމުގެ މިނިވަންކަން ދިފާޢު ކުރެވޭފަދަ އަސްކަރިއްޔާއަކަށް ދިވެހި އަސްކަރިއްޔާ ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލުގެ ހިމާޔަތުގައި ފަލަ ރަތްރޮނގެއް ދަންމަވާ ވަށާޖެހޭ ދުރުވިސްނޭ އަސްކަރީ ސިޔާސަތެއްގެ ދަށުން ރާއްވަވާ އެފަދަ ރަތްރޮނގު ހިމާޔަތް ކުރެވޭފަދަ ޒަމާނީ އަސްކަރިއްޔާއަކަށް އަޅުގަނޑުމެންގެ ދިފާޢީ ބާރު، ބަދަލު ކުރައްވަން ފައްޓަވާ ރެއާއި ދުވާލު އެމަސައްކަތުގައި ޝާމިލްވެ ހޯއްދަވާ ގިނަގުނަ ކާމިޔާބީތަކަށް ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާއާއި ޝުކުރު ދަންނަވަން
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން 
ވަޒީރު ވަނީ ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ފައްޓަވާފައިވާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ބައިވެރިންނަށް، ޝަހީދުވި އަބްޠާލުންގެ ޚިދުމަތާއި މެދު ވިސްނަވައި މިއަދު ހަވާލުވި ޒިންމާގެ ބޮޑުކަން ދެނެގަތުމަށް އެދިވަޑައިގަންނަވާފައެވެ.
 ޝަހީދުވި އަބްޠާލުންގެ ހަނދާން ނައްތާނުލާ ޤައުމަށް ކުޅަދާނަވީ މިންވަރަކުން، ޝަހީދުންގެ އަޢިލާތަކަށް އިނާޔަތް ދިނުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، އެ ބިރުވެރި ދުވަހު ޝަހީދުވި އަބްޠާލުން ވެވަޑައިގެންނެވި ޤުރުބާނީއާއި ދިވެހިން ދެއްކި ހިތްވަރު ފާހަގަކުރައްވާ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ